ކޮވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވި 58 މީހުންނާއެކު މިހާތަނަށް ޕޮޒިޓިވްވު މީހުންގެ އަދަދު 1371އަށް އަރައިފި އެވެ.
އެޗްޕީއޭއިން މިރޭ ބުނީ މިއަދު ކޮވިޑް ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހުންގެ އިތުރުން އިންޑިއާގެ 14 މީހެއްގެ އިތުރުން ނޭޕާލްގެ ހަ މީހެއް ކަމަށެވެ.
އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވީ، 39 މީހުންނެވެ. އެހެން ކަމުން މިއަދު 58 މީހުން ޕޮޒިޓިވް ވުމާ އެކު މިއަދު ފެނުނު ބަލީގެ ކޭސްތަކުގެ އަދަދު މި ވަނީ، އިއްޔެ އާ އަޅާ ބަލާއިރު 48.7 ޕަސެންޓް އިތުރުވެފަ އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރޭގެ ނިޔަލަށް 127 މީހަކު ރަނގަޅުވެފައި ވެސް ވެއެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެސް ވެފައެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ތިން ދިވެހިންނަކީ ވެސް އުމުރުން ދުވަސްވީ މީހުނެވެ.
މި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ކޮވިޑް-19 ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އެދުވަހު ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވް 6000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި، ހޮސްޕިޓަލްތަކަށް ބާރުބޮޑުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)