ހެނދުނު ކޮފީ ތައްޓަކާއެކު އެނދުން ހިއްލާނުލެވޭ މީހުންނަށް މި ފަހަރު އޮތީ މާ އުފާވެރި ހަބަރެއް ނޫނެވެ. ކޮފީ އަކީ ނިދިން ހޭލައްވާލާ މީހާ ފްރެޝް ކޮށްލާ ބުއިމެއް ކަމަށް ހީވިނަމަވެސް، ސައިންސްވެރިން ވަނީ ކޮފީ އަކީ ހެނދުނުގެ ނާސްތާގެ ކުރިން ބުއިމަށް ކަމުދާ ބުއިމެއް ނޫންކަމަށް ބުނެފަ އެވެ.
ސެންޓަރ ފޯރ ނިއުޓްރިޝަން، އެކްސަސައިޒް އެންޑް މެޓަބޮލިސަމް އިން ދާދިފަހުން ހެދި ދިރާސާއަކުން ވަނީ ރޭގަނޑުގެ ނިދި ހަމަނުވެ ހުރެ ހެނދުނުގެ ނާސްތާގެ ކުރިން ކޮފީ ބުއިމަކީ ބްލަޑް ޝުގަރ ލެވަލްއަށް ނޭދެވޭ އަސަރުކުރާ ކަމެއްކަމަށް ބުނެފަ އެވެ.
ބްރިޓިޝް ޖާނަލް އޮފް ނިއުޓްރިޝަންގައިވާ މި ދިރާސާގައި ވާގޮތުން ހެނދުނުގެ ނާސްތާގެ ކުރިން ކޮފީ ބޯނަމަ ލޭގައި ހުންނަ ގުލްކޯޒް ލެވަލްއަށް ނޭދެވޭ އަސަރުކުރުވަ އެވެ.
"ހެނދުނު ނިދާ ހޭލުމަށްފަހު އަހަރެމެން އެންމެ ފުރަތަމަ ކާ ކާނާގެ އަސަރު ބްލަޑް ޝުގަރ ކޮންޓްރޯލްއަށް ކުރޭ. އެހެންކަމުން ކޮފީ ބުއިން ފަސްކޮށްލުމަށްފަހު އެހެން ދުޅަހެޔޮ ކާނާއަކުން ދުވަސް ފެށުން މުހިއްމު." ސެންޓަރ ފޯރ ނިއުޓްރިޝަން، އެކްސަސައިޒް އެންޑް މެޓަބޮލިސަމްގެ ކޯ-ޑިރެކްޓަރ ޕްރޮފެސަރ ޖޭމްސް ބެޓްސް ވިދާޅުވެފައި ވެއެވެ.
29 އަންހެނުން އަދި ފިރިހެނުންނާއެކު ހެދި މިދިރާސާގައި ވަނީ ތަފާތު ތިން ގޮތަކަށް ދިރާސާ ހަދާފަ އެވެ. އެގޮތުން އެއް ރޭ ބައިވެރިން ވަނީ އެރޭ ރަނގަޅަށް ނިދުމަށްފަހު އަނެއް ދުވަހު ހެނދުނު އެންމެ ފުރަތަމަ ކާނާއަކަށް ހަކުރު ހުރި ބުއިމެއް ބޭނުންކޮށްފަ އެވެ. އަނެއް ރޭ ކޮންމެ ގަޑިއިރަކު ފަސް މިނިޓަށް ހޭލުމަށްފަހު ބައިވެރިން ވަނީ ހެނދުނު ހަކުރު ހުރި ބުއިމެއް ބޭނުންކޮށްފަ އެވެ. އަދި ތިންވަނަ ރޭ ބައިވެރިން ވަނީ 2 ވަނަ ރޭ ގޮތަށް ކޮންމެ އެއް ގަޑިއިރަކުން ހޭލުމަށްފަހު ހެނދުނު ކޮފީ ބުއިމަށްފަހު އޭގެ ތިރީސް މިނިޓްފަހުން ހަކުރު ހިމެނޭ ބުއިމެއް ބޭނުންކޮށްފަ އެވެ.
މި ދިރާސާ ހަދަން ފެށުމުގެ ކުރިން އަދި ފަހުގައި ހުރިހާ ބައިވެރިން ވަނީ ލޭގެ ޓެސްޓު ހަދާފައެވެ.
މި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި ހެނދުނު ނާސްތާގެ ކުރިން ކޮފީ ބުއި މީހުންގެ ލޭގައި ހުންނަ ގުލްކޯޒް ލެވަލް ވަނީ އޭގެ ތިރީސް މިނިޓް ފަހުން ހަކުރު ހިމެނޭ ޖޫސް ބުއިމުގެ ސަބަބުން 50 އިންސައްތައަށް މަތިވެފަ އެވެ. އެހެންނަމަވެސް ކޮފީގެ ބަދަލުގެ ހަމައެކަނި ޖޫހުން ދުވަސްފެށި މީހުންގެ ފަރާތުން ނޭދެވޭ އަސަރެއް ފެނިފައެއް ނުވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)