ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން ކަރަންޓީނުކުރާ ފަރާތަކާއި މެދު ތަފާތުކުރުން ނުގެންގުޅުމަށް ޑރ. އިބްރާހިމް އަފްޒަލް އެދިލައްވައިފި އެވެ.
މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކޯވިޑް-19އަށް ކޮންޓެކްޓްވި މީހުން ނުވަތަ ގެއެއް ކަރަންޓީނުކުރުމަކީ އަދި އެކަމުގެ ސަބަބުން ގެއިން ބޭރުން ހިނގާ މީހުންނަށް ގެއްލުމެއް ވެދާނޭ ކަމެއް ނޫން ކަމަށެވެ. އަދި ބަޔަކު ކަރަންޓީނުކުރުމަކީ އެމީހުން އެކަހެރިކޮށް އެއްލާލުން ނޫންކަމަށްވެސް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.
ޑރ. އަފްޒަލް މިހެން ވިދާޅުވެފައިވަނީ މިއަދު މާލޭގެ ގެއެއް ކަރަންޓީނުކޮށްފައިވާކަމަށް ބުނެ އެގޭގެ ބޭރުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބަޔާނެއް ތަތްކޮށްފައިވާ ވީޑިއޯއެއް އާއްމުވެފައިވާ ދަނޑިވަޅެއްގައެވެ.
އަދި އެކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް އެޗްޕީއޭއިން ވަނީ އެއީ އެރި އޮޅުމެއްގެ ތެރެއިން ވީ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ޑރ. އަފްޒަލް ވިދާޅުވީ މިފަދަ ހާލަތެއްގައި ބައްޔަށް ޝައްކުކުރެވޭ އެއްވެސް ބަޔަކު ގޭގައި ކަރަންޓީނެއް ނުކުރާނެ ކަމަށެވެ. އަދި ގޭގައި ކަރަންޓީނު ކުރިނަމަވެސް އަނެކާގެ ހިތުގައި ނުޖެހޭގޮތަށް އަމަލުތައް ބެހެއްޓުމަށް އަފްޒަލް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ މިއީ މާލޭގައި ގެއެއް ކަރަންޓީނުކުރި ފުރަތަމަ ފަހަރު ނޫންކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރަޓަރީ މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން މީގެކުރިން މާލޭ ސަރަހައްދުގައި 81 ގެ ކަރަންޓީނުކުރެވުނު ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް 18 ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 3 މީހުންނަކީ ޔޫކޭ އިން އައި ދިވެހިންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)