
ކޯވިޑް-19އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވެފައިވަނީ އެންމެ ދެމީހުންނެވެ. އެއީ ދެ ދިވެހިން ކަމަށް އެޗްޕީއޭއިން މިރޭގެ ވަގުތެއްގައި ވަނީ ބުނެފަ އެވެ.
މިއަދަކީ މިފަހަކަށް އައިސް ރާއްޖެއިން މި ވައިރަހަށް އެންމެ މަދުން މީހުން ޕޮޒިޓިވްވި ދުވަހެވެ.
ކޯވިޑް-19 އަށް މިއަދު އެންމެ ދެ މީހުން ޕޮޒިޓިވްވެފައި މިވަނީ މި ވައިރަހަށް ރާއްޖޭގައި ޓެސްޓްކުރަމުންދާ އެއް މެޝިން ހަލާކުވެފައިވާކަމަށް ސަރުކާރުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ. ހަލާކުވެފައިވަނީ އައިޖީއެމްއެޗުގައި ހުރި ދެ މެޝިނުގެ ތެރެއިން އެއް މެޝިނެވެ.
އެހެންކަމުން ގިނަ ރައްޔިތުންނެއް ދަނީ ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރެވެމުންދާ އަދަދާއި މެދު ސުވާލު އުފައްދާފަ އެވެ. ހާއްސަކޮށް މިއަދު ދެމީހުން ވައިރަހަށް ޕޮޒިޓިވްވިކަން ހާމަކުރުމުން ގިނަ ބަޔަކު ވަނީ ރާއްޖޭގައި މިހާރު މިވައިރަހަށް ޓެސްޓް ކުރެވޭ ކެޕޭސިޓީ އާއިމެދު ސުވާލު އުފައްދާފަ އެވެ.
ރޭގައި ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވަނީ މީގެފަހުން ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވި ނަމަވެސް ދެން ދޫކޮށްލާއިރު އިތުރަށް ބަލި ހުރިތޯ ޔަގީންކުރުމަށް ޓެސްޓެއް ނުހަދާނޭ ކަމަށެވެ.
ސަބަބަކީ މިފަދަ ޕީސީއާރު ޓެސްޓުތައް ހަތަރު ފަސް ހަފުތާ ފަހުންވެސް ޕޮޒިޓިވްކަމަށް ދައްކާ ކަމަށާއި، އަދި ފަހުގެ ދިރާސާއަކުން މިފަދަ ކޭސްތަކަކީ އިންފެކްޓިވް ކޭސްތައް ނޫންކަމަށް ބުނެފައިވާތީ ކަމަށެވެ.
ރާއްޖެއިން މިއަދުވެސް 10 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މި އަދަދާއެކު މިހާތަނަށް 773 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ރާއްޖެއިން މިހާތަނަށް އަށް މީހަކު ބަލީގައި މަރުވެފައިވާއިރު އޭގެ ތެރޭ ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު މީހުންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)