ރާއްޖެއިން މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 47 މީހުންނެވެ. މި 47 މީހުންނާއެކު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،078އަށް އަރާފަ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި، 22 ބަންގްލަދޭޝް މީހެއްގެ އިތުރުން ނޭޕާލު 2 މީހުންނާއި، އިންޑިޔާ ހަތަރު މީހެކެވެ. މި އެންމެންގެ ތެރެއިން 14 މީހުންނަކީ އެކި ކޭސްތަކާއި ގުޅުން ހުރި މީހުންނެވެ.
މިރޭ ދަރުބާރު ގޭގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ރާއްޖޭގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ 199 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ވިދާޅުވެފަ އެވެ. އޭގެތެރޭގައި ޒަރޫރީ ބޭނުންތައް ފޯރުކޮށްދޭ މީހުންވެސް ހިމެނޭކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.
މިއަދު ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވިހޭތާ އެއްމަސްނުވާ ތުއްތު ކުއްޖަކުވެސް ހިމެނެ އެވެ. އެ ކުއްޖާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުންނެވެ. އަދި މިހާރު ކުއްޖާގެ މަންމަ ވައިރަހަށް ޓެސްޓު ކުރަމުންދާކަމަށް ޑރ. ނަޒްލާ ރަފީގް ވަނީ ވިދާޅުވެފަ އެވެ.
އިއްޔެ ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހިމެނޭ ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަގެ ތިން ކޭސްއަކީ އެތަނަށް ކޮންޓެކްޓެއް ދިއުމުގެ ސަބަބުން ފެނުނު ތިން ކޭސްގެ ގޮތުގައި ލަފާކުރެވޭކަމަށް ޑރ. ނަޒްލާ މިރޭވަނީ ވިދާޅުވެފައެވެ. ނަޒްލާ ވިދާޅުވީ އެތަން ލޮކްޑައުން ކޮށްފައިވިޔަސް، އެތަނުގެ ބައެއް މުވައްޒަފުން ވެސް ރަށު ތެރެއަށް ގޮސްފައިވާކަން އެނގިފައިވާކަމަށެވެ. އަދި އެ ސެންޓަރުން ތިން ޕޮޒިޓިވް ކޭސް ފެނުމާ އެކު ހިންމަފުއްޓަށް ގޮސް، އެ ރަށުގެ އެކި ތަންތަނުން 156 ސާމްޕަލް ނަގައިގެން މިރޭ ގެނެސްފައިވާކަމަށް ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 9 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭވަނީ ވިދާޅުވެފައެވެ. މިއާއެކު މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 59އަށްއަރާފައެވެ.
ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން 4 މީހެއް ވަނީ މަރުވެފަ އެވެ. އެއީ 3 ދިވެއްސަކާއި ބަންގްލަދޭޝް ރައްޔިތެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)