ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑީ ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ ފުރަތަމަ 8 ދުވަސްތެރޭގައި ކަމަށް ކެނަޑާގެ ރިސާޗަރުންތަކެއް ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އިނގިރޭސިވިލާތުގެ ނެޝަނަލް މައިކްރޮބައޮލޮޖީ ލެބޯޓަރީ އާއި ކަދަމް ޕްރޮވިންޝަލް ލެބޯޓަރީގެ އިތުރުން މެނިޓޯބާ ޔުނިވަރސިޓީއިން ވަނީ މި ތިއަރީ ޔަގީން ކުރެވިއްޖެނަމަ މިހާރު ބައްޔަށް ފަރުވާ ދޭ ގޮތާއި، އައިސޮލޭޓް ކުރާ ގޮތުގެ އިތުރުން، ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރާގޮތް ބަދަލުވެދާނޭކަމަށް ބުނެފަ އެވެ. މިދިރާސާއަކީ މިތިއަރީގެ މައްޗަށް މިހާތަނަށް ހެދި އެންމެ ބޮޑު ދިރާސާއެވެ.
މި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުން ކެނެޑާގެ މެނިޓޯބާ އަވަށުގެ 90 މީހުންގެ ނޭފަތާއި ކަރުން ސާމްޕަލް ނަގައި، ހެދި ޓެސްޓުތައް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. މި ސާމަޕްލްތައް ނަގާފައިވަނީ މާރޗް 12އިން ފެށިގެން އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ އާއި ހަމަޔަށެވެ.
ދިރާސާ ޓީމުން ނެގި ހުރިހާ ސާމްޕަލްތަކެއްވެސް ދުނިޔޭގެ މިހާރު އެންމެ އާންމު ޓެސްޓިން ވަސީލަތް ކަމަށްވާ ޕޮލިމެރާސް ޗެއިން ރިއެކްޝަން (ޕީސީއާރް) މެދުވެރިކޮށް ހެދި ޓެސްޓުތަކުން ވަނީ ސާރސް އާއިލާއަށް ނިސްބަތްވާ ކޯވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ.
އެހެންނަމަވެސް، ވައިރަހަށް މި އެންމެންވެސް ޕޮޒިޓިވްވިތާ ޖުމްލަ އަށްދުވަސް ފަހުން ވައިރަލް ގްރޯތްއަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ކްލިނިކަލް އިންފެކްޝަސް ޑިޒީސްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައި ވެއެވެ.
މި ދިރާސާއަށްފަހު ކަދަމް ލެބް އެސޯސިއޭޓް މެޑިކަލް ޑިރެކްޓަރ ޖެރާޑް ބްލާރޑް ވަނީ އަށް ދުވަސް ނުވަތަ އެއަށްވުރެ އިތުރަށް ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ އެމީހެއް ފުށުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކަމަށް ބުނެފަ އެވެ.
ބްލާރޑް ބުނިގޮތުގައި ވައިރަލް ކަލްޗާސްތައް އާންމުގޮތެއްގައި ހެދި ބޮޑުވުމަށް ހަފްތާއެއް ވަރު ނަގާނެއެވެ. އެހެންކަމުން ބަލިމީހާގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހުމުން ރައްކާތެރިކުރުމަށްޓަކައި އެ މުއްދަތުގައި ބަލީގެ އަލާމާތްތަކަށް ބަލައި، ބަލި ދެނެގަތުން މުހިއްމުކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މީގެ ކުރިން ޖަރުމަނު އަދި ޗައިނާގައި ސައިންސްވެރިން ކުރިއަށް ގެންދިޔަ ބައެއް ދިރާސާތަކުންވެސް މިކަމަށް ހެކިދޭ ބައެއް ދަލީލުތައް ވަނީ ފެނިފައެވެ. ޖަރުމަނުގައި ހެދި ދިރާސާ ވަނީ ނޭޗަރ ޖަރނަލްގައި ޝާއިއުވެސް ކޮށްފައެވެ.
މި ދިރާސާ ނިންމާލަމުންވެސް ރިސާޗަރުން ވަނީ މި ބަލީގެ ނުރައްކާ ބޮޑަށް އޮތީ އަލާމާތްތައް ފެންނަން ފަށާތާ ފުރަތަމަ އަށް ދުވަސް ތެރޭގައި ކަމަށް ބުނެފަ އެވެ.
މި ދިރާސާ އާއި ގުޅޭގޮތުން ވާހަކަދައްކަމުން ކެނެޑާގެ ޕަބްލިކް ހެލްތް އޭޖެންސީގެ މީޑިޔާ ރިލޭޝަންސް ޗީފް އެރިކް މޮރިސެޓް ވަނީ ކޯވިޑް-19 ޖެހި ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ވެސް ވައިރަހުގެ ޖެނެޓިކް މެޓީރިއަލެއް ކަމަށްވާ އާރް.އެން.އޭ ބަލިން ރަނގަޅުވާ ފަހުން ހަފްތާއެއް ވަންދެން މަދުން ނަމަވެސް ހުންނަ ކަމަށް ބުނެފަ އެވެ. އަދި މީގެ ސަބަބުން މިފަދަ މީހުން އެހާ އަވަހަށް ކަރަންޓީން އިން ދޫކޮށްލުމަށް ފަސްޖެހޭ ކަމަށް އޭނާ ބުންޏެވެ.
ކެނަޑާގެ މިދިރާސާގައި ލަފާދީފައިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން މަދުވެގެން 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމަށެވެ.
މި ދިރާސާގައި އިތުރަށް ބުނެފައިވާގޮތުން ބަލީގެ އެންމެ ނުރައްކާތެރި ދުވަސްވަރަކީ ބަލީގެ އަލާމާތްތައް ފާޅުވާން ފަށާތާ 3 ދުވަހުން ފެށިގެން ފަސް ދުވަހާއި ހަމަޔަށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)