މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އަށް ފަރުވާ ކުރުމުގައި ހައިޑްރޮކްސީކްލޮރޯކުއިން އިން އެއްވެސް ފައިދާއެއް ނުވާކަން އެމެރިކާގެ ބައެއް ހޮސްޕިޓަލްތަކުގައި ހެދުނު ދިރާސާއަކުން ދައްކައިފިއެވެ. މިދިރާސާގައި ވާގޮތުން މިބޭސް ބޭނުންކޮށްގެން ފަރުވާދިން ބަލިމީހުން މަރުވުމުގެ ފުރުސަތު އާދައިގެ ފަރުވާ ދިން ބަލިމީހުންނަށް ވުރެ ބޮޑެވެ.
އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހިންގި މިދިރާސާގައި ބަލާފައިވަނީ 368 ބަލިމީހުންނަށެވެ. މިއީ މިހާތަނަށް މިބޭހާއި ބެހޭގޮތުން ހެދުނު އެންމެ ބޮޑު ދިރާސާއެވެ.
މިދިރާސާއަކީ އެހެން ސައިންސްވެރިން ރިވިއުކޮށްފައި ނުވާ ދިރާސާއެކެވެ. އަދި މެޑިކަލް ޖަރނަލްއެއްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްވެސް ނޫނެވެ. ނަމަވެސް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު އަދި ޔުނިވަރސިޓީ އޮފް ވަރޖީނިއާ އިން މިދިރާސާއަށް ފަންޑުކޮށްފައި ވެއެވެ.
ދިރާސާވެރިން ވަނީ 368 އުމުރުން ދުވަސްވީ ފިރިހެން ބަލިމީހުންނަށް ބަލާފައެވެ. ދިރާސާވެރިން ބުނެފައިވަނީ ހައިޑްރޮކްސީކްލޮރޯކުއިން ދިން ބަލިމީހުންގެ ތެރެއިން 28 އިންސައްތަ މީހުން މަރުވިކަމަށެވެ. އަދި އާދައިގެ ފަރުވާ ދިން ބަލިމީހުންގެ ތެރެއިން މަރުވީ 11 އިންސައްތަ ކަމަށެވެ.
މީގެ އިތުރުން މިބޭސް ބޭނުންކުރުމުގެ ސަބަބުން ބަލިމީހުންގެ ނޭވާލުމަށް ބަދަލެއް އައިސްފައިނުވާކަންވެސް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ހައިޑްރޮކްސީކްލޮރޯކުއިން ގެ ސައިޑް އިފެކްޓްސްތަކަށް މިދިރާސާގައި ބަލާފައި ނުވިނަމަވެސް، ބޭހުގެ ސަބަބުން އެހެނިހެން ގުނަވަންތަކަށް ގެއްލުންވާނެކަމަށް ދިރާސާވެރިން ގަބޫލުކުރެއެވެ. ސަބަބަކީ މިބޭހުގެ ސައިޑް އިފެކްޓްސް ތަކަކީ މީގެ ކުރިންވެސް ދެނެގަނެވިފައިވާ ކަންކަމެވެ. އޭގެ ތެރޭގައި އިންސާނާގެ ހިތުގެ ވިންދަށް އަންނަ ބަދަލެއްގެ ސަބަބުން ކުއްލިއަކަށް މަރުވުންވެސް ހިމެނެއެވެ.
މީގެ ކުރިން ފްރާންސްގައި ހެދި ދިރާސާއެއްގައި ވަނީ ނިއުމޯނިއާ ޖެހިފައިވާ 181 ކޮވިޑް-19 ބަލިމީހުން ބަލާފައެވެ. މިދިރާސާގައި ވާގޮތުން ހައިޑްރޮކްސީކްލޮރޯކުއިން ބޭނުންކޮށްގެން ފަރުވާ ދެވުނު 8 މީހުންގެ ހިތުގެ ވިންދަށް ބަދަލުތަކެއް ވަނީ އައިސްފައެވެ.
މިދިރާސާއަކީވެސް އެހެނިހެން ސައިންސްވެރިން ރިވިއުކޮށްފައިވާ ދިރާސާއެއް ނޫނެވެ. އަދި މެޑިކަލް ޖަރނަލް އެއްގައިވެސް މިދިރާސާ ޝާއިއުކޮށްފައެއް ނުވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)