
ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ ހަކުރުބަލީގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފާހަގަކޮށްފި އެވެ.
ބައިނަލްއަޤްވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 14 ވަނަ ދުވަހުގައެވެ. މި ދުވަސް ރާއްޖޭގެ ސިއްހީ އެކި މުއައްސަސާތަކުން މިއަދު ވަނީ ކުލަގަދަގޮތެއްގައި ފާހަގަކޮށްފައެވެ. އެގޮތުން އައިޖީއެމްއެޗުން ހަކުރުބަލީގެ ދުވަހާއި ގުޅުވައިގެން ހަކުރު ބައްޔަށް ސްކްރީން ކުރުމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަން ތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި އޭޑީކޭ ހޮސްޕިޓަލުންވެސް ވަނީ މި ދުވަހާއި ގުޅުވައިގެން ހަކުރުބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް ފައްޓާފައެވެ. އޭޑީކޭގައި ހަކުރު ބައްޔަށް ސްކްރީންކުރުން އެ ހޮސްޕިޓަލްގެ ގާރޑެން އޭރިއާގައި މިއަދު ހެނދުނު 10:00 ފެށިގެން ހަވީރު 16:00 އަށް ކުރިއަށް ދާނޭކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މާލޭގެއިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށެއްގައިވެސް މިއަދު ވަނީ ހަކުރު ބަލީގެ ދުވަސް ފާހަގަކޮށްފަ އެވެ. އެގޮތުން އއ. މަތިވެރީގެ ސިއްހީ މަރުކަޒުން އިސްނަގައިގެން މިއަދު ހެނދުނު 10:00 ފެށިގެން މެންދުރު 14:00އަށް ހަކުރު ބައްޔަށް ސްކްރީން ކުރަމުންދާނެކަމަށް އަރަށު ސިއްހީމަރުކަޒުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ބުނެފަ އެވެ.

ހަކުރުބަލީގެ ދުވަހާއި ގުޅުވައިގެން ދ. ބަނޑިދޫގައި މިއަދު ހެނދުނު ވަނީ ޑައިބީޓިކް ރަންގެ ނަމުގައި ހާއްސަ ދުވުމުގެ ހަރަކާތަކާއި ދޮރުން ދޮރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.

އަދި ހދ. ހުޅުދުއްފާރުގައި މި ދުވަހަށް ވަމުންގެންދާ ތައްޔާރީތަކުގެ ތެރެއިން ޑައިބީޓިސް ޕޭޝަންޓުންނާއި، ސިވިލް ސާވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާކަމަށް އެރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.

މީގެއިތުރުންވެސް ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައިވަނީ އާއްމުން ހޭލުންތެރިކުރުވުމާއި އަދި ކަސްރަތުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފަ އެވެ.




2018 ވަނަ އަހަރާއި މިއަހަރު ހަކުރުބަލީގެ ދުވަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އާއިލާ އަދި ހަކުރު ބަލި" މި ތީމެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)