ލޭގެ ޕްރެޝަރު މަތިވުން ނުވަތަ ހައިޕަރޓެންޝަން އަކީ ހަށިގަނޑުގައި ލޭހިނގުމުގެ މިންގަނޑު(ލޭގެ ޕްރެޝަރު) ހުންނަންޖެހޭ މިންވަރަށްވުރެ މަތިކޮށް ހުރުމެވެ. އަދި ސިއްހަތު ސަލާމަތުން ހުރުމަށްޓަކައި ހަށިގަނޑުގައި ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންގަނޑުގައި ހުރުމަކީ ކޮންމެހެންވެސް ބޭނުންކަމެކެވެ.
އާއްމު ގޮތެއްގައި ލޭގެ ޕްރެޝަރ ހުންނަން ޖެހޭކަމަށް ބެލެވެނީ 90/60 މިލިމީޓަރ އެޗްޖީ އާއި 120/80 މިލިމީޓަރ އެޗްޖީ އާއި ދެމެދެވެ.
ލޭގެ ޕްރެޝަރު އަބަދުވެސް މަތިވާނަމަ ޕްރެޝަރ ދަށްކުރުމަށް ޑޮކްޓަރުން ބޭސްދީ އުޅެއެވެ. އެހެންނަމަވެސް ބޭސް ބޭނުންކުރުމުގެ އިތުރުންވެސް ލޭގެ ޕްރެޝަރު ދަށްކުރުމަށްޓަކައި އަމިއްލައަށްވެސް ކުރެވިދާނެ ގިނަ ކަންކަން އެބަހުއްޓެވެ.
އެގޮތުން ދާދިފަހުން އައިޖީއެމްއެޗްގެ ފިޒިޝަން ޑރ. މުހައްމަދު އަލީ ވަނީ މިފަދައިން ލޭމައްޗަށް ދާނަމަ އަމިއްލައަށް ލޭގެ ޕްރެޝާރު ދަށްކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ހިއްސާކުރައްވާފަ އެވެ.
1. ބަރުދަން ލުއިކުރުން:
ކަސްރަތުކޮށްގެން ނަމަވެސް ހަށިގަނޑުން ގާތްގަނޑަކަށް ލުއިވާ ކޮންމެ ކިލޯއަކަށް 1 މިލިމީޓަރ އެޗްޖީ ގެ ޕުރެޝަރ ދަށްވާކަމަށް ޑރ. އަލީ ވަނީ ވިދާޅުވެފައެވެ. މިއާއެކު ބަރުދަން ލުއިކުރުމުން މުޅިޖުމްލަ 5 ވަރަކަށް މިލިމީޓަރ އެޗްޖީ ގެ ޕުރެޝަރ ދަށްވެއެވެ.
2. ފައިދާހުރި ކާނާ ކެއުން:
ކެއުމުގެ ތެރޭގަ ތަރުކާރީ މޭވާ، ހޯލްގުރެއިންގެ މާއްދާ ހިމެނޭ އެއްޗިހި, އަދި ސަރުބީ މަދު ކިރުން ހަދާފަ ހުންނަ ތަކެތި ބޭނުން ކުރުން އިތުރު ކޮށްފި ނަމަ މުޅި ޖުމްލަ ގާތްގަނޑަކަށް 11 މިލިމީޓަރ އެޗްޖީގެ ޕުރެޝަރ ދަށްވެއެވެ.
3. ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުން:
ކެއުމުގައި ލޮނުގެ ތެރޭން ސޯޑިއަމްގެ އެންމެ އެދެވޭ މިންވަރަކީ ދުވާލަކު 1500މގ އަށްވުރެ މަދުން ބޭނުންކުރުމެވެ. އެހެންނަމަވެސް އެ އަދަދު 1000މގ އަށްވުރެ މަދުކުރެވިއްޖެނަމަ ލޭގެ ޕްރެޝަރ 5-6 މިލިމީޓަރ އެޗްޖީ އަށް ދަށްވެއެވެ. އަދި ކެއުމުގަ ޕޮޓޭސިއަމް ލޮނުގެ މިންވަރު 5000-3500މގ ގައި ބެހެއްޓިއްޖެ ނަމަ 4 މިލިމީޓަރ އެޗްޖީ އަށް ދަށްވެއެވެ.
4. ކަސްރަތު ކުރުން:
ހަފްތާއަކު 90-150 މިނެޓްގެ އެއޮރެބިކް ކަސްރަތު ކުރާއިރު ހިތުގެ ހިނގުން 65-75% ވަރުގައި އިފެހައްޓައިގެން ކުރާނަމަ ޕުރެޝަރ 8-5 މިލިމީޓަރ އެޗްޖީ އަށް ދަށްކޮށްލައެވެ. ހަމަ އެގޮތަށް ޑައިނަމިކް ކަސްރަތާއި އައިސޮމެޓްރިކް ރެސިސްޓެންސް ކަސްރަތުންވެސް ޕުރެޝަރ ދަށްކުރުވާކަމަށް ޑރ. އަލީ ވަނީ ވިދާޅުވެފަ އެވެ.
އެއޮރެބިކް ކަސްރަތުގެ ތެރޭގައި ހިނގުން، ދުވުން އަދި ފެތުން ހިމެނެއެވެ. ޑައިނަމިކް ކަސްރަތުގެ ތެރޭގައި ޕުޝް އަޕް އަދި ސްކޮޓް ފަދަ ހަރަކާތްތައް ހިމެނެއެވެ. އަދި އައިސޮމެޓްރިކް ރެސިސްޓެންސް ކަސްރަތުގެ ތެރޭގައި ޕްލޭންކް އަދި ޔޯގާގެ ބައެއް ހަރަކާތްތައް ހިމެނެއެވެ.
ޑރ. އަލީ ވިދާޅުވިގޮތުގައި މި ހުރިހާކަމެއް އެއްފަހަރާ ކުރި ނަމަވެސް، އެމީހެއްގެ ލޭގެ ޕްރެޝަރު ދަށްވެ މީހާގެ ހާލަތު ބޮޑުވުމަކީ ވަރަށް ނާޒުކު ކަމެއް ކަމަށެވެ. ސަބަބަކީ މިފަދަ ހާލަތުގައިވެސް ޕުރެޝަރ ދަށްވިޔަ ނުދޭން ހުންނަ ހަށިގަނޑުގެ މެކޭނިޒަމްތަށް މަސައްކަތް ކުރާނެތީއެވެ.
އެހެންނަމަވެސް ޕްރެޝަރު މަތިވެ ބޭސްކާން ޖެހިއްޖެނަމަ ކުރިން ބުނެފައިވާ ކަންކަން ކުރުމަށްފަހު ޕްރެޝަރު ދަށްކުރާ ބޭސްކާން މަޑުނުކުރުމަށް ޑރ. އަލީ ވަނީ އިރުޝާދުދެއްވާފަ އެވެ.
ހާއްސަކޮށް ޕުރެޝަރު ބޭހަކީ ދެވިހިފާ ބޭހެއް ނޫންކަމުން، ބޭސް ފެށުމަށްފަހު މަތީގައޮތް ކަންކަން ކުރުމުން ޕުރެޝަރ ދަށްވަމުން ދާނަމަ ޕުރެޝަރަށް ދޭ ބޭހުގެ އަދަދު ނުވަތަ ބާރު ގަދަ މިން ދަށްކުރެވޭނެއެވެ. އަދި ބައެއް ފަހަރަށް ހުއްޓާވެސް ލެވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)