ކޯވިޑް-19 އަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ހަމަޖެއްސުމާއެކު، މިވަގުތު 5 މީހަކަށް އެހޮސްޕިޓަލުގައި ފަރުވާދޭކަމަށް އައިޖީއެމްއެޗް އިން މިއަދު ބުނެފިއެވެ.
އައިޖީއެމްއެޗް އަދި ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރ ޑރ. އަލީ ނަޒީމް ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރެވެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލުބޮޑުވާ މީހުން ކަމަށެވެ.
އަދި އެއުސޫލުގެ ދަށުން މިވަގުތު ފަސް ޕޭޝަންޓެއް ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާކަމަށް ޑރ. އަލީ ނަޒީމް ވިދާޅުވިއެވެ.
މީގެ އިތުރުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލް ކޯވިޑް-19 އަށް ހާއްސަ ފެސިލިޓީއަކަށް ހެދުމާއެކު އެންމެ ފުރަތަމަ ބަލިމީހާ ބަދަލުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
އަދި މިކަމާ ގުޅޭގޮތުން ޓްރީޓޮޕް ހޮސްޕިޓަލާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދު މިދިޔަ މަހު 26 ވަނަ ދުވަހު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ބަލިމީހުން ރާއްޖޭގައި އެންމެ ގިނަ ވާނެކަމަށް ލަފާ ކުރާ ދުވަހު އައިޖީއެމްއެޗްގެ 75 ޑޮކްޓަރުންނާއި 300 ނަރުހުން ޓްރީޓޮޕްގައި މަސައްކަތް ކުރާނެ ކަމަށް ޑރ. އަލީ ނަޒީމް ވިދާޅުވިއެވެ. މިއީ އައިޖީއެމްއެޗް ސްޓާފުންގެ ބޮޑު ބައެއް ނަމަވެސް އައިޖީއެމްއެޗްގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެކަމަށް އޭނާ ފާހަގަކުރިއެވެ.
ކޯވިޑް-19 ގެ ބަލީގެ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި މިވަގުތު ޚާއްސަ ކޮށްފައި ވަނީ 45 އެނދެވެ. އެއީ 15 އައިސީޔޫ އެނދާއި 30 ޖެނެރަލް ބެޑެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)