ކޯވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 15 މީހެކެވެ. އިއްޔެ ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ 17 މީހުންކަމުން މިއީ ނިސްބަތުން މަދު އަދަދެކެވެ.
ކޯވިޑް-19އަށް އެއްފަހަރާ 8 މީހުން ޕޮޒިޓިވް ވެފައިވާކަމަށް މިއަދު އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ. މިއަދު މެންދުރު އެޗްޕީއޭއިން ޕޮޒިޓިވް ކޭސްތަކުގެ ގޮތުގައި ހާމަކުރި ކޭސްތަކަކީ ކޭސް 53 ން ކޭސް 60 އަށެވެ. މި އަށް މީހުންގެ ތެރޭގައި ހިމެނެނީ 6 ދިވެއްސަކާއި 2 ބިދޭސީ އެކެވެ. މި ހުރިހާ ކޭސްތަކެއް ވެސް ފެނިފައިވަނީ ވެރިރަށް މާލެއިން ނެވެ.
ޕޮޒިޓިވްވި 2 ބިދޭސީންނަކީ ދިވެހިން ގިނަ އަދަދަކަށް ވިޔަފާރިކުރާ އިހްސާން ފިހާރައިގެ ދެ މުވައްޒަފުންނެވެ. އަދި ޕޮޒިޓިވްވި ދިވެހިންގެ ތެރޭގައި ބީއެޗްއެމްގެ މުވައްޒަފެއްގެ އިތުރުން ފްލޫ ކްލިނިކަށް ދިޔަ އެހެން ކޭސް އަކާއި ގުޅުމެއް ނުވާ ދިވެއްސެއް ވެސް ހިމެނެ އެވެ.
އޭގެފަހުން މިއަދުވަނީ އިތުރު 7 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. ފަހުން ކޯވިޑް-19އަށް ޕޮޒިޓިވްވި 7 މީހުންގެ ތެރޭގައި 3 ދިވެއްސަކާއި ހަތަރު އިންޑިޔާ މީހުން ހިމެނެއެވެ. ކޭސް 61 ން ކޭސް 67 ކަށް ޕޮޒިޓިވްވި 7 މީހުންނަކީ ވަކި ކޭސްތަކަކާއި ކޮންޓެކްޓްސް ހުރި ފަރާތްތަކެއްކަން އަދި އެނގޭކަށް ނެތެވެ.
ފާއިތުވި ދެ ދުވަހާއި މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އޭސީ މަރާމާތު ކުރާ މީހުންނާއި ޑެލިވަރީގެ ހިދުމަތްދޭ މީހުންވެސް ހިމެނެއެވެ.
އެހެންކަމުން ޑެލިވަރީ ކުރާއިރު ކޮތަޅުތަކާއި ހަވާލުވުމުގައި ވަކިން ހާއްސަ ސަމާލުކަމެއް ދިނުމަށް ޕީޑިއޮޓްރިކް އިންފެކްޝަސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވަނީ އާންމުންގެ ކިބައިން އެދި ވަޑައިގެންފަ އެވެ.
މިއަދި ފެނުނު ކޭސްތަކާއި ގުޅިގެން އެޗްޕީއޭއިން މިހާރު ގެންދަނީ ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ކުރުމުންނެވެ.
މިއަދު މާލެއިން ޕޮޒިޓިވްވި 15 މީހުންނާއެކު ރާއްޖެއިން މިހާތަނަށް ވަނީ 67 މީހުން ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން މާލެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ 47ކަށް އަރާފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)