މިއަދަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހެވެ. އެކި ކަހަލަ ސިއްހީ ސަބަބުތަކާއި ގުޅިގެން ލެއަށް ބޭނުންޖެހޭ މީހުންނަށް ލޭ ފޯރުކޮށްދިނުމަށް އިތުރަށް ހިތްވަރުދިނުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖޫން 14 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ މި ދުވަސް ފާހަގަކުރަމުންނެވެ.
އޭޝިޔާގައި އެންމެ ގިނައިން ލެއަށް ބޭނުންޖެހޭ ޤައުމުތަކުގައި ތެރޭގައި މި ކުޑަކުޑަ ދިވެހި ރާއްޖެވެސް ހިމެނެ އެވެ. ނިސްބަތުން ތެލަސީމިޔާ ކުދިން ގިނަ ދިވެހިރާއްޖޭގެ ބްލަޑް ބޭންކުން މިހާރުވެސް ހުރީ ލޭ ހުސްވާން ގާތްވެފަ އެވެ. އަދި ލެއަށް ބޭނުންޖެހިގެން ގިނަ ބަޔަކު މިހާރުވެސް ގެންދަނީ އާންމުންގެ އެހީއަށް އެދެމުންނެވެ.
ލޭ ހަދިޔާކުރުމުގައި އެންމެ މުހިއްމުކަމަކީ މީހަކު އެކަމަށް އެދެންދެން ހަދިޔާކުރަން މަޑުނުކޮށް ދަރުމައިގެ ގޮތުގައި އަބަދުވެސް ލޭ ހަދިޔާކުރުމެވެ. އެގޮތަށް އެންމެންވެސް އަމަލުކުރާނަމަ ބްލަޑް ބޭންކުގައި ހުސްނުވެ އަބަދުވެސް ލޭ ރައްކާކުރެވިފައި ހުންނާނޭކަމަށް މޯލްޑިވްސް ބްލަޑް ސާވިސްގެ ކްލިނިކަލް ނާރސްއެއް ކަމަށްވާ ގުލިސްތާން އީސާވަނީ ވިދާޅުވެފަ އެވެ.
"އަސްލު އެންމެ މުހިއްމުކަމަކީ އެންމެންނަށްވެސް ދުރާލާ ޤަވާއިދުން ލޭ ހަދިޔާކުރުމުގެ މުހިއްމުކަން އެނގުން. އެގޮތަށް ލޭ ހަދިޔާކުރާނަމަ އަބަދުވެސް ބްލަޑް ބޭންކުގައި ލޭ ހުންނާނެ."
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާގޮތުގައި ލޭ ހަދިޔާ ކުރަން ހޭދަވާ ކޮންމެ 15 މިނިޓަކުން ތިން ފުރާނައެއް ސަލާމަތް ކުރެވިދާނެ އެވެ. އަދި އެކަމަށްޓަކައި އެންމެ މުހިއްމީ އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ މީހަކަށް ވުމާއި، ބަރުދަނުގައި މަދުވެގެން 45 ކިލޯ ހުރުމުގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމެވެ.
ލޭ ހަދިޔާ ކުރުމަކީ ފަސޭހަ އަދި މަދު ވަގުތުކޮޅެއް ހޭދަވާ ކަމެއް ނަމަވެސް، އަދިވެސް ލޭ ހަދިޔާ ކުރަން ޖެހިލުންވާ މީހުން މުޖުތަމައުގެ ތެރޭގައި އުޅެއެވެ. އެފަދަ މީހުންގެ ބިރު ކެނޑޭނީ މީހަކު ބުނެގެން ކުރުމުގެ ބަދަލުގައި ދަރުމައަށް އަމިއްލައަށް ފެނިގެން ލޭ ހަދިޔާ ކުރުމުންކަމަށް ގުލިސްތާންވަނީ ވިދާޅުވެފަ އެވެ.
ހަމައެހެންމެ ލެޔަކީ އިންސާނުންގެ އެހެން ގުނަވަންތަކާއި ހިލާފަށް ރިޕްލޭސް ކުރެވޭނެ އެއްޗެއް ނޫންކަމުން ކޮންމެ ހާލަތެއްގައި ވެސް ލޭ ބޭނުންވެއްޖެނަމަ ލޭ ނާޅަ ފަރުޖެއްސޭކަށް ނޯވެއެވެ. އެހެންކަމުން އެކަމަށް ވިސްނައި ބަޔަކު ލޭފޮދަކަށް އެދުމުގެ ކުރިން ދަރުމައަށް ލޭ ހަދިޔާ ކުރުމަކީ އެކަމުގެ ސަބަބުން ހުދު އަމިއްލަ ނަފްސަށްވެސް ބޮޑު ހިތްހަމަޖެހުމެއް ލިބޭނޭކަމެއް ކަމަށް ގުލިސްތާން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ލޭ ހަދިޔާ ކުރާ މީހުންގެ ތެރެއިން ބޮޑު ޕަސެންޓެއް ލޭ ހަދިޔާ ކުރަނީ ކަމެއް ދިމާވެގެން ލޭ ހޯދަން މީހަކު އެދުމުންނެވެ. އެހެންނަމަވެސް މި ފަހަކަށް އައިސް ގިނަ އަމިއްލަ ފަރާތްތަކުން ދަނީ ދަރުމައަށް ލޭ ހަދިޔާކުރުމުގެ މުހިއްމުކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ބްލަޑް ކޭމްޕްތައް ހިންގަމުންނެވެ.
ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވަނީ 2020 ވަނަ އަހަރު އަންނަ އިރު، ކޮންމެ ގައުމަކަށް ވެސް ބޭނުންވާ ލެއަކީ ދަރުމަ އަށް ލޭ ހަދިޔާ ކުރާ މީހުންގެ ފަރާތުން ލިބޭ ލެޔަށް ހެދުމެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)