ދުނިޔޭގެ އެކި ހިސާބުތަކުން ޕޯލިއޯ ބަލި ނައްތާލަން މަސައްކަތް ކުރަމުން ދިޔަ ސިއްހީ އެހީތެރިން ކޮރޯނާވައިރަސްގެ ސަބަބުން އެމީހުންގެ މަސައްކަތް ހުއްޓާލަން ޖެހިއްޖެއެވެ. ޕޯލިއޯ ބަލިން މީހުން ރައްކާތެރިކުރުމުގެ ގޮތުން ވެކްސިން ދިނުމަށް ކުރަމުން ދިޔަ މަސައްކަތްތައް މިހާރަށް ހުއްޓާލަން ޖެހިފައިވަނީ ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުންނެވެ.
މި ގޮތަށް މި ނިންމުން ނިންމާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ޕާރްޓްނަރުން ގުޅިގެން މިދިޔަ ހަފްތާގައި ބޭއްވުނު ޕޯލިއޯ އޯވާސައިޓް ބޯރޑް ބައްދަލުވުމުގައެވެ. އެބައްދަލުވުމުގައި ޕޯލިއޯއާއި ގުޅިގެން ކުރިއަށް ގެންދަމުން ދިޔަ ހުރިހާ ކަމެއް ކުރިއަށް އޮތް 6 މަސް ދުވަހަށް ހުއްޓާލުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ވެކްސިން ކެމްޕެއިން ތަކާއި ދޮރުން ދޮރަށް ގޮސްގެން ވެކްސިން ނުޖަހާ ހުރި މީހުން ހޯދުން ހުއްޓުމަށް ވަނީ އަންގާފައެވެ. މިފަދައިން ނިންމާފައިވަނީ މި ކަންކަމުގެ ސަބަބުން އާންމުން އަދި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ސިއްހީ އެހީތެރިން ކޮވިޑް-19 ގެ ނުރައްކާތެރިކަމަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުން އެކަން ވިޔަ ނުދިނުމުގެ ގޮތުންނެވެ.
މި ކަންކަން ހުއްޓުމަށް ބުނެފައިވަނީ ކޮވިޑް-19 ފެތުރެމުންދާ ބާރުމިނުގެ ސަބަބުންނެވެ. އެހެންނަމަވެސް މީގެ ސަބަބުން ޕޯލިއޯ ބަލި މީހުންނަށް ޖެހެމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރެއެވެ.
އެކި ގައުމުތަކުގައި ކޮންމެ މަހަކު ކުރިއަށް ގެންދަމުން ދިޔަ ވެކްސިން ކޭމްޕެއިންތަކަކީ ޕޯލިއޯ ނައްތާލުމަށް މުހިންމު ފިޔަވަޅެކެވެ. ޕޯލިއޯ ނައްތާލުމުގެ ގޮތުން އުމުރުން 5 އަހަރުން ދަށުގެ 95 އިންސައްތަ ކުދިންނަށް މި ވެކްސިން ދޭން ޖެހޭނެއެވެ.
ޑަބްލިއުއެޗްއޯއިން މިހެން ނިންމިކަމުގައި ވީނަމަވެސް އެގައުމެއްގައި ވެކްސިން ދިނުމުގެ މަސައްކަތްތައް ހުއްޓުން އެއީ އެގައުމެއްގެ އަތްމަތީ އޮތް ކަމެކެވެ. އަދި އޮފިޝަލުން ބުނެފައިވަނީ ޕޯލިއޯ ނައްތާލުމަށް ކުރަމުންދާ މަސައްކަތް މިފަދައިން ހުއްޓުމަށްފަހު ދެން ފެށުމުން ކުރިއަށްވުރެ އިތުރަށް މަސައްކަތް ކުރަން ޖެހޭނެއެވެ.
ދުނިޔެއިން ޕޯލިއޯ ނައްތާލުމަށް މަސައްކަތް ފަށާފައިވަނީ 1988 ގައެވެ. އަދި 2000 ވަނަ އަހަރު މި ބަލި ނައްތާލެވޭނެ ކަމަށް އޭރު ލަފާކުރި ނަމަވެސް، ވެކްސިން މަސައްކަތް ނުކުރުން، އަދި ވެކްސިންގެ ސަބަބުން އައުޓްބްރޭކްތައް ކުރިމަތިވުމުގެ އިތުރުން ޕާކިސްތާން، އަފްގާނިސްތާން އަދި ނައިޖީރިއާ ފަދަ ގައުމުތަކަށް ވެކްސިން ފޯރުނުކޮށް ދެވުމުގެ ސަބަބުން މިކަން ވަނީ ނުވެފައެވެ.
އަފްގާނިސްތާން އަދި ޕާކިސްތާން ގައި މިބަލި ވަރަށް ބޮޑަށް ފެތުރިފައިވާއިރު އިތުރު 10 ގައުމެއްގައިވެސް މިބަލި ނައްތާލެވިފައެއް ނުވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)