ޗައިނާގައި ނުރައްކާތެރި ބައްޔެއް ފެތުރޭކަން ރިޕޯޓުކުރެވުނުތާ ތިން މަސް ވެފައިވާ އިރު ސިއްހީ މާހިރުންނާއި ސައިންސްވެރިން އަންނަނީ ބަލީގެ ހަގީގަތް ހޯދުމަށް ރެޔާއި ދުވާލު މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ދުނިޔޭގައި ފެތުރިފައިވާ ބަލިތަކާއި އަޅާ ބަލާއިރު ކޮވިޑް-19 އާ ގުޅޭގޮތުން ލިބޭ އާ މައުލޫމާތުތައް މާއަވަހަށް ލިބޭ ކަމަށް ގިނަބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
ނަމަވެސް އަދިވެސް ނޭނގޭ އެތަކެއް ކަމެއް އެބަހުއްޓެވެ. މިލިޔުމުގައި ގެނެސްދީފައިވަނީ ކޮވިޑް-19 އާއި ގުޅޭގޮތުން ޑޮކްޓަރުންނާއި ސައިންސްވެރިންނަށް ޖަވާބު ނުދެވިފައިވާ ބައެއް ސުވާލުތަކެވެ.
ވައިރަސް ފެތުރެނީ ކިހިނެއް؟
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި ނޮވެލް ކޮރޯނާވައިރަސް ފެތުރެނީ ވައިގެ ތެރޭގައި ކުދި ކުދި ތިކިތަކެއްގެ ގޮތުގައެވެ. މިތިކިތައް ބޭރުވަނީ ބަލިޖެހިފައިވާ މީހަކު ކެއްސުމުން ނުވަތަ ކިނބިހި އެޅުމުންނެވެ.
މިވައިރަސް އެއްޗެހި މަތީގައި ދުވަސްތަކެއް ވަންދެން ދިރިހުންނާތީ މިތިކިތައް ހުރި އެއްޗެއް މަތީ އަތްލުމަށްފަހު ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތް ލެވުމުންވެސް މިބަލި ޖެހިދާނެއެވެ.
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މިވައިރަސް ބޮޑުކަމުދާ ތަކެތިންވެސް ފެތުރިދާނެއެވެ. ނަމަވެސް މިކަމަށް އެކަށީގެންވާ ވަރުގެ ހެއްކެއް އަދިވެސް ދެއްކިފައެއް ނުވެއެވެ.
މިހާތަނަށް ކިތައް މީހުންނަށް މިބަލި ޖެހިއްޖެ، އަދި އޭގެ ތެރެއިން ކިތައް މީހުން ފަރާތުން އަލާމާތްތައް ނުފެނޭ؟
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19ގެ 660،000 އަށް ވުރެ ގިނަ ކޭސްތައް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރެއިން 140،000 މީހުން ރަނގަޅު ވެފައިވާއިރު 30،000 މީހުން ވަނީ މަރުވެފައެވެ.
ބައެއް ދިރާސާތަކުން ދައްކާ ގޮތުން ބަލި ޖެހޭ 80 އިންސައްތަ މީހުންގެ އަލާމާތްތައް ސީރިއަސްއެއް ނޫނެވެ. ނުވަތަ އެއްވެސް އަލާމާތެއް ނުފެނެއެވެ. މިހެން ކަމުން މިބަލި ޖެހިފައިވާ މީހުންގެ އަދަދު 1 މިލިއަން އަށްވުރެ މަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިނަންބަރު ޔަގީން ކުރުމަށް އިތުރު ޓެސްޓުތަކާއި ދިރާސާތައް ބޭނުންވެއެވެ.
ޒުވާނުން މިބަލިން މަރުވުމުގެ ފުރުސަތު ކުޑަތަ؟
އުމުރުން ދުވަސްވީ މީހުންނާއި އަޅާ ބަލާއިރު ޒުވާނުންނަށް އޮތް ނުރައްކާ ކުޑަ ނަމަވެސް މިމީހުންގެ ގައިން ވެސް އަލާމާތްތައް ފެނި ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ ހާލަތަށްވެސް ދެއެވެ.
ޑަބްލިއުއެޗްއޯ އިން ބުނާގޮތުގައި ފުއްޕާމޭގެ ބަލިތައް، ނޭވާ ހިއްލުން، ލޭ މައްޗަށް ދިޔުން، ހަކުރު ބަލި އަދި ހިތުގެ ބަލިތައް ފަދަ ދާއިމީ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ކޮވިޑް-19 ޖެހުމުން ސީރިއަސް ހާލަތަކަށް ދެއެވެ. ސްޕެއިން އަދި އެމެރިކާގެ ދިރާސާވެރިން ބުނާގޮތުގައި އަންހެނުންނަށް ވުރެ ފިރިހެނުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑެވެ.
ނަމަވެސް ސިއްހީ މާހިރުން އާއްމުކޮށް ދޭ އިރުޝާދަކީ ދާއިމީ ބައްޔެއް ތަހައްމަލު ކުރާ މީހެއް ނުވަތަ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހެއް އިތުރަށް ސަމާލުވުމަށެވެ.
މިބަލި ދެވަނަ ފަހަރަށް ޖެހިދާނެތަ؟
މިއީ މުހިންމު ސުވާލެއް ނަމަވެސް ޔަގީން ޖަވާބެއް ލިބިފައެއް ނުވެއެވެ. މަދު މީހަކަށް މިބަލި ދެވަނަ ފަހަރަށް ޖެހިފައިވާކަން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ސިއްހީ މާހިރުން ގަބޫލު ކުރާ ގޮތުގައި މިމީހުންނަށް ވުން އެކަށީގެންވާ ގޮތަކީ ވައިރަސް ހަށިގަނޑުން ނުފިލަނީސް ހާލަތު ރަނގަޅު ވެލާފައި އަލުން ބަލިވުމެވެ.
އެގޮތުން ކޮވިޑް-19 ޖެހިފައި ހުރި މީހެއްގެ ހާލު ރަނގަޅުވެ ނޭފަތް އަދި އަނގައިން ނަގާ ސާމްޕަލްތައް ނެގަޓިވް ވެދާނެއެވެ. ނަމަވެސް ވައިރަސް ހަށިގަނޑުގެ އެހެން ތަނެއްގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ބަލިން މުޅިން ރަނގަޅުވެފައިވާ މީހުންގެ ލޭގައި ދެވަނަ ފަހަރަށް މިބަލި ޖެހިއްޖެ ނަމަ ހަށިގަނޑު ދިފާއުކޮށްދޭ އެންޓިބޮޑީސް ހުންނަން ވާނެއެވެ. އެހެންނަމަވެސް މިއެންޓިބޮޑީސް ހަށިގަނޑުގައި ހުންނާނީ ކިހާ ދުވަހެއް ވަންތޯ ދިރާސާވެރިންނަށް ހޯދިފަކާއެއް ނުވެއެވެ.
ބައެއް ވައިރަސް ތަކުގައި ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސްތައް ހަށިގަނޑުން ގެއްލެއެވެ. އަދި އަނެއްބައި ވައިރަސް ތަކުގައި ދުވަސްވާ ވަރަކަށް ވައިރަސްއަށް ބަދަލުތައް އައުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ އެންޓިބޮޑީސްއަކަށް އެއާ ދެކޮޅަށް މަސައްކަތެއް ނުކުރެވެއެވެ.
ބައެއް މެޑިކަލް ކުންފުނިތަކުން ކޮވިޑް-19 އަށް ލޭގެ ސާމްޕަލް ޓެސްޓުކުރެވޭ މެޝިންތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އެބައާދެއެވެ. މިޓެސްޓު ބޭނުންކޮށްގެން ވައިރަސް ޖެހިފައިވާ މީހުން ދެނެގަނެވި ހަށިގަނޑުގައި އެންޓިބޮޑީސް އުފެދިފައި ހުރި މީހުންވެސް ދެނެގަނެވޭނެއެވެ.
ކޮވިޑް-19 އަށް ވެކްސިންއެއް ނުވަތަ ފަރުވާއެއް ލިބޭނީ ކޮންދުވަހަކުން؟
މިހާތަނަށް މިބައްޔަށް ފަރުވާ ކުރެވޭ ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ބަލީގެ އަލާމާތްތައް ސީރިއަސްވާ މީހުންނަށް ހޮސްޕިޓަލްތަކުގައި މިވަގުތު ދެވޭ ފަރުވާ އަކީ އަލާމާތްތައް ލުއި ކުރުމަށް (މިސާލު: ފަސޭހައިން ނޭވާލާން އެހީތެރިވުން) ދެވޭ ފަރުވާއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުންފުނިތަކުން ވެކްސިންއެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު ބައެއް ކުންފުނިތަކުން އިންސާނުންނަށް ޓެސްޓު ކުރަންވެސް ފަށައިފިއެވެ. ނަމަވެސް ވެކްސިނެއް ތައްޔާރު ކުރަން މަދުވެގެން އަހަރެއް ނަގާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދާދި ފަހުން ވަނީ ސްޕެއިން އަދި ނޯވޭގެ ބަލިމީހުންނަށް ހަތަރު ވައްތަރެއްގެ ބޭހެއް ޓެސްޓު ކުރަން ފަށާފައެވެ. އަދި މަހެއް ތެރޭގައި މީގެން އެދެވިގެންވާ ނަތީޖާއެއް ނެރެވިދާނެކަމަށް ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ވަނީ މީގެ ކުރިން ބުނެފައެވެ.
ހޫނު ތަންތަނުގައި ވައިރަސް ފެތުރުން ލަސްވޭތަ؟
ބައެއް ދިރާސާވެރިން ގަބޫލު ކުރާގޮތުގައި ހޫނު މޫސުން އައުމުން ނުވަތަ ހޫނު ގައުމުތަކުގައި ވައިރަސް ފެތުރޭ ބާރުމިނަށް ބަދަލުތަކެއް އަންނާނެއެވެ.
ނަމަވެސް ޔޫރަޕިއަން ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އިން ބުދަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން މިހެން މިކަންތައްވުމުގެ ފުރުސަތު ކުޑައެވެ. އަދި ޑަބްލިއުއެޗްއޯ އިން ވަނީ މިވައިރަސް އަކީ ހުރިހާ ތަނެއްގައިވެސް ފެތުރޭ އެއްޗެއްކަން ކަށަވަރުކޮށްފައެވެ.
މިބަލިމަޑުކަން ކިހާ ދުވަހެއް ވަންދެން ހުންނާނެތަ؟
މިކަމަކީ ގިނަ ކަންތައްތަކެއްގެ މައްޗަށް ބަރޯސާ ވެފައިވާ ކަމެކެވެ. އޭގެ ތެރޭގައި މުޖުތަމައު ތެރޭގައި ގައިދުރުކުރުމަށް އެންގިފައިވާ އެންގުމަށް މީހުން އަމަލުކުރޭތޯ އަދި މިބައްޔަށް ފަރުވާއެއް ހޯދޭނެ އިރެއް ހިމެނެއެވެ.
ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ހޫބޭ އަވަށުގައި ދެ މަހަށް ފަހު ލޮކްޑައުންގެ އަމުރު ވަނީ ނެގިފައެވެ. އަދި އަތަނުގެ ރައްޔިތުންވަނީ އާއްމު ދިރިއުޅުމަށް ރުޖޫއަވެފައެވެ. ނަމަވެސް މީގެ ސަބަބުން އަލުން ބަލިފެތުރިދާނެ ކަމާމެދު ބައެއް މީހުން ސުވާލު ކުރެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)