އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީއިން ތައްޔާރުކުރި ކޮރޯނާވައިރަސް ވެކްސިން ޓެސްޓު ކުރުމުގެ ގޮތުން ފުރަތަމަ ފަރަހަށް ބަލިމީހެއްގެ ގަޔަށް ޖަހައިފި އެވެ. މަދު މުއްދަތެއްގެ ތެރޭގައި އުފެއްދި މި ވެކްސިން ކާމިޔާބު ވާނޭކަމުގެ 80 އިންސައްތަ ޔަގީންކަށް އެބައޮތްކަމަށް ކަމާބެހޭ މާހިރުން ވަނީ ބުނެފަ އެވެ.
މި ވެކްސިން ތައްޔާރުކުރުމުގައި ހަރަކާތްތެރިވެފައި ވަނީ އޮކްސްފޯޑު ޔުނިވަރސިޓީގެ ޑޮކްޓަރުންގެ ޓީމަކާއި ޖެނަރ އިންސްޓިޓިއުޓް ޔުނިވަރސިޓީ ގުޅިގެންނެވެ. އަދި ވެކްސިން ތައްޔާރުކޮށްފައިވަނީ އެންމެ ތިން މަސްދުވަހުގެ ތެރޭގައެވެ.
މި މެޑިކަލް ޓްރައަލްއަށް 800 އަށްވުރެ ގިނަމީހުން ވަނީ ވޮލިންޓިއަރ ކޮށްފަ އެވެ. ނަމަވެސް ވެކްސިން ދިނުމަށްޓަކައި ހޮވާފައިވަނީ މި 800 މީހުންގެ ތެރެއިން އެންމެ ދެމީހުންނެވެ.
އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ބަލިމީހަކަށް ދިން މި ވެކްސިނުގެ އެއްބައިގައި ހިމެނޭނީ ކޯވިޑް-19 ވެކްސިނެވެ. އަދި އަނެއްބައިގައި ހިމެނޭނީ މެނަންޖައިޓްސްއިން ރައްކާތެރިވުމަށް ދޭ ވެކްސިނެވެ.
އެހެންކަމުން މި ވެކްސިން ދިނުމަށް ޓީމުން ނިންމާފައިވަނީ ވެކްސިންދޭ ބަލިމީހާއަށް އޭނާ ގަޔަށް ޖަހަނީ ކޮންކަހަލަ ވެކްސިނެއްކަން ނޭނގޭ ގޮތަށެވެ. އެހެންނަމަވެސް އެކަމުގައި ހަރަކާތްތެރިވާ ސިއްހީ މާހިރުންނަށް އެކަމާއި ގުޅުންހުރި މައުލޫމާތުތައް އެނގޭނެ އެވެ.
މި ވެކްސިން ޖެހި ފުރަތަމަ ބަލިމީހާ ކަމަށްވާ އެލިސާ ގްރަނަޓޯ އަކީވެސް ހުދު ސައިންޓިސްޓެކެވެ. އެހެންކަމުން ސައިންޓިފިކް މި މަރުހަލާއަށް އިތުރު އެއްބާރުލުމެއް އޭނާ ދޭން ބޭނުންވީކަމަށް ބުނެފައި ވެއެވެ.
ޖެނަރ އިންސްޓިޓިއުޓްގެ ވެކްސިނޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ސާރާ ގިލްބާރޓް ބުނީ މި ވެކްސިން ކާމިޔާބުވާނޭ ކަމުގެ 80 އިންސައްތަ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށެވެ.
"އަހަރެން އަމިއްލައަށްވެސް މި ވެކްސިނާއި މެދު ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް" ގިލްބާރޓް ބުނެފައި ވެއެވެ.
އެހެންނަމަވެސް އެ ޔަގީންކަން އޮތަސް އަދި އިންސާނުންނަށް ވެކްސިންދީގެން ހިއުމަން ޑާޓާ ހޯދަންޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީގެ އިތުރުން އިމްޕީރިއަލް މެޑިކަލް ކޮލެޖުންވެސް ދަނީ ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އިނގިރޭސި ވިލާތުގެ ސަރުކާރުން އެކަމަށްޓަކައި އެތައް މިލިޔަން ރުފިޔާ ހޭދަކުރަން ތައްޔާރަށް އޮތްކަމަށް ވަނީ ބުނެފަ އެވެ.
ވެކްސިނެއް އުފެއްދުމަށް އެތައް އަހަރެއް ވޭތުވާއިރު، އޮކްސްފޯޑު ޔުނިވަރސިޓީއިން މި ވެކްސިން އުދެއްދުމަށް މަސައްކަތް ކުރަމުންދާ ސްޕީޑަށް އެޤައުމުގެ ސަރުކާރުން ވަނީ ތައުރީފުކޮށްފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)