ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު ދެ ލައްކައަށްވުރެ މައްޗަށް
ދުނިޔޭގެ އެކިކންކޮޅުތަކުން ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު ދެ ލައްކައަށްވުރެ އިތުރުވެއްޖެ އެވެ.
ޑަބްލިޔުއެޗްއޯއިން ޕެންޑަމިކްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނުރައްކާތެރި ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެގޮތުން އެމެރިކާއިން 930،951 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، ބައިލައްކަ އަށްވުރެ ގިނަމީހުން އެޤައުމުން ވަނީ މަރުވެފަ އެވެ. މިއަދު އެކަނިވެސް އެޤައުމުން ފަސް ހާހަށްވުރެ ގިނަ އައު ކޭސް ފެނިފައިވާއިރު، 721 މީހުންވަނީ މަރުވެފަ އެވެ.
ކޮރޯނާވައިރަހުން ދުނިޔޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށްވަނީ 2.8 މިލިޔަނަށްވުރެ ގިނަ މީހުންނަށް މި ނުރައްކާތެރި ވައިރަސް ޖެހިފައެވެ. އަދި މިހާތަނަށް 200 އަށްވުރެ ގިނަ ޤައުމުން ވަނީ ކޯވިޑް-19ގެ ކޭސްތައް ފެނިފައެވެ.
ޗައިނާގެ ވޫހާން ސިޓީގައި އޮންނަ ހުބޭއީ އަވަށުގައި ހުރި ސީފުޑް މާރުކޭޓަކުން ފެތުރެން ފެށި މިވައިރަސް އެންމެ ފުރަތަމަ ފެތތުރިގެންފައިވަނީ ޗައިނާގަ އެވެ. އަދި ގިނަ އަދަދަކަށް މީހުން ދަތުރުފަތުރުކޮށް އުޅޭ ޗައިނާއިން މި ވައިރަސް ބޭރުވެ ފާއިތުވި 4 މަސްތެރޭގައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް މި ވައިރަސް ފެތުރިފަ އެވެ.
ޗައިނާގައި މި ވައިރަސް ފެތުރުނު ނަމަވެސް ގާތްގަނޑަކަށް ތިން ވަރަކަށް މަސްތެރޭގައި އެޤައުމުންވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް ޤައުމު އާންމު ހާލަތަކަށް ގެނެސްފައެވެ. ނަމަވެސް އޭގެފަހުން އަނެއްކާވެސް އެޤައުމުން މީހުންވަނީ ވައިރަހަށް ޕޮޒިޓިވް ވާން ފަށާފަ އެވެ. ޗައިނާއިން މިހާތަނަށް ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 4،632 އެއްގައެވެ. އަދި ފާއިތުވި 24 ގަޑޮއިރުގެ ތެރޭގައި އެޤައުމުން އެކަކުވެސް ވައިރަހުގެ ސަބަބުން މަރުވެފައެއް ނުވެއެވެ.
ޗައިނާއަށްފަހު ކޮރޯނާވައިރަހުގެ އަސަރު ދެން އެންމެ ބޮޑަށް ކޮށްފައިވަނީ އިޓަލީއަށެވެ. އިޓަލީއިން ވައިރަސް ޖެހިގެން މިހާތަނަށްވަނީ 26،384 މީހުން މަރުވެފައެވެ. އަދި މިއަދު އެކަނިވެސް ވަނީ 415 މީހުން މަރުވެފަ އެވެ. އެހެންނަމަވެސް ގިނަ ހަރުކަށި ފިޔަވަޅުތަކަކާއެކު އިޓަލީއިން މީހުން މަރުވަމުންދިޔަ ރޭޓް މިހާރުވަނީ ދަށް ކުރެވިފަ އެވެ.
ދުނިޔެއިން ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ދެ ލައްކަ އެރިނަމަވެސް އަދި މިހާތަނަށް މި ވައިރަހާއި ދެކޮޅަށް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް ގިނަ ސައިންޓިސްޓުންނެއް އަދިވެސް ދަނީ މި ވައިރަހާއި ދެކޮޅަށް މަސައްކަތް ކުރާނެ ބާރުގަދަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)