ކޯވިޑް-19އަށް މިއަދު ރާއްޖެއިން އިތުރު 40 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 955 އަށް އަރާފަ އެވެ.
މިއަދު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 26 އިންޑިޔާ މީހުންނާއި ބަންގްލަދޭޝްގެ ނުވަ މީހުންގެ އިތުރުން 4 ދިވެއްސަކާއި، ލަންކާއަށް ނިސްބަތްވާ އެކަކު އެވެ. މީގެއިތުރުން އިއްޔެ ރާއްޖެއިން ވަނީ 26 މީހަކު ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 8 މީހަކު މިއަދުވަނީ ރަނގަޅުވެފަ އެވެ. މި އަށް މީހުންނާއެކު ރަނގަޅުވި މީހުންގެ އަދަދު ވަނީ 40އަށް އަރާފަ އެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ސާމްޕަލް ނެގުމަށް ފަހު ބަޔަކު ޕޮޒިޓިވްވީ ފަހުން ހަތްމީހަކު ފިލާފައިވާކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސައިޓްތަކުން ނެގި ސާމްޕަލްތަކުގެ ތެރޭގައި ހިމެނޭ ހަތަރު މީހަކާއި އެހެން ތިން މީހަކެވެ. އަދި އެޗްޕީއޭއިން ފުލުހުންގެ އެއްބާރުލުމާއެކު އޭގެތެރެއިން ހަތަރު މީހަކު ހޯދާފައިވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ޑރ. މޫސާ މުރާދު ވިދާޅުވީ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކު ވެންޓިލޭޓަރުގައި އޮތްކަމަށެވެ. މީގެ ތެރެއިން ދެމީހުން އޮތީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ. އަދި ހާލަތު ރަނގަޅު އިތުރު އެކަކު ޑީއެޗް-11 ގައި ހުރިކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
މީގެއިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެސް 10 މީހުން އެބަތިބި ކަމަށާއި އޭގެތެރެއިން އެކަކުގެ ހާލު ވަރަށް ބޮޑަށް ސީރިއަސްކަމަށް ޑރ. މުރާދު ވަނީ ވިދާޅުވެފަ އެވެ. އަދި ދެ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށްވެސް ޑރ. މުރާދު ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ވަނީ 3 މީހަކު ކޯވިޑް-19 ޖެހިގެން މަރުވެފައެވެ. އެއީ ދެ ދިވެހިންނާއި އެއް ބިދޭސީ އެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)