މައިގްރޭން (އާދަޔާ ހިލާފަށް ބޮލުގައި ރިއްސުމަކީ) ވަރަށް ގިނަ މީހުން ތަހައްމަލްކުރަމުންދާ ކަމެކެވެ. މައިގްރޭން އަކީ ބޮލުގައި ރިއްސުން ކަމަށް ވިނަމަވެސް މިއީ އާދައިގެ ބޮލުގެ ރިހުމެއް ނޫނެވެ. މި ރިހުމުގެ ސަބަބުން ބޮލުގެ އެއްފަޅިން ވިންދު ޖަހާ އަދި ބޮލަށް އެނބުރުން އެރުމާއި، ހޮޑުލެވުން އަދި މި ނޫނަސް ގިނަ ކަންކަން ކުރިމަތިވެއެވެ.
ގިނަ ފަހަރަށް އަހަރެމެންނަށް މައިގްރޭން އަކީ އުމުރުން ބޮޑެތި މީހުންނަށް އެކަނި ދިމާވާ ކަމެކޭ ހީވާނަމަ މިއީ މުޅިން ގޯސް ވިސްނުމެކެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި މައިގްރޭންއަކީ ކުޑައިރުއްސުރެ ބައެއް މީހުން ތަހައްމަލްކުރާ ކަމެކެވެ. މާނައަކީ ކުޑަކުދިންވެސް މައިގްރޭންގެ ވޭން ތަހައްމަލް ކުރަންޖެހެއެވެ.
ބައެއް ކުދިންނަށް އެތަދު ބުނެދޭން ނޭނގުނު ނަމަވެސް އެކުދިންގެ ބިހޭވިއާއަށް އަންނަބަދަލުތައް ރަނގަޅަށް ދެނެގަނެއްވިއްޖެނަމަ މިކަން ފާހަގަވާނެ އެވެ.
ކުޑަކުދިން މައިގްރޭންގެ ސަބަބުން ބޮލުގައި ރިއްސާނަމަ އާންމުކޮށް ފެންނާނޭ އަލާމާތްތަކުގެ ގޮތުގައި ޑރ. ފައިސަލް ފާހަގަކޮށްފައިވަނީ:
· ބޮލުގެ އެއް ފަރާތަށް ވިންދުޖަހާގޮތަށް ތަދުވުން، އެއާއެއްކޮށް ބަނޑަށް، ކަރަށް އަދި ކަންފަތަށް ތަދުވުން
· މޭނުބައިކޮށް ހޮޑުލުން
· ލޮލަށް ފެންނަގޮތާއި އިހްސާސްތައް ތަފާތުވުން ހިމެނެ އެވެ.
މައިގްރޭން އަކީ އާންމުގޮތެއްގައި އާއިލީގޮތުން ވާރުތަކުރާ ބައްޔެކެވެ. ނަމަވެސް މާގިނައިން ޓީވީ ބެލުމާއި، ކުޑަކުދިންނާއި ނުގުޅޭ އެއްޗެހި ކެވުމާއި އޭގެ ވަހުންވެސް ތަދު ބޮޑުވާކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މައިގްރޭން ހުންނަކަން ފާހަގަވެފައިވާނަމަ އެކަންކަމުން ދުރުވުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މައިގްރޭންގެ އަލާމާތްތައް ހުރި ނަމަވެސް ސްކޭން ކުރުމުގެ ވަކި ކަންތައްތަކަކަށް ހާއްސަ ސަމާލުކަމެއ ދީގެން ބެލުމަކީ މުހިއްމު ކަމެކެވެ. އެގޮތުން:
· ސިކުނޑީގެ އުނިކަމެއް ހުރިކަމަށް ޝައްކުވާނަމަ
· ސްކޫލް ފަދަ ތަނަކުން ފެއިލްވެ އުޅުމަށް ބަދަލު އައުން
· އުސްތަނަކުން ވެއްޓުން
· ނިދާފައި އޮއްވާ ބޮލުގައި ރިއްސައިގަނެގެން ހޭލެވުން ނުވަތަ ފަތިހު ހޭލެވޭއިރު ތަދުހުރުން އަދި ތަދުވާވަރު އިތުރުވުން ފަދަ ކަންކަން ހިމެނެއެވެ.
މައިގްރޭންގެ ސަބަބުން ބޮލުގައި ރިއްސާނަމަ ބައެއް ފަހަރު ނިދާލުމުންވެސް ތަދަށް ލުޔެއް ލިބޭނެ އެވެ. އަދި ބައެއް މީހުންނަށް ހޮޑު ލެވުމުންވެސް ތަދުކުޑަވާކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)