ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19އަށް ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މިއަހަރުގެ މާރޗް މަހުގެ 7 ވަނަ ދުވަހުގަ އެވެ. މިވައިރަހުގެ ރާޅު ރާއްޖެއަށް ވެސް ބިންދާލާނެކަމުގެ އިންޒާރު ލިބިފައި އޮއްވާ އެންމެ ފުރަތަމަ ކޭސް ފެނުނީ ރާއްޖެއަށް އާމްދަނީ ވަންނާނެ އެއް ވަސީލަތްކަމަށްވާ ޓޫރިޒަމް އިންޑަސްޓްރީގެ ތެރެއިންނެވެ.
ކުރެއްދޫއިން ތުރުކީގެ ފަތުރުވެރިޔާ ޕޮޒިޓިވްވި ހިސާބުން މިއަދާއި ހަމަޔަށް ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއްގެ ސަބަބުން ރާއްޖޭގެ އެތައް ކަމެއް މިވަނީ ބަދަލުވެފަ އެވެ.
ކުރެއްދޫގެ ކޭސް އާއި ގުޅިގެން ސަރުކާރުން ވަނީ ކޯވިޑް-19އަށް ހާއްސަ ޓާސްކްފޯސްއެއް އެކުލަވައިލާފައެވެ. އަދި ހަލުވިކަމާއެކު ހެލްތްޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ލަފާގެ ދަށުން ކުރި މަސައްކަތުގެ ނަތީޖާއަކީ ރިސޯޓުތަކުން ވައިރަސް ބޭރުނުވެ އެ ދުވަސްވަރަށް މަޑުޖައްސާލެވުމެވެ.
އެހެންނަމަވެސް ސިއްހީ އެހީތެރިންދިޔައީ އިޖްތިމާއީ ގައިދުރުކަން ނުބަހައްޓާ އެ ބޭފުޅުން ދޭ ލަފާތަކަށް އަމަލުނުކޮށްފި ނަމަ މާލެއިން ވައިރަސް ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްދާނޭކަމުގެ އިންޒާރު ދެމުންނެވެ.
އެންމެ ފުރަތަމަ ރާއްޖެއިން ޕޮޒިޓިވްވި ތުރުކީ މިހާގެ އިތުރުން އެއާ ވިދިގެން ވަނީ ބައެއް ރިސޯޓުތަކާއި ސަފާރީތަކުން 15 މީހަކު ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރޭގައި ގިނައިން ހިމެނެނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީގެ ފަތުރުވެރިންނެވެ.
އޭގެފަހުން މާޗްމަހުގެ 27 ވަނަ ދުވަހު ވަނީ ރާއްޖެއިން ފުރަތަމަ ފަހަރަށް ދިވެއްސަކު މިވައިރަހަށް ޕޮޒިޓިވްވެފައެވެ. އިނގިރޭސިވިލާތުގައި ހުރެފައި ރާއްޖެއައިސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުން ދިޔަ މިމީހާގެ އިތުރުން އެހެން ޤައުމުތަކުން ރާއްޖެއައިސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންދިޔަ އިތުރު ހަތަރު ދިވެއްސަކުވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
އެހެންނަމަވެސް އޭރު ރާއްޖެއިން ހަފްތާއަކު އެއްފަހަރުވެސް ގިނަ ފަހަރަށް ވައިރަހަށް ޕޮޒިޓިވްއެއް ނުވެއެވެ.
ނަމަވެސް ހާލަތު ބަދަލުވީ ތޮއްޖެހިފައިވާ މާލެއިން ފުރަތަމަ ފަހަރަށް ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވި ހިސާބުންނެވެ. ޖަރީމާގޭ ކްލަސްޓާގެ ފުރަތަމަ ކޭސްއަކީ މާލެއިން ފެނުނު ފުރަތަމަ މީހާއެވެ. މި ދިވެހި މީހާއަކީ ކޯވިޑް-19 ޖެހިފައިވާ އިތުރު ފަރާތަކާއި ކޮންޓެކްޓް ވެފައިވާ ފަރާތަކަށް ނުވާއިރު، އޭނާއަށް ވައިރަސް ޖެހުނީ ކިހިނެތްތޯ ވަނީ ސުވާލު އުފެދިފަ އެވެ.
މި ސުވާލުމާކުގެ ތެރެއިން އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ކޮންމެ ދުވަހަކު ވަނީ އެތައްބަޔަކު މި ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ބައެއް ދުވަސްދުވަހު ރާއްޖެއިން 200 އާއި ގާތްކުރާ އަދަދަށްވެސް މީހުން ވައިރަހަށް ޕޮޒިޓިވްވެފައި ވެއެވެ.
މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެތެރެއިން ބޮޑު އަދަދެއް ހިއްސާ ކުރަނީ މާލޭ ސިޓީގައި ތޮއްޖެހިގެން ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ އެވެ. މިއަދާއި ހަމަޔަށް ރާއްޖެއިން 557 ބަންގްލަދޭޝް ރައްޔިތަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ވައިރަހަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު އުޅެނީ 379 އެއްގައެވެ. އަދި އިންޑިޔާގެ 103 މީހަކާއި، ނޭޕާލުގެ 15، އިޓަލީގެ 11، ލަންކާގެ 6، ޕާކިސްތާނުގެ 3 އަދި އެހެނިހެން ޤައުމުތަކުން ހަތަރު މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
މި އެންމެންގެ ތެރެއިން 58 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހިގެން އެންމެ ފުރަތަމަ މީހާ މަރުވެފައިވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގަ އެވެ. އޭގެފަހުން މިހާތަނަށް ރާއްޖެއިން ވަނީ އިތުރު 3 މީހަކު މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ.
ހެލްތް މިނިސްޓްރީގެ ކޯވިޑް-19 ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއިން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 25 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި އުމުރުން 18 އަހަރުން ދަށުގެ 54 ކުދިން ވަނީ ޕޮޒިޓިވްވެފަ އެވެ.
އަދި މި ވައިރަހަށް ގިނައިން ޕޮޒިޓިވްވެފައިވަނީ ފިރިހެނުންނެވެ. އެގޮތުން ޕޮޒިޓިވްވި ފިރިހެނުންގެ އަދަދު 922 ގައި އުޅޭއިރު، އަންހެނުންގެ އަދަދު އުޅެނީ 156 އެއްގައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 10،78އަށް އަރާފައެވެ. އިއްޔެއަކީ މާލެއިން މިވައިރަސް ފެނުނުތާ މަހެއްވީ ދުވަހަށް ވާއިރު، އިއްޔެވަނީ ޕޮޒިޓިވް ރޭޓް 1000އަށް އަރާފައެވެ.
މެއި މަހުގެ ކުރިއަށް އޮތް ދެ ހަފްތާއަކީ ރާއްޖެއިން ކޮވިޑު-19އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ދެ ހަފްތާކަމަށް ޑރ. ޝީނާ މޫސާވަނީ މީގެކުރިންވެސް ވިދާޅުވެފަ އެވެ. ޕީކު ތެރޭގައި ޕޮޒިޓިވް ރޭޓް ގާތްގަނޑަކަށް 6000އަށް އަރާނެކަމަށް ލަފާކުރެވެއެވެ.
ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނުމުގެ ކުރިން ސިއްހީ މާހިރުން ވަނީ އެތައް ގޮތަކުން އިންޒާރުދީފައެވެ. އެހެންނަމަވެސް ކްލަސްޓާރ ތަކުގެ ތެރޭގައި މި އިންޒާރުތަކަށް ބީރު ކަންފަތެއްދިން ގިނަ ބަޔަކު ހިމެނެ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)