މާލޭ ސަރަހައްދުން މިއަދު ރެކޯޑު އަދަދަކަށް މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެގޮތުން މިއަދު އެކަނިވެސް މާލޭ ސަރަހައްދުން ވަނީ ޖުމްލަ 23 މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައެވެ.
މާލއިން މިއަދު 23 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ، އިއްޔެ އެންމެ ދެމީހުން ވައިރަހަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ. މިއާއެކު ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 108 ކަށް އަރާފައެވެ.
މިއަދު އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ 9 މީހުންނެވެ. މި މީހުންގެ ތެރޭގައި ހަތަރު ދިވެހިންނާއި ފަސް ބަންގްލަދޭޝް ރައްޔިތުން ހިމެނޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
އޭގެފަހުން މިރޭގެ ވަގުތެއްގައި ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެއިން އިތުރު 14 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ.
ފަހުން ޕޮޒިޓިވްވި 14 މީހުންނަކީ ހުސް ބަންގްލަދޭޝް ރައްޔިތުންނެވެ. މި އެންމެންނަކީވެސް އެެއްތަނެއްގައި ދިރިއުޅޭ މީހުންނެވެ.
ޑރ. ނަޒްލާ ވިދާޅުވީ މި 14 މީހުންވެސް ޕޮޒިޓިވްވެފައިވަނީ ރެޕިޑް ރެސްޕޮންސް ޓީމާއި މެޑިކަލް ޓީމުން ބިދޭސީން ދިރިއުޅޭ ތަންތަނަށްގޮސް ސްކްރީން ހަދައި އެތަންތަނުގައި ބަލިހުރި ބަޔަކު ތިބި ނަމަ އެބައެއް ސާމްޕަލް ނަގައި ޓެސްޓު ހެދުމަށް ކުރި މަސައްކަތުން ކަމަށެވެ.
އަދި މިހާރު މި 14 މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ޑރ. ނަޒްލާ ވަނީ ޑަބްލިއުއެޗްއީއާ މަޝްވަރާ ކުރުމަށްފަހު ޕްރޮބަބްލް ކޭސްގެ ގޮތުގައި ބަލަމުން އަންނަ ކޭސް 26 މިހާރު ޕޮޒިޓިވް ކޭސގެ ތެރެއިން އުނިކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެން އަންނަ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން އެންމެ އަވަހަށް އަންނަ ކޭސް އަކަށް ކޭސް 26 ގެ ނަން ދެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކުރިން ޕޮޒިޓިވް ކަމަށް ބުނި ކޭސް 26 ގެ އިތުރުން އިތުރު ކޭސްއަކީވެސް ޕްރޮބަބްލް ކޭސްއެއް ބަލައި ޖުމްލަ ޕްރޮބަބްލް ކޭސެއްގެ ގޮތުގައި 2 ކޭސް އަންނަނީ ގުނަމުންނެވެ. އޭގެތެރެއިން ޕޮޒިޓިވް ކޭސެއްގެ ގޮތުގައި ބެލި ކޭސް ނަންބަރު ދެވިފައި ވަނީ ކޭސް 26 އެވެ. ކޭސް 26 އަކީ ކޭސް 23 އާ ގުޅުން ހުރި ކޭސްއެއް ކަމަށް އޭރު އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)