ކޯވިޑް-19 ފެތުރެމުންދާ މި ނުރައްކާތެރި ދަނޑިވަޅުގައި އެންމެ ލިބުން ދަތި އެއްޗެއްސަކީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ގެ ވަސީލަތްތަކެވެ. ހާއްސަކޮށް ކޯވިޑް-19 ޖެހިފައިވާ ބަލިމީހުންގެ ގާތުގައި ހަރަކާތްތެރިވާ ޑޮކްޓަރުން ބޭނުންކުރާ ހަޒްމަޓް ސޫޓަކީ ރާއްޖެފަދަ ކުޑަ ޤައުމަކަށް ވަރަށް ތަދު އެއްޗަކަށް ވާނެއެވެ.
ރާއްޖޭގައި ވެސް ކޯވިޑް-19 ގެ ގިނަ ކޭސްތަކެއް ފެނިފައިވާއިރު، މި ވައިރަހުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި އަދި އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ވަރަށްވެސް ގިނަ އެވެ. އަދި މި އެންމެންނަކީވެސް މަސައްކަތަށް ނުކުންނައިރު އަމިއްލަ ސަލާމަތަށް އިސްކަންދޭން ޖެހޭނެ މީހުންނެވެ. އެހެންނަމަވެސް މިފަދަ އެންމެން ހަޒްމަޓް ސޫޓް އަޅަންޖެހޭނެ ކަމާއި މެދު ގިނަ ޑޮކްޓަރުންގެ ހިޔާލުތަފާތެވެ.
ހަޒްމަޓް ސޫޓް ނުވަތަ ހަޒާޑަސް މެޓީރިއަލް ސޫޓަކީ ނުރައްކާތެރި ކެމިކަލް ނުވަތަ ވައިރަހަކުން ރައްކާތެރިވުމަށްޓަކައި އަޅާ ޕީޕީއީގެ ތެރޭގައި ހިމެނޭ ބައެކެވެ. މި ސޫޓް ތައްޔާރުކޮށްފައިވަނީ ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ބޭރަށް ފާޅުނުވާގޮތަށެވެ. އެގޮތުން އަނގަޔާއި ނޭފަތް ފޮރުވައިދޭ މާސްކާއި ލޯ ފޮރުވައިދޭ ޝީލްޑްގެ އިތުރުން މި ސޫޓް ފަރުމާކޮށްފައިވަނީ އަތްތިލައާއި ފައިތިލަވެސް ފޮރުވޭ ގޮތަށެވެ. މިއީ މިކަހަލަ ދަނޑިވަޅެއްގައި ލިބުން ދަތި އަދި އެހާމެ އަގުބޮޑު އެއްޗެކެވެ.
ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ ސައިޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އެކަމޮޑޭޝަން ޗެކްކުރުމަށް ދާ ޓީމުގެ ފޮޓޯއެއް ޓްވިޓާއަށް ލާފައެވެ. މި ފޮޓޯގައި ވާގޮތުން ޓީމުގައި ހިމެނޭ ފަސް މެމްބަރުން ވެސް ތިބީ ހަޒްމަޓް ސޫޓް ލައިގެންނެވެ.
މި ޓްވީޓް ވަނީ ރާއްޖޭގެ ގިނަ ޑޮކްޓަރުންތަކެއް ޓްވީޓް ކޮށްފައެވެ. އަދި މާލޭގައި ވައިރަސް ފެތުރި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާ ދަނޑިވަޅެއްގައި މިފަދަ އިންސްޕެކްޝަންތަކަށް ހަޒްމަޓް ސޫޓްލުން ކޮންމެހެން މުހިއްމުތޯ ބައެއް ޑޮކްޓަރުން ވަނީ ސުވާލު އުފައްދާފަ އެވެ.
މިފަދަ ތަންތަނަށް ދާއިރު ރަނގަޅު ޕީޕީއީއެއް ލައިގެން ރައްކާތެރިވުން މުހިއްމު ނަމަވެސް، ހަޒްމަޓް ސޫޓްފަދަ ލިބުން ދަތި އެއްޗެއް މިގޮތަށް އިސްރާފު ނުކޮށް ރައްކާތެރިވެވޭނެ އިތުރު ގޮތްގޮތަށް ރައްކާތެރިވުމަށް ޑރ. ޖުހައިނާ ހަމީދު ވަނީ އެދި ލައްވާފަ އެވެ.
ޑރ. އިސްމާއީލް ލަތީފް ވިދާޅުވަނީ މިހާލަތުގައި ލޯ ނިވާ ކުރާ ގޮގަލް، މޫނުގައި އަޅާ މާސްކް އަދި އަންގި ބޭނުން ކުރުމުން ފުދޭނެ ކަމަށެވެ.
ކޯވިޑް-19 މުޅި ދުނިޔެއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ގިނަ ޤައުމުތަކަށް ވަނީ ޕީޕީއީ ނުލިބުމުގެ އުނދަގޫ ތަހައްމަލްކުރަން ޖެހިފައެވެ. އެގޮތުން އިޓަލީ ފަދަ ދުނިޔޭގެ ބައެއް މުއްސަނދި ޤައުމުތަކުން ވަނީ ޕީޕީއީ ހުސްވުމުގެ ސަބަބުން ޑަސްބިން ކޮތަޅު ފަދަ އެއްޗެހި ބޭނުންކުރަން ޖެހޭ ދަރަޖައަށް ގޮސްފައެވެ.
އެހެންކަމުން ރާއްޖެ ކަހަލަ ކުޑަކުޑަ ޤައުމަކަށް ލިބޭ މިފަދަ މަދު ވަސީލަތެއްގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން އެބަ ޖެހެއެވެ. ހާއްސަކޮށް ރާއްޖޭގެ ޕީކް ދުވަސްތައް ކުރިއަށް އޮތްއިރު އެ ދުވަސްތަކަށްވެސް މިފަދަ މުހިއްމު އާލާތްތައް ސަލާމަތުން ބެހެއްޓުމަށް ގިނަ ޑޮކްޓަރުން އެދެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)