ވޫހާންގެ ހޮސްޕިޓަލުތަކުގައި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ފަރުވާދޭ އެއްވެސް މީހަކު ނެތް ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އާދިއްތަ ދުވަހު އިއުލާނުކޮށްފިއެވެ.
2019 ގެ ޑިސެމްބަރު މަހު ވޫހާންގެ މާރުކޭޓަކުން ފެތުރެންފެށި ކޮވިޑް-19 ވައިރަސް ވަނީ މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުން ދެނެގަނެވިފައެވެ. އަދި މިބަލީގެ ސަބަބުން 208،000 މީހުން ވަނީ މަރުވެފައެވެ.
ވޫހާންގައި މިބައްޔަށް ވަނީ 46،452 މީހުން ޕޮޒިޓިވް ވެފައެވެ. އަދި އޭގެ ތެރެއިން 3،869 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް އެޕްރިލް 26 އާއި ހަމައަށް ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހަކު ވޫހާންގައި ނެތެވެ.
މިކާމިޔާބީ އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަންގެ ސްޕޯކްސްޕަރސަން މީ ފެންގް ވިދާޅުވީ މިއީ ވޫހާންގެ ކަމާބެހޭ ފަރާތްތަކާއި ގައުމުގެ ސިއްހީ އެހީތެރިންގެ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ވޫހާން ނިސްބަތްވާ ހޫބޭ ޕްރޮވިންސްވަނީ ޖެނުއަރީ މަހު ފަހުކޮޅު ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ. އަދި ދަތުރު ފަތުރުކުރުމުގެ ނިޒާމުވަނީ ހުއްޓުމަކަށް ގެނެވިފައެވެ. ނަމަވެސް ލޮކްޑައުންގެ ހާލަތު ލުއި ކުރަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޗައިނާގައި އެޕްރިލް 26 ވަނަ ދުވަހު ރިޕޯޓުކުރެވިފައިވަނީ ކޮވިޑް-19 ގެ 11 ކޭސްއެވެ. އަދި އެޕްރިލް 17 ގެ ފަހުން އެއްވެސް މީހަކު މިބަލީގެ ސަބަބުން އެގައުމުގައި މަރުވެފައެއް ނުވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)