މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ދެ އަހަރު ވަންދެން ދެމިއޮތުން އެކަށީގެންވާކަމަށް ސިއްހީ މާހިރުންގެ ޓީމަކުން ލަފާކޮށްފިއެވެ.
މިޓީމުން ނެރުނު ރިޕޯޓެއް ގައި ބުނެފައިވަނީ ދުނިޔޭގެ 67 އިންސައްތަ މީހުން މިބައްޔަށް ދިފާއުވެގެން ނޫނީ ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. މިގޮތަށް ދިފާއުވުމޭ މިބުނެވެނީ މީހަކަށް ބަލީގެ ވެކްސިންއެއް ލިބުމުން ނުވަތަ ބަލި ޖެހުމަށް ފަހު ރަނގަޅު ވުމުންނެވެ.
މިވައިރަސްއަކީ ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިންވެސް އެކަކު ގައިން އަނެކެއްގެ ގަޔަށް ފެތުރޭ ވައިރަސްއެއް ކަމުން އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމަށް އަސަރުކުރާ އެހެނިހެން ވައިރަސްތަކާއި ތަފާތު ކަމަށް މިރިޕޯޓުގައި ބުނެފައިވެއެވެ. އަދި ބަލިމީހުންގެ ގައިން މިވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެނީ އަލާމާތްތައް ފެނުމުގެ ކުރިން ކަމަށްވެސް މިޓީމުން ފާހަގަކޮށްފައިވެއެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް މިނެސޯޓާ ސެންޓަރ ފޯ އިންފެކްޝަސް ޑިޒީޒް ރީސަރޗް އެންޑް ޕޮލިސީ އިން ޝާއިއުކޮށްފައިވާ މިރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ބައްޔާއި އިދކޮޅަށް ގައުމުތަކުން ނަގާފައިވާ ފިޔަވަޅުތައް މިހާރު ލުއިކުރަން ފަށާފައިވީނަމަވެސް މިވައިރަސްގެ ނުރައްކާ 2022 އާއި ހަމައަށް ދެމިއޮންނާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
"ސަރުކާރު އޮފިޝަލުން ފިޔަވަޅުތައް ލުއިކުރުމުގައި ވިސްނަންޖެހޭ މި ޕެންޑަމިކް އަވަހަށް ނުނިމިދާނެކަމަށް،" ދިރާސާ ޓީމުން ބުނެފައިވެއެވެ، "އަދި ކުރިއަށް އޮތް ދެ އަހަރު ތެރޭ ބަލި އަލުން ފެތުރެން ފަށާފާނެ ކަމަށް އެންމެންވެސް ތައްޔާރުވާންޖެހޭ."
ކޯވިޑް-19 އަށް ވެކްސިންއެއް ތައްޔާރު ކުރެވިދާނެ ކަމަށް ސިއްހީ މާހިރުން މީގެ ކުރިން ލަފާކޮށްފައިވަނީ 12-18 މަސް ތެރޭގައި ކަމަށެވެ. ނަމަވެސް އޮކްސްފޯޑް ޔުނިވަރސިޓީގެ ޓީމަކުންވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހަށް ބާޒާރަށް ވެކްސިނެއް ނެރޭނެ ކަމުގެ ޔަޤީންކަން ދީފައެވެ. އަދި މިވެކްސިން ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ވިއްކާނީ ޖެހުނު އަގުގައިކަމަށް މިޓީމުންވަނީ ބުނެފައެވެ.
މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 3.3 މިލިއަން މީހުންނަށް ބަލި ޖެހިފައިވާ އިރު 234،000 މީހުން ވަނީ ބަލީގެ ސަބަބުން މަރުވެފައެވެ. އަދި 1 މިލިއަން މީހުންވަނީ ބަލިން ރަނގަޅުވެސް ވެފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)