ރާއްޖެއިން މިއަދު އިތުރު 23 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 519އަށް އަރައިފި އެވެ.
ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝް ރައްޔިތުންނެވެ. އެގޮތުން މިއަދުވެސް ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ ދެ މީހަކު ވައިރަހަށް ޕޮޒިޓިވް، ޖުމްލަ އަދަދު 265އަށް އަރާފަ އެވެ.
އަދި ސްރީލަންކާގެ އެކަކުގެ އިތުރުން މިއަދު ޕޮޒިޓިވްވި ބާކީ 20 މީހުންނަކީ ހުސް ދިވެހިންނެވެ. އެހެންކަމުން ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 178އަށް އަރާފަ އެވެ.
ރާއްޖޭގައި ކޯވިޑް-19އަސް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އިތުރުވުމާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މިވަގުތު ބައްޔަށް ހުށަހެޅިފައި ތިބި ބިދޭސީން މިރެއިން ފެށިގެން ކަރަންޓީނު ފެސިލިޓީތަކަށް ބަދަލުކުރުމަށް އަންގާފައެވެ.
މި ހުރިހާ ބިދޭސީންވެސް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށެވެ.
މިއަދު ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި އެސްޓީއޯގެ މުވައްޒަފަކު ވެސް ހިމެނޭކަމަށް އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.
އަދި މި ކޭސް އާއި ގުޅިގެން އެ ކުންފުނީގެ ފިހާރަތަކާއި ބައެއް ސެންޓަރުތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ
ރާއްޖެއިން މިއަދު ވަނީ އިތުރު މީހަކު ކޯވިޑް-19އިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް ފަރުވާލިބި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 17އަށް އަރާފައެވެ.
ފާއިތުވި ބުރާސްފަތި ދުވަހަކީ ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ވައިރަހަށް ޕޮޒިޓިވްވި ދުވަހެވެ. އަދި ހަމަ އެރޭ ރާއްޖެއިން ވަނީ ކޯވިޑް-19ޖެހިގެން ފުރަތަމަ މީހަކު ރާއްޖެއިން މަރުވެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)