ކޮވިޑް-19: ދެވަނަ ފަހަރަށް ޕޮޒިޓިވް ނުވާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް- ޑަބްލިއުއެޗްއޯ
ކޮވިޑް-19 އަށް ޕޮޒޓިވްވެ ރަނގަޅުވުމަށްފަހު، ދެވަނަ ފަހަރަށް ބަލިޖެހުމުން އެމީހާ ރައްކާތެރިވާނެ ކަމުގެ އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހޮނިހިރު ދުވަހު ބުނެފިއެވެ.
އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ ގައުމުތަކުން މިކަމަށް ސަމާލުވެ އެއްފަހަރު ބަލި ޖެހިފައިވާ މީހަކަށް ބަލި ނުޖެހޭނެ ކަމަށް ނުވިސްނުމަށް ގޮވާލާފައެވެ.
މީގެ އިތުރުން މިފަދަ މީހުންނަށް ބަލި ނުޖެހޭނެކަމަށް ހީކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދީ އުޅެފިނަމަ މުޖުތަމައު ތެރޭ ބަލިފެތުރުން އިތުރުވާނެކަމަށްވެސް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.
"މީހެއްގެ ހަށިގަނޑުން ކޮވިޑް-19 ވައިރަސް އިން ރައްކާތެރިކޮށްދޭ އެންޓިބޮޑީ ފެނުމަކީ ބައެއް ގައުމުތަކުގެ ނަޒަރުގައި އެމީހަކަށް ދަތުރުފަތުރު ކުރުމާއި މަސައްކަތަށް ދިޔުމަށް ލިބޭ ހުއްދައެއް. އެމީހަކަށް ބަލިނުޖެހޭނެކަމަށް ހީކޮށް." ޑަބްލިއުއެޗްއޯ އިން ބުންޏެވެ.
"ކޮވިޑް-19 ޖެހުމަށްފަހު ބަލިން ރަނގަޅުވެ އެންޓިބޮޑީ އުފެދުމުން ދެވަނަ ފަހަރަށް ބަލި ނުޖެހޭނެކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައެއް ނުވޭ."
ސައުތު ކޮރެއާގައި މިހާތަނަށް ވަނީ 180 މީހުންނަށް ދެވަނަ ފަހަރަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައެވެ. ނަމަވެސް އެގައުމުގެ ސީޑީސީއިން ބުނި ގޮތުގައި މިމީހުންގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރިފައެއް ނުވެއެވެ.
ކޮވިޑް-19 އަށް މިހާތަނަށް 2.8 މިލިއަން މީހުންނަށް ބަލި ޖެހިފައިވާއިރު ބަލީގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު ވަނީ 200،000 އާއި ގާތް ކޮށްފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)