
ދަ ލަންޑަން ގާއީ އާއި، އެސްޓީ ތޯމަސް ހޮސްޕިޓަލުގެ އިތުރުން ކިންގްސް ކޮލެޖުގެ ޓީމުން ޤަބޫލުކުރާ ގޮތުގައި އެންޓި-އިންފްލަމެންޓަރީ އަދި ތަދު ކަނޑުވާ ބޭހުގެ ސަބަބުން ނޭވާލުމަށް ކުރިމަތިވާ ދަތިތަކަށް ފަރުވާ ކުރެވޭނެ އެވެ.
އެމީހުންގެ އުއްމީދަކީ އަގުބޮޑު ވެންޓިލޭޓަރުގައި ބޭއްވުމުގެ ބަދަލުގައި އަގުހެޔޮ މި ފަރުވާއިން ހެޔޮ ނަތީޖާއެއް ފެނުމެވެ.
‘ލިބަރޭޓް’ގެ ނަން ދީފައިވާ މި ޓްރައަލްގައި އާއްމު ފަރުވާގެ ތެރެއިން ދެބައިކުޅަ އެއްބައި ބަލިމީހުންނަށް އައިބިއުޕްރޯފެން ދޭނެ އެވެ.
މި ޓްރަޔަލްގައި އާންމުގޮތެއްގައި ބޭނުންކުރާ ބްރޫފަންގެ ބަދަލުގައި ބޭނުންކުރާނީ އައިބިއު ޕްރޯފެންގެ އައު ފޯމިއުލާއެއް ކަމަށް ދިރާސާ ޓިމުންވަނީ ބުނެފަ އެވެ. މިބޭސް އާރތްރައިޓްސް ފަދަ ބަލިތަކަށް ވެސް ބޭނުންކުރެއެވެ.
ޖަނަވާރުން ބޭނުންކޮށްގެން މީގެ ކުރިން ހެދި ދިރާސާތަކުން ވަނީ މި ބޭހުގެ ސަބަބުން އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރަމް އަށް ފަރުވާ ކުރެވޭކަމަށް ބުނެފަ އެވެ. މއީ ކޮރޯނާވައިރަހުގެ އެންމެ ނުރައްކާތެރި ފައްތަރުގައި ކުރިމަތިވާ ކަމެކެވެ.
މިކަމާއި ގުޅޭގޮތުން ކިންގްސް ކޮލެޖް ލަންޑަންގެ ޕްރޮފެސަރެއް ކަމަށްވާ މިތުލް މެހެތާ ވަނީ އެމީހުން އުއްމިދުކުރާ ކަންކަން ވާނޭކަން ސާބިތުކުރުމަށްޓަކައި ހެކި ދެއްކުމަށް ޓްރައަލްއެއް ހެދުން މުހިއްމު ކަމަށް ބުނެފަ އެވެ.
ކޯވިޑް-19 ޕެންޑަމިކްގެ ފުރަތަމަކޮޅު ވަނީ މި ވަައިރަސްގެ އަލާމާތްތައް ކުޑަކޮށް ފެންނަ މީހުން އައިބިއުޕްރޯފެން ބޭނުންކުރުމަކީ ނުރައްކާތެރި ކަމެއްކަމަށް ބުނެ ވާހަކަތަކެެއް ދެކެވިފަ އެވެ.
އެގޮތުން ފްރާންސްގެ ހެލްތް މިނިސްޓަރ އޮލިވާ ވެރެން ވަނީ އައިބިއުޕްރޯފެން ފަދަ ނަން-ސްޓްރޮއިޑަލް، އެންޓި- އިންފްލަމެންޓަރީ ޑްރަގް ބޭނުންކުރުމުން އިންފެކްޝަން އިތުރަށް ގޯސްވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އައިބިއުޕްރޯފެން ފަދަ ބޭހުގެ ބަދަލުގައި ޕެރެސެޓްމޯލް ބޭނުންކުރުމަށް އޭނާވަނީ ލަފާދެއްވާފަ އެވެ.
ހަމައެހެންމެ އިންސާނީ ބޭސްފަރުވާ އާއި ގުޅޭ ކޮމިޝަނުން ދިން ރިވިއުގައި ވަނީ ކޮރޯނާވައިރަސްގެ އަލާމާތްތަކަށް ޕެރަސަޓްމޯލް ބޭނުންކުރުން ރައްކާތެރިކަމަށް ބުނެފަ އެވެ. އަދި އައިބިއުޕްރޯފެނާއި ޕެރެސަޓްމޯލްއަކީ ވެސް ފުލޫ އާއި އެއްވައްތަރުގެ އަލާމާތްތަކުގައި ހުން މަޑުކުރުމަށް ބޭނުންކުރެވިދާނެ ބޭހެއް ކަމަށްވަނީ ބުނެފަ އެވެ.
ކޮރޯނާވައިރަހުގެ އެންމެ އާދައިގެ ކޭސްތަކުގައި އިނގެރޭސިވިލާތުގެ “އެންއެޗްއެސް” އިންވެސް ވަނީ އެންމެ ފުރަތަމަ ޕެރެސެޓްމޯލް ބޭނުންކުރުމަށް ލަފާދީފަ އެވެ. ސަބަބަކީ އައިބިއުޕްރޯފެން އާއި އަޅާބަލާއިރު ޕެރަސަޓްމޯލްގެ ސައިޑް އިފެކްޓްސް މަދުވުމާއި ގިނަ މީހުންނާއި ޕެރަސަޓްމޯލް ގުޅުމެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)