ރާއްޖޭގައި އަހަރަކު މަދުވެގެން ހައެއްކަ ކުދިންނަށް ހަކުރުބަލި ޖެހޭ - ޑރ. ފައިސަލް
ރާއްޖޭގައި އަހަރެއްގެ މައްޗަށް މަދުވެގެން ހައެއްކަ ކުދިންނަށް ހަކުރުބަލީގެ (ޓައިޕް-1) ޖެހޭކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ޑރ. ފައިސަލް މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ކުޑަކުދިން ހަރަކާތްތެރިވެ އުޅޭ މިންވަރާއި ކެއުން ބުއިމަށް ބަދަލު އަންނަނަމަ ހަކުރު ބައްޔަށް ޓެސްޓްކުރަންޖެހޭނޭ ކަމަށް ވިދާޅުވެފަ އެވެ.
އޭގެތެރޭގައި- މާބޮޑަށް ބަރުދަން ލުއިވުމާއި، ވަރުބަލިވެ، މަޑުޖެހޭގޮތްވެފައި އިނުމާއި، އާދަޔާހިލާފަށް ކުޑަކަމުދިއުމާ އެއްކޮށް ފެންބޮއެ ހަދާކަމަށް ވާނަމަ ހަކުރު ހުރިތޯ ބެލުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ކުޑަކުދިން ބަރުދަން މާބޮޑަށް ލުއިވެ، ވަރުބަލިވެ، މަޑުޖެހި، އާދަޔާ ޚިލާފަށް ކުޑަކަމުދިއުމާއި އެއްކޮށް ފެންބޮއިހަދާ ކަމަށްވަންޏާ ހަކުރުވެސް ބަލަންޖެހޭނެ
— Ahmed Faisal (@Faisalnaifaru) June 20, 2020
🇲🇻ގައި އަހަރަކު މަދުވެގެން ހައެއްކަ ކުދިން ހަކުރުބަލި ޖެހޭ (އިންސިއުލިން ޖަހަންޖެހޭ ވައްތަރު)#diabetes
ހަމައެހެންމެ ރާއްޖެއިން އަހަރެއްގެ މައްޗަށް މަދުވެގެން ހައެއްކަ ކުދިންނަށް ހަކުރު ބަލި ޖެހޭކަން ފާހަގަ ކުރައްވައި، ޑރ. ފައިސަލް ވިދާޅުވީ މި އަދަދަކީ އިންސިއުލިން ޖަހަން ޖެހޭ ވައްތަރު (ޓައިޕް-1) ކަމަށެވެ.
ދިރާސާތަކުން އެނގޭ ގޮތުގައި ޓައިޕް-1 ޑައިބެޓިސް އަށް އަދި އެއްވެސް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެހެންކަމުން މި ވައްތަރު ހަކުރުބަލި ޖެހިއްޖެނަމަ ކުރަން އޮންނަ ކަމަކީ އިންސިއުލިން ޖަހައިގެން ލޭގައި ހުންނަ ހަކުރުގެ ލެވަލް އެއް ހަމައެއްގައި ހިފެހެއްޓުމެވެ. އަދި ކެއުމަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމެވެ.
މިދިޔަ އަހަރު ޝާއިއުކޮށްފައިވާ ހޯދުމަކުން ދައްކާގޮތުގައި އަހަރަކު 98،000 އަށް ވުރެ ގިނަ ކުޑަކުދިންނަށް ޓައިޕް-1 ޑައިބެޓިސް ޖެހެއެވެ.
ޓައިޕް-2 ޑައިބެޓިސް އާއި އަޅާބަލާއިރު ކުޑަކުދިންނަށް ގިނައިން ޖެހެނީ ޓައިޕް-1 ޑައިބެޓިސް އެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ކުޑަކުދިންނަށް ޓައިޕް-2 ޖެހޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)