މިދުވަސްވަރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ދެކުނު އޭޝިޔާގެ އެތަކެއް މިލިއަން ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ނުދެވި އެކުދިންނަށް އޮތް ނުރައްކާ ބޮޑު ކަމަށް ޔުނިސެފް އިން އަންގާރަ ބުނެފިއެވެ.
ޔުނިސެފް އިން ބުނިގޮތުގައި މިޕެންޑެމިކްގެ ސަބަބުން ވެކްސިން ޕްރޮގްރާމްތައް ހުއްޓި ކްލިނިކްތަކަށް ޒިޔާރަތް ކުރަން އާއިލާތަކުން ޖެހިލުންވާން ފަށައިފިއެވެ. ނަތީޖާއެއްގެ ގޮތުން 4.5 މިލިއަން ކުޑަކުދިން މީސަލްސް، ޑިފްތެރިޔާ އަދި ޕޯލިއޯ ފަދަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅިގެން ގޮސްދާނެ ކަމަށް ޔުނިސެފް އިން ބުންޏެވެ.
ދެކުނު އޭޝިޔާއަށް ޔުނިސެފް އިން ކަނޑައަޅާފައި ހުންނަ ޑިރެކްޓަރ، ޖީން ގޯހް ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ ކުޑަކުދިން ސީރިއަސް ހާލަތަށް ނުދިޔަ ކަމުގައިވީނަމަވެސް ވެކްސިން ޕްރޮގްރާމްތަކަށް އަންނަ ހުރަސްތަކުގެ ސަބަބުން އެކުދިންނަށް ނޭދެވޭ އަސަރެއް ކުރާނެކަމަށެވެ.
ޔުނިސެފް އިން އިތުރަށް ބުނިގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު 1.5 މިލިއަން މީހުން ވެކްސިން އިން ރައްކާތެރިކޮށްދޭ ބަލިތަކުގެ ސަބަބުން މަރުވެއެވެ.
ދެކުނު އޭޝިޔާއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޕާކިސްތާން އަދި އަފްގާނިސްތާން އެވެ. މިދެގައުމަކީ އަދިވެސް ޕޯލިއޯ ބަލި މުޅިން ނައްތާ ލެފިވައި ނުވާ ދެ ގައުމެވެ.
ނަމަވެސް ކޯވިޑް-19 ގެ ސަބަބުން މި ދެ ގައުމުގައިވެސް ވެކްސިން ޕްރޮގްރާމްތައް ވަނީ ހުއްޓާލާފައެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ސަރަހައްދު ތަކުގައި ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ.
މިވެކްސިން ޕްރޮގްރާމްތަކުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންވަނީ ކޯވިޑް-19 ގެ މަސައްކަތްތަކަށް ބަދަލު ކުރެވިފައެވެ. އެގޮތުން ޕާކިސްތާނުގައި އެގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިން މޮނީޓަރކޮށް މުޖުތަމައު ތެރޭގައި ހޭލުންތެރިކަން އިތުރުކުރުން ފަދަ މަސައްކަތްތައް މީގެ ތެރޭގައި ހިމެނެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)