ސައިންސްވެރިން ވަނީ އިންސާނާގެ ހަށިގަނޑަށް ނިދި މުހިންމީ ކިހާވަރަކަށްތޯ އިތުރު ހޯދުމަކުން ދެނެގަނެފައެވެ. އެގޮތުން ވަކިން ހާއްސަކޮށް ސިކުނޑިއަށް ލިބޭ ފައިދާތައް މި އައު ދިރާސާއިން ވަނީ ހޯދިފައެވެ.
ސައިންސް އެޑްވާންސެސް ޖަރނަލްގައި ހުކުރު ދުވަހު ޝާއިއުކުރި މިދިރާސާއިން ވަނީ ނިދުމާއި ބެހޭގޮތުން ހެދިފައިވާ 60 އެހެން ދިރާސާއަކުން މައުލޫމާތު ނަގާފައެވެ. އެގޮތުން ނިދާފައި އޮންނަ ވަގުތާއި، "ރެމް ސްލީޕް"ގެ ވަގުތާއި، ސިކުނޑީގެ ބޮޑުމިނާއި ހަށިގަނޑުގެ ބަރުދަނަށް ބަލާފައިވެއެވެ.
މިދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ އުމުރާއި ގުޅިގެން ހަށިގަނޑަށް ނިދި މުހިންމުވަނީ ކީއްވެތޯ ކަމެވެ.
ނިދާފައި އޮންނަ ވަގުތު ސިކުނޑިން ފޮނުވާ ވޭވް ތަކާއި ސިކުނޑި ތެރޭގައި ހުންނަ ނާރުތަކުން ފޮނުވާ ސިގްނަލްތައް ތަފާތުވެއެވެ. އެގޮތުން މިބެހިގެންވަނީ ދެ ބަޔަކަށެވެ، ނުވަތަ ދެ ވައްތަރެއްގެ ނިންޖަށެވެ.
"ރެމް ސްލީޕް" އަކީ ފުން ނިދުމަކަށް ދެވޭ ވަގުތެވެ. މިވަގުތުގައި ހުވަފެން ފެނި، ކަޅި ދެފަރާތަށް ހިނގާނެއެވެ. "ނަން-ރެމް ސްލީޕް" ސައިންސްވެރިން ސިފަކުރަނީ ހުވަފެން ނުފެންނަ ވަގުތުކޮޅަށެވެ.
"ރެމް ސްލީޕް" ވަގުތުތަކުގައި ސިކުނޑިން އައު ސިގްނަލްތައް ފޮނުވައި ސިކުނޑިތެރޭ ހުންނަ ނާރުތައް ވަރުގަދަކޮށްދެއެވެ. މީގެ ސަބަބުން މުއާމަލާތު ކުރުމާއި، އައު އެއްޗެހި ދަސްކުރުމަށާއި، ހަނދާނުގައި އެއްޗެހި ބެހެއްޓުމަށް އެހީތެރވިދެއެވެ.
އުމުރުން 2.4 އަހަރުގައި، ދިރާސާއިން ދައްކާގޮތުގައި، ނިދީގައި ސިކުނޑިން އައު ސިގްނަލްތައް އުފެއްދުމުގެ ބަދަލުގައި، ސިކުނޑިތެރޭ ހަލާކުވެފައި ހުންނަ ނާރުތައް ހެދުމަށް އިސްކަމެއްދީ އެހީތެރިވެދޭން ފަށައެވެ.
"ރެމް ސްލީޕް" ގެ ވަގުތު އިންސާނާ ދުވަސްވާރަކަށް މަދުވެއެވެ. އަލަށް އުފަންވާ ތުއްތު ކުދިން ދުވާލަކު ނިދާ 16 ގަޑިއިރުގެ ތެރެއިން 50 އިންސައްތަ ވަގުތު ހޭދަކުރަނީ "ރެމް ސްލީޕް" ގައެވެ. ނަމަވެސް މި އަދަދު އުމުރުން 10 އަހަރުގައި 25 އިންސައްތައަށް، އަދި އުމުރުން 60 އަހަރުގައި 10-15 އިންސައްތައަށް ވެއްޓެއެވެ.
މިދިރާސާގައި އިސްކޮށް އުޅުއްވި ޕްރޮފެސަރ ވެން ސެވެޖް ވިދާޅުވިގޮތުގައި ނިންޖަކީ ކެއުމާއި ނޭވާލުމާއި އެއްވަރަށް އިންސާނާގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)