ލުއި ދިން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވޭ
މާލެ ސަރަހައްދުގައި ތަންފީޒްކޮށްފައިވާ ލޮކްޑައުންގެ ހާލަތަށް މާދަމާއިން ފެށިގެން ލުއިތަކެއް ގެނެވޭނެކަމަށް ސަރުކާރުން ވަނީ ބުރާސްފަތި ދުވަހު އިއުލާނުކޮށްފައެވެ. އެގޮތުން ހުއްދައަކާއި ނުލާ ބޭރުގައި އުޅެވުމާއި، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ލިބުން މީގެ ތެރޭގައި ހިމެނެއެވެ.
ނަމަވެސް ލޮކްޑައުން ލުއިކުރުމުގެ މާނައަކީ ވައިރަސްގެ ނުރައްކާ އެއްކޮށް ފިލައިގެން ދިޔުމެއް ނޫނެވެ. އެންއީއޯސީގައި ޤަވާއިދުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މިވާހަކަ ތަކުރާރުކޮށް ދެކެވެއެވެ. އަދި ލޮކްޑައުން ލުއިކުރުމާއެކު ކޭސްތައް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށްވެސް ޑޮކްޓަރުންވަނީ މިބައްދަލުވުންތަކުގައި ވިދާޅުވެފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީޤް ވިދާޅުވެފައިވަނީ ލުއިތައް ދީފައިވީނަމަވެސް އާއްމުންގެ ތެރޭގައި ބަލި ފެތުރެމުންދާތީ މާލެ އަދިވެސް އޮތީ ރެޑް އެލަރޓް ގައި ކަމަށެވެ. އަދި ސަލާމަތީ ފިޔަވަޅުތަކަށް އިތުރު އިސްކަމެއް ދޭން ނަޒްލާ ގޮވާލެއްވިއެވެ.
"ހަމަ ކޮންމެ ބޭފުޅެއްގެ ވެސް އަމިއްލަ ޒިންމާއެއް ގޮތަށް، އެއީ އަޅުގަނޑުމެންގެ އަމިއްލަ ރައްކާތެރިކަމަށާއި އާއިލާގެ ރައްކާތެރިކަމަށާ އަދި އަޅުގަނޑުމެންގެ ހަމަ ގައުމުގެ އެންމެންގެ ވެސް ރައްކާތެރިކަަމަށް އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުން ހުރިހާ ބޭފުޅުން ވެސް މިކަންކަމަށް ސަމާލުކަން ދެއްވައި އެކަންކަމަށް ހަަމަ އަމަލުކުރައްވާނެ އަޅުގަނޑުމެން އުއްމީދުކުރަން. މިއީ މިނިސްޓްރީ އޮފް ހެލްތުން ނޫނީ އެޗްޕީއޭ އިން ނޫނީ އެންއީއޯސީއަކުން އެކަނި ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެހެންކަމުން ރާއްޖޭގައި ދުވާލަކު އެވަރޭޖުކޮށް 40-50 ކޭސް ފެންނަމުންދާ ދަނޑިވަޅެއްގައި ބޭރުތެރެއަށް ނުކުމެ އުޅޭއިރު ވިސްނަންޖެހޭ ބައެއް ކަންތައްތައް ވެއެވެ.
ލޮކްޑައުންގެ ކުރިން ނެގި ފިޔަވަޅުތައް އަލުން އިސްކުރޭ
ކޮވިޑް-19 ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު ސިއްހީ ތަޖުރިބާކާރުން ވަނީ އިރުޝާދުތަކެއް ދީފައެވެ. ބަލިން ރައްކާތެރިވުމުގެ ގޮތުން ގައިދުރު ކުރުން އިސްކޮށް އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށެވެ.
މާދަމާ ބޭރުތެރެއަށް ނުކުންނަ އިރު އާންމުން ސަމާލުވާންވީ ހަމަ މިކަންތަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
އެގޮތުން އެޗްޕީއޭ އިން ވަނީ އާންމުން ސަމާލުވާންވީ ހަތަރު ކަމެއް ފާހަގަކޮށްފައެވެ.
· މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން
· މާސްކް އެޅުން
· ސައިބޯނި ލައިގެން އަތްދޮވުން
· ކެއްސާ ކިނބިހި އަޅާއިރު އަނގަ އާއި ނޭފަތް ނިވާ ކުރުން
ކޮވިޑް-19 އަކީ އަދިވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ. އެހެންކަމުން ސިއްހީ މާހިރުން ވިދާޅުވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިސްކަމެއް ދިނުމަށެވެ.
ބަލިން ރައްކާތެރިވުމުގެ ގޮތުން މިހަތަރު ފިޔަވަޅު ކޮންމެ މީހަކުވެސް އެޅުން މުހިންމެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް އިސްކަމެއް ދޭންވާނެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)