ހޯމް ކަރަންޓީނުގައި ތިބެން ޖެހިއްޖެނަމަ ވިސްނަންވީ ބައެއް ކަންކަން
ކޮރޯނާވައިރަހާއި ގުޅިގެން ރާއްޖޭގެވެސް ގިނަ ކަންކަމަކަށް ވަނީ ބަދަލު އައިސްފަ އެވެ. ގެއިން ބޭރަށް ނުކުތުމުން ފެށިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ނިޒާމަށްވެސް މި ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ.
އެހެންނަމަވެސް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށުމާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ވަނީ ލުއިތަކެއް ދޭން ފަށާފައެވެ.
އޭގެތެރޭގައި ކުރިން މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުންނާއި ކޮވިޑަށް ޝައްކުކުރެވޭ މީހަކާއި ދިމާވެފައިވާ މީހުން ކަރަންޓީނު ފެސިލިޓީތަކުގައި ކަރަންޓީނު ކުރުން ބަދަލުކޮށް ހޯމް ކަރަންޓީން ނުވަތަ ގޭގައި ކަރަންޓީނު ވެވޭގޮތް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ތައާރަފް ކޮށްފަ އެވެ.
ހޯމް ކަރަންޓީނުވާން ޖެހޭ ހާލަތަކީ ކޮބާ؟
ހޯމް ކަރަންޓީނު ވާންޖެހޭ ހާލަތްތަކުގެ ގޮތުގައި އެޗްޕީއޭއިން ބަޔާންކޮށްފައިވަނީ ކޮވިޑް-19އަށް ޝައްކުކުރެވޭ މީހަކާއި ދިމާވެފައިވުމާއި އަދި ކޮވިޑް-19ގެ ކޭސްތައް ފެތުރިފައިވާ ސަރަހައްދަކަށް ދަތުރުކޮށް އަދި ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންނެވެ.
އެންމެ މަދުވެގެން ހޯމް ކަރަންޓީނުގައި ބެހެއްޓޭނޭ މުއްދަތެއްގެ ގޮތުގައި އެޗްޕީއޭއިން ކަނޑައަޅާފައިވަނީ 14 ދުވަހެވެ.
ކަރަންޓީނުގައި ތިބޭއިރު ވިސްނަންވީ ކަންކަން
· އަލާމާތްތަކަށް ސަމާލުވުމާއި މޮނީޓަރ ކުރުން
ހޯމް ކަރަންޓީނުގައި ހުންނަ ދުވަސްވަރު ހަށިގަނޑުން މި ވައިރަހާއި ގުޅުންހުރި އެއްވެސް އަލާމާތެއް ފެނޭތޯ ގަވާއިދުން ޗެކްކުރަން ވާނެ އެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ތާމޯމީޓަރަކުން ހަށިގަނޑުގައި ހުން ހުރިތޯ ޗެކް ކުރަންވާނެ އެވެ.
އަދި އެއްވެސް އަލާމާތެއް ހަށިގަނޑުން ފެނިއްޖެނަމަ ލަސްނުކޮށް 1676އަށް ރިޕޯޓުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ހަމައެހަންމެ ނަފްސާނީގޮތުން ކުރިމަތިވާ ކަންކަމަށް ސައިކޮސޯޝަލްގެ އެހީ ހޯދުމަށް 1425އަށް ގުޅުމަށްވެސް އެ އެޖެންސީވަނީ އެދިފަ އެވެ.
ހޯމްކަރަންޓީނުގައި ތިބޭ މީހުންގެ ސިއްހީ ހާލަތު މޮނީޓަރ ކުރުމަށް "ހާލުބެލުން" އެޕް ބޭނުންކުރެވިދާނެ އެވެ.
· ކަރަންޓީނުގައި ހުންނަ މީހާގެ ޒިންމާތައް
ކަރަންޓީނުގައި ހުންނަ މުއްދަތުގައި ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް އެހެންމީހުންގެ އެހީ ހޯދިދާނެ އެވެ. އަދި އެތަކެތި ގޭގެ ދޮރުމަތީގައި ބެހެއްޓުމަށްފަހު ދިއުމަށް އެ ފަރާތްތަކަށް ފޯނު މެދުވެރިކޮށް އަންގަންވާނެ އެވެ.
މި މުއްދަތުގައި އެއްވެސް ހާލަތެއްގައި އިތުރު ފަރާތެއް ގެއަށް ވަނުން އަދި ކަރަންޓީނުގައި ތިބޭމީހުން ގެއިން ބޭރަށް ނުކުތުމަކީ މަނާކަމެކެވެ.
ހަމައެހެންމެ ކެއުމުގެ ކުރިންނާއި، ފާހަނާ ބޭނުން ކުރުމުގެ ފަހުން އަދި އެއްވެސް ތަނެއްގައި އަތްލުމަށްފަހު 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން އަތްދޮންނަން ވާނެއެވެ.
އަދި ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއިން އަނގަމަތި ނިވާކުރުމުގެ އިތުރުން ލޮލާއި ނޭފަތް އަދި އަނގައިގަ އަތްލުމުން ދުރުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ހާއްސަކޮށް ގޭގައި އިތުރު މީހުން ދިރިއުޅޭނަމަ، އެ ދިރިއުޅޭ ބަޔަކާއި އަބަދުވެސް ތިން ފޫޓުގެ ދުރުމިނެއް އަދި ކޮޓަރިން ބޭރަށް ނުކުންނަ ވަގުތު އަބަދުވެސް މާސްކް އަޅަންޖެހޭނެ އެވެ.
ކަރަންޓީނުގައި ހުންނަ މީހާއަށް ވަކިން ދިރިއުޅެވޭގޮތަށް ކޮޓަރިއެއް ހަމަޖައްސައިދޭން ވާނެއެވެ. އަދި ގޭގައި ދިރިއުޅޭ މީހުންނާއި ވަކިން ހިފާ ގެންގުޅޭ ތަކެތި ގެންގުޅުމަށާއި، އެއް ވަގުތެއްގައި ބަދިގެ ބޭނުންނުކުރުމާއި ކާންބޭނުން ކުރާ ތަށި ފަދަ ތަކެތި ބަހައްޓަން ޖެހޭނީ ވަކިންނެވެ.
ކަރަންޓީނުގައި ތިބޭ ނުރައްކާ ބޮޑު މީހުންނަކީ ކޮބާ؟
ކޮވިޑް-19ގެ ނުރައްކާ ބޮޑެތި މީހުންގެ ގޮތުގައި އެޗްޕީއޭއިން ބުނެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ:
· އުމުރުން 60 އަހަރުން މަތީގެ މީހުން
· ހަކުރުބަލި ހުންނަ މީހުން
· ކެންސަރު ބަލި ޖެހިފައި ތިބޭ މީހުން (ކީމޮތެރޕީ ހަދާމީހުން)
· ކިޑްނީގެ ބަލިތައް ހުންނަ މީހުން
· ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން
· ތެލެސީމިޔާ ބަލިމީހުން
· އެނދުމަތިވެފައިވާ މީހުން
· ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށި މީހުން
· ހިތުގެ ބަލި ހުންނަ މީހުން
އެގޮތުން މިފަދަ ބަލިތައް ހުންނަ މީހުންނާއި އަދި އުމުރުން ދުވަސްވީ މީހުން ހޯމް ކަރަންޓީނުގައި ބަހައްޓާނީ ގާތުގައި އެހީތެރިވެދޭނެ މީހެއް ހުންނަ ނަމައެވެ. މިފަދަ ފަރާތްތައް ހޯމް ކަރަންޓީނުގައި ހުންނައިރު ސަލާމަތީގޮތުން އިތުރަށް ވިސްނައި ފިޔަވަޅުތައް އަޅަންޖެހޭނެ އެވެ.
މީގެއިތުރުންވެސް އެޗްޕީއޭއިން ވަނީ ހޯމް ކަރަންޓީނުގައި ތިބޭއިރު ވިސްނަންޖެހޭ ގިނަ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި ކަރަންޓީނުގެ މުއްދަތުގައި އެކަންކަމަށް ވިސްނައި އަމަލުކުރުމަށް އެ އެޖެންސީއިން އިލްތިމާސް ކުރެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)