އޮކްސްފޯޑު ޔުނިވަރސިޓީއިން ތައްޔާރުކުރަމުންދާ ކޮރޯނާވައިރަސް ވެކްސިން ޓެސްޓުކުރުމުގެ ގޮތުން މާދަމާ އިންސާނުންނަށް ދޭނެކަމަށް އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން 20 މިލިޔަން ޕައުންޑު ވަނީ އޮކްސްފޯޑުގެ ޔުނިވަރސިޓީގައި މި ވެކްސިން ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާ ޓީމަށް ދިނުމަށް ނިންމާފަ އެވެ.
އަދި އިތުރު 22.5 މިލިޔަން ޕައުންޑު ދިނުމަށް ނިންމާފައިވަނީ ހަމަ މިވެކްސިން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ އިމްޕީރިއަލް ކޮލެޖަށެވެ.
އޮކްސްފޯޑު ޔުނިވަރސިޓީގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރަށް ކޮރޯނާވައިރަސް ވެކްސިން ތައްޔާރުކޮށް ނެރުން ކަމަށް މީގެކުރިން ވަނީ ބުނެފަ އެވެ.
އިނގިރޭސިވިލާތުގެ ސްޓޭޓް ފޯ ހެލްތްގެ ސެކްރެޓަރީ މެޓް ހެންކޮކް ވަނީ އޮކްސްފޯޑު ޔުނިވަރސިޓީން މި ވެކްސިން ނެރުމަށް ކުރަމުންދާ މަސައްކަތުގެ އަވަސް ސްޕީޑަށް ތައުރީފު ކޮށްފަ އެވެ. އަދި މި ވެކްސިން ތައްޔާރުކުރުމަށްޓަކައި އެމީހުންނަށް ދެވެން ހުރި ހުރިހާ އެއްޗެއްވެސް ދޭނެކަމަށް މެޓް ހެންކޮކް ވަނީ ބުނެފަ އެވެ.
އޮކްސްފޯޑު ޔުނިވަރސިޓީއިން މި ވެކްސިން ތައްޔާރުކުރަމުންދަނީ އެ ޔުނިވަރސިޓީގެ ވެކްސިން ގްރޫޕާއި ޖެނާ އިންސްޓިޓިއުޓާއި ގުޅިގެންނެވެ. މި ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗުމަހުގެ ފަހުކޮޅުގަ އެވެ.
އޮކްސްފޯޑުން ކުރަމުންދާ މަސައްކަތަށް ތައުރީފުކުރަމުން ހެންކޮކް ވަނީ މިއީ އާއްމުކޮށް އެތައް އަހަރަކުން ނިންމޭނެ މަސައްކަތެއް ކަމަށް ބުނެފަ އެވެ.
މީގެކުރިން އޮކްސްފޯޑު ޔުނިވަރސިޓީގެ ޑިރެކްޓަރ އެޑްރިއަން ހިލްވަނީ އޮކްސްފޯޑަށް މީގެކުރިން 2014 ވަނަ އަހަރު ވެސްޓް އެފްރިކާގައި ފެތުރުނު އެބޯލާ ކަހަލަ ބޮޑެތި އައުޓްބްރޭކްތަކަށް ވެކްސިން ތައްޔާރުކުރުމުގެ ތަޖުރިބާ ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެހެންނަމަވެސް މިއީ އެއަށްވުރެ ބޮޑު ޗެލެންޖެއް ކަމަށް ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)