ދިވެހިރާއްޖޭގެ އެންމެ ގިނަ ބަޔަކު ދިރިއުޅޭ މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރެން ފަށައިފިނަމަ 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެކަން އަންތާޒާ ކުރެވޭ ކަމަށް ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
އެހެންނަމަވެސް މިއަދަދަކީ ކޮވިޑް-19 އާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނުނަގާ ހާލަތުގައި ބަލި ފެތުރޭނެ ވަރުކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށް ދާ ޕްރެސް ކޮންފަރެންސްގައެވެ.
މި އަންތާޒާ ހޯދިފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި އިނގެރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖްގެ ދިރާސާވެރިން ތައްޔާރުކުރި މޮޑެލް އެއްގެ މައްޗަށް ބިނާކޮށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި އެންމެ ގިނަ ބަޔަކު ރާއްޖޭގައި ޕޮޒިޓިވް ވާނެ ކަމަށް ބެލެވެނީ ބަލި ފުރަތަމަ ފެތުރޭތާ 47 ވަނަ ދުވަހެވެ.
އެގޮތުން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ 7،500 އަށް ވުރެ ގިނަ މީހުންނަށް އެދުވަހު ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 1،300 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭނެއެވެ. މީގެ ތެރެއިން 400 މީހުންނަށް އައިސީޔޫ ގައި ފަރުވާން ދޭން ޖެހޭނެއެވެ.
ނަމަވެސް ރަނގަޅު ފިޔަވަޅުތަކެއް އެޅިއްޖެނަމަ އެންމެ ގިނަވާ ދުވަހުވެސް ފެންނާނީ 2000 އަކަށް ކޭސް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި 300 މީހުން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެއެވެ. މީގެ ތެރެއިން 100 މީހުންނަށް އައިސީޔޫ ގައި ފަރުވާން ދޭން ޖެހޭނެއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި މުޖުތަމައު ތެރޭ ބަލި ފެތުރިފައި ނުވަނީ މިހާތަނަށް ނެގިފައިވާ ވަރުގަދަ ފިޔަވަޅުތަކުން ކަމަށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)