ކޯވިޑް-19 އާއި ދެކޮޅަށް ވެކްސިނެއް ތައްޔާރު ކުރުމުގައި މަސައްކަތް ކުރަމުން އަންނަ އޮކްސްފޯޑް ޔުނިވަރސިޓީގެ ދިރާސާ ޓީމުން ތައްޔާރުކުރި ވެކްސިން އިންސާނުންނަށް މަސައްކަތް ކުރޭތޯ މިއަހަރު ޖޫން މަހު މެދުތެރޭ އެނގޭނެކަމަށް އެޓީމުން ބުނެފިއެވެ.
މިޓީމުން ވަނީ ވެކްސިން އިންސާނުންނަށް ޓެސްޓު ކުރުމުގެ ގޮތުން އޭޕްރިލް 23 ވަނަ ދުވަހު ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ސައިންސްވެރިއަކަށެވެ.
ދިރާސާގައި މަސައްކަތް ކުރައްވަމުން އަންނަ ޕްރޮފެސަރ ޖޯން ބެލް، ބީބީސީ އާއި ވާހަކަދައްކަމުން ބުނެފައިވަނީ ވެކްސިން މަސައްކަތް ކުރާކަމުގެ ނިޝާނެއް ޖޫން މެދުތެރޭ ލިބޭނެކަމަށް އުއްމީދު ކުރާކަމަށެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ފަންޑުކޮށްފައިވާ މިދިރާސާގައި 1،100 މީހުންނަށް މިވެކްސިން ދެވޭނެއެވެ.
އާއްމުކޮށް ވެކްސިންއެއް ބާޒާރަށް ނެރުމަށް 5-10 އަހަރު ނެގިކަމުގައިވީނަމަވެސް ކޯވިޑް-19ގެ ބިރުވެރިކަމުގެ ސަބަބުން ކަމާބެހޭފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވަނީ މަޖުބޫރުވެފައެވެ. އެގޮތުން މިވަގުތު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮރޯނާވައިރަސް އާއި ދެކޮޅަށް 90 ވެކްސިނެއް ޓެސްޓުކުރަމުން އަންނަކަމަށް ރިޕޯޓުކުރެވިފައިވެއެވެ.
އޮކްސްފޯޑް ޔުނިވަރސިޓީގެ ދަށުން އޮންނަ އޮކްސްފޯޑް ވެކްސިން ގްރޫޕް އިން ބުރާސްފަތި ދުވަހު ވަނީ މިވެކްސިން ބާޒާރަށް ނެރުމަށްޓަކައި އަސްޓްރާޒެނެކާ ކުންފުންޏާއެކު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.
"މިވެކްސިން ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން 30-40 މިލިއަން ޑޯޒް ވީހާވެސް އަވަހަކަށް ތައްޔާރު ކުރަންޖެހޭ" ޖޯން ބެލް ވިދާޅުވިއެވެ. "އަދި ވެކްސިން މަސައްކަތް ކުރާނަމަ ވަގުތުން މީހުންނަށް ދޭން ފެށޭނެ."
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)