ކޮވިޑް-19 ބަލި ނުވަތަ ކޮރޯނާވައިރަސް ޖެހިގެން ޓެސްޓު ކުރާ ބައެއް މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތި ޕޮޒިޓިވްވާ މީހުންނެވެ.
މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން ޓެސްޓުކުރި މީހުންގެ ތެރެއިން 40-45 އިންސައްތަ މީހުންގެ ކިބައިން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް އެމެރިކާގައި ކޮރޯނާވައިރަސް އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޑރ. އެންތަނީ ފައުޗީ ވިދާޅުވެފައިވެއެވެ.
އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް ނެރެފައިވާ އަދަދުތައް މިއާއި އެއްވަރެވެ.
ނަމަވެސް، ދާދި ފަހުން މިކަމާއި ގުޅޭގޮތުން ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ރިސާޗަރުން ވަނީ ދިރާސާއެއް ހަދާފައެވެ. ކްލިނިކަލް އެޕިޑެމިއޮލޮޖީ ގައި ޝާއިއުކުރެވިފައިވާ މި ދިރާސާއަށް ފަހު ދިރާސާގެ ލިޔުންތެރިން ވަނީ އަލާމާތެއް ނެތި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ގިނަވުމުގެ ސަބަބުން ގިނަ ކޭސްތައް ފެތުރެނީ ނޭނގުމެއްގެ ތެރޭގައި ތިއްބައި ކަމަށް ބުނެފައެވެ.
މި ދިރާސާ ހެދުމަށް ރިސާޗަރުން ބޭނުންކޮށްފައިވަނީ ކޮރޯނާވައިރަހާއި ގުޅޭގޮތުން ނެރެފައިވާ ބައިނަލްއަޣްވާމީ ތަފާސް ހިސަބުތަކެވެ. މި ދިރާސާގައި އެންމެ އާދައިގެ އަލާމަތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކެއްސުން، ހުން އައުން، އަދި ރަހަ އާއި ވަހަށް ބަދަލު އައުމެވެ.
ދިރާސާގައި ހިމަނާފައިވަނީ އެޕްރިލް 26 އިން ޖޫން 27 އާއި ދެމެދު ކޮވިޑް-19 އަށް ޓެސްޓު ކުރެވިފައިވާ 36،061 މީހުންނެވެ. މީގެ ތެރެއިން 115 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 86 އިންސައްތަ މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ.
މި ދިރާސާއަށް ފަހު ރިސާޗަރުން ވަނީ އަލާމާތްތައް ނުފެނުމުގެ ސަބަބުން އިނގިރޭސިވިލާތުގައި ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށް ބުނެފަ އެވެ. އަދި މިކަން ކަމަށް ބަލއި މިހާރު ކޮވިޑަށް ޓެސްޓުކުރުމުގައި ގެންގުޅޭ އުސޫލުތައް ބަދަލުުކުރަން ޖެހޭކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)