ރަމަޞާން މަހަކީ އަހަރުގެ ހުރިހާ މަސްތަކަކަށްވުރެ މުސްލިމުންނަށް ހާއްސަ މަހެކެވެ. ކެއުމުގެ ވައްޓަފާޅިން ފެށިގެން ދިރިއުޅުމުގެ ގިނަ ކަންކަމަކަށް އެ މައްސަރުގައި ގިނަ ބަދަލުތަކެއް އާދެއެވެ.
އާންމުގޮތެއްގައި ރަމަޞާން މަސް ފާހަގަވެފައި އޮންނަނީ ހަރަދުބޮޑު، އަދި އިސްރާފުކުރުން ގިނަ މަހެއްގެ ގޮތުގައެވެ. މިއީ މިފަދަ މާތް މައްސަރެއްގައި ކުރުން އެންމެ ހެޔޮނޫން އެއް އަމަލަށް ވިޔަސް، ގިނަ މީހުންނަށް މަސްފެށުމުން އެކަމުގެ މަތިން ހަނދާންނެތެއެވެ.
ހާއްސަކޮށް ބަނޑުހައިކަން މަތީގައި އެއްފަހަރާއި ގިނަ އަދަދަކަށް ކާއެއްޗެހި ތައްޔާރުކޮށްލެވުމުގެ ނަތީޖާއަކީ ބަނޑަށް ނުކުޅަދާނަވާ ވަރަށް ކެއުމާއި ޑަސްބިނަށް ނުކުޅަދާނަވާ ވަރަށް ކާއެއްޗެހި އިސްރާފުވުމެވެ.
ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަނުން (ޝީ)އިން ކުރިއަށް ގެންދާ ފޭސްބްކް ލައިވްގައި ވާހަކަފުޅު ދައްކަވަމުން ޑައިޓީޝަން އާސިޔާ އަބްދުއް ރަހީމް ވިދާޅުވީ ރަމަޞާންމަހު ރޯދަވީއްލުމަށްޓަކައި ތައްޔާރުކުރާ ހެދިކާގެ ބާވަތްތަކަކީ ސިއްހީގޮތުން އެންމެ ދަށްފެންވަރުގެ ބާވަތްތައް ކަމަށެވެ. އަދި ހެދިކާގެ ތެރޭގައި ހިމެނޭ އެންމެ ބަޖިޔަލެ އާދައިގެ ހަތަރު ރޮއްޓާއި އެއްވަރުކަމަށް އާސިޔާ ވަނީ ވިދާޅުވެފަ އެވެ.
ޝީ އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ލައިވްގައި ވާހަކަދައްކާފައިވާ މައުޞޫއު އަކީ " ދުޅަހެޔޮ ސިއްހަތަކަށް އިސްރާފްކުޑަ ސުފުރާ" އެވެ. މި މައުޞޫއުއަށް ވާހަކަދައްކަވަމުން އާސިޔާ ވިދާޅުވީ އާންމު ގޮތެއްގައި ދިވެހިން ރޯދަ ވީއްލުމަށް ކާނާ ތައްޔާރުކުރާއިރު، ލުއިކޮށްލުމުގެ ގޮތުން ހެދިކާ ތައްޔާރުކުރުމަކީ ހެދޭ ވަރަށް ގޯހެއް ކަމަށެވެ.
އާއްމުގޮތެއްގައި ގޭތަކުގައި ރޯދަ ވީއްލުމަށް ތައްޔާރުކުރާ ބާވަތްތަކުގެ ތެރެއިންވެސް ހެދިކާއާއި ފޮނިކާތަކެތި އަދި ފަނިނޫން ބާވަތްތައް ކެއުމަށް ރަނގަޅުކަމަށް އާސިޔާވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް ރޮށި، ބަތް ނުވަތަ ޕާސްތާ ކެއިނަމަވެސް، އެ ވަގުތަށް ބޭނުންވާ ވަރަށް ކެއުމަށާއި އަދި އާންމު މީހަކަށް ގާތްގަނޑަކަށް ބޭނުންވަނީ ތިން ވަރަކަށް ރޮށިކަމަށް އާސިޔާ ވިދާޅުވި އެވެ. އެހެންކަމުން ބޮލަކަށް ތިން ރޮށިޖެހޭ ވަރަށްވުރެ އިތުރު ފިހެފިނަމަ އިސްރާފުވުމުގެ ފުރުސަތުވެސް ބޮޑެވެ.
އާސިޔާ ވިދާޅުވީ މިދުވަސްވަރު އެންމެ ބޮޑަށް އިސްކަންދޭންވީ އިސްރާފް ކުޑަކުރުމަށާއި، އަދި އަނގަޔަށް މީރު ސިއްހީގޮތުންވެސް ރަނގަޅު ކާތަކެއްޗަށް ކަމަށެވެ. އަދި އިންސާނާގެ ހަށިގަނޑު މަސައްކަތްކުރާގޮތުންވެސް ބަނޑުހައިކަމުގައި ހުރެ ކާ ތަކެތި ތައްޔާރުކުރުމުގައި އިސްރާފުވުމުގެ ބައި ވަރަށް ބޮޑަށް ބޮޑު ކަމަށާއި، އެހެންވެ އެކަމާއި ދުރާލާ ތައްޔާރުވުމަށް އާސިޔާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)