ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކުގެ ތެރެއިން ސްޕެއިން، އިޓަލީ، ޗައިނާ އަދި ފްރާންސް އިން ކޮރޯނާވައިރަސްއާއި ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކުން ދައްކާގޮތުން ވައިރަސް ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަކަށް ނޫނެވެ. ނަމަވެސް އުމުރުން ދުވަސްވީ ފިރިހެނުންނަށެވެ.
އެގޮތުން މިހާރު އެންމެ ގިނަ ކޭސްތައް ފެނިފައިވާ އެމެރިކާގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ފިރިހެނުން ކަމަށާއި އެމީހުންގެ އަލާމާތްތައް ގޯސްވެ ނިއުމޯނިއާއަށް ބަދަލުވެފައިވާކަމަށް ހޯދުންތަކުން ދައްކައެވެ.
ސްޕެއިންގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 20،648 މީހުންގެ މެދުގައި ނެގުނު މައުލޫމާތު ތަކުން ދައްކާގޮތުގައިވެސް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވެފައިވަނީ ފިރިހެނުންނަށެވެ.
ސްޕެއިންގައި ކޮރޯނާވައިރަސް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން 59 އިންސައްތަ މީހުންނަކީ ފިރިހެނުން ކަމަށާއި، އައިސީޔޫއަށް ގެންދެވުނު 72 އިންސައްތަ މީހުންނަކީ ފިރިހެނުންނަށް ވާއިރު، ވައިރަސްގެ ސަބަބުން މަރުވެފައިވާ މީހުންގެ ތެރެއުން 65 އިންސައްތަ މީހުންނަކީ ވެސް ފިރިހެނުންނެވެ.
މި ހޯދުންތަކުން ދައްކާގޮތުގައި ފިރިހެނުންގެ ގައިން ހުންއައުން، ކެއްސުން އަދި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް އިތުރަށްފެނި އަލާމާތްތައް ގޯސްވެ ނިއުމޯނިއާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ފަސޭހައިން ޖެހި ކިޑްނީ ފެއިލް ވުމުގެ ފުރުސަތު ބޮޑުވެއެވެ.
އަދި މި ހޯދުންތަކުން ދައްކާގޮތުގައި ސިނގިރޭޓު ބޯ ފިރިހެންނުންނަށް މި އަލާމާތްތައް ކުރިމަތިވާލެއް ބޮޑެވެ. އެހެންނަމަވެސް ސްޕެއިން ގައި ކުރިއަށް ގެންގޮސްފައިވާ ހޯދުންތަކުގައި ދައްކާގޮތުން އެންހެނުންނާއި ފިރިހެނުންވެސް ސިނގިރޭޓު ބޮނީ ހަމަ އެއްވަރަކަށެވެ.
އެ ގައުމުގައި ފަނަރަ އަހަރުން މަތީގެ 31 އިންސައްތަ ފިރިހެނުން ސިނގިރޭޓު ބޯއިރު އެގައުމުގައި 27 އިންސައްތަ އަންހެނުންވެސް ސިނގިރޭޓު ބޯކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ. އެހެންކަމުން ފިރިހެނުންގެ ގައިން ފެންނަ އަލާމާތްތައް މިފަދައިން ގޯސްވަނީ ހަމަ އެކަނި ސިނގިރޭޓު ބުއިމުގެ ސަބަބުން ނޫން ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
އިޓަލީ އަދި ސްޕެއިންގައި ސިނގިރޭޓު ބޯ މީހުންގެ ތެރޭގައި އަންހެނުން އަދި ފިރިހެނުން ހިމެނޭ އިރު ޗައިނާގައި ސިނގިރޭޓު ބޯ މީހުންގެ ތެރެއިން ބޮޑު ބަޔަކީ ފިރިހެނުންނެވެ. އެހެންނަމަވެސް އިޓަލީ އަދި ސްޕެއިންގައި ވައިރަސް ޖެހޭ މީހުންގެ ތެރޭގައި އަންހެނުންނަށް ވުރެ ފިރިހެނުން މާ ގިނައެވެ. އެހެންކަމުން މިއީ ސިނގިރޭޓު ބުއިމުގެ ސަބަބުން ވަމުންދާ ކަމެއް ނޫން ކަމުގެ އިތުރު ހެއްކެއް ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިދިރާސާގައި ފިރިހެނުންނާއި އަންހެނުން އުފެދިފައިވާ ގޮތަށް ވެސް ވަނީ ބަލާފައެވެ. އެގޮތުން އަންހެނުންގެ "އެކްސް ކްރޮމޮސޯމް" އެއް އިތުރުވުމަކީ އެމީހުންގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދު ވެދާނެ ކަމަށް މީގެ ކުރިން ހެދިފައިވާ ބައެއް ދިރާސާތަކުގައި ބުނެފައިވެއެވެ.
ހަމަ މިއާއެކު އަންހެނުންނާއި ފިރިހެނުންގެ ދިރިއުޅުމުގައި ގެންގުޅޭ ތަފާތުތަކަށް ވެސް ދިރާސާވެރިން އަލިއަޅުވާލައިފައިވެއެވެ. އެގޮތުން ފިރިހެނުން އަތް ދޮވުން ފަދަ ކަންކަމަށް ފަރުވާ ކުޑަ ކަމަށާއި ބަލިވުމުން ޑޮކްޓަރު ކައިރިއަށް ދިޔުމަށް ފަސްޖެހޭކަމަށް ދިރާސާވެރިން ބުނެފައިވެއެވެ.
ސްޕެއިންގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޒުވާން ފިރިހެނުންވެސް މިބަލީގެ ޝިކާރައަކަށްވެފައި އެބަހުއްޓެވެ.
އެގޮތުން ސްޕެއިންގައި މަސައްކަތްކުރަމުންދިޔަ އިލެކްޓްރިޝަންއެއް ކަމަށްވާ 33 އަހަރުގެ ކްރިސްޓިއަން ހަފްތާއެއް ވަންދެން ހުންއައިސް ކެއްސާ އަދި ބޮލުގައި ރިއްސާފައި ބަލިވެއުޅުނެވެ. އަދި 3 ޑޮކްޓަރުންނަށް ދެއްކުމުން ރޯގާ ކަމަށް ބުނެފައި ބޭސް ދިނުމަށްފަހު ވަނީ އަލުން މަސައްކަތަށް ފޮނުވާފައެވެ.
މިހެން ކަންތައް ވުމުގެ ސަބަބުން ކްރިސްޓިއަން ވަނީ ކޮވިޑް-19 އާއި ގުޅިގެން މައުލޫމާތުދޭ ނަންބަރަށް ގުޅާފައެވެ. މި ނަންބަރަށް ގުޅުމުން ޑޮކްޓަރެއް އައިސް އޭނާ ވަނީ އެމްބިއުލަންސް އެއްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. ކްރިސްޓިއަންއަށް ވައިރަސް ޖެހިފައިވާކަން އެނގިފައިވަނީ މި ހޮސްޕިޓަލަށް ގެންދިއުމުންނެވެ. ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނޭވާލުމުގައި ދަތިތަކެއް އުޅުމުގެ ސަބަބުން އޭނާ އައިސީޔޫ އަށް ލުމުން މިހާރު އޭނާ ވަނީ ރަނގަޅުވެފައެވެ.
ކްރިސްޓިއަންއަކީ އެއްވެސް ސިއްހީ މައްސަލައެއް ނުވާ އަދި ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހަކަށް ނުވާ އިރު އޭނާއަކީ ސިނގިރޭޓު ބޯ މީހެއްވެސް ނޫނެވެ. ކްރިސްޓިއަން ބުނެފައިވަނީ އޭނާއަށް ވައިރަސް ޖެހުމުން ހައިރާންވީ އޭނާ އެހެން މީހުންނަށްވުރެ އުމުރުން ޅަ ވީމަކަމަށެވެ.
މިކަމުގެ ސަބަބުން ބައެއް ސިއްހީ މާހިރުންވަނީ ވެދާނެ ދެގޮތެއްގެ ވާހަކަ ބުނެފައެވެ. އެއްގޮތަކީ ވައިރަސް ޖެހޭ މީހުންގެ ތެރޭގައި ވަކި ފިރިހެނުން ގިނަ ނުވެދާނެ ކަމަށާއި، އެހެންނަމަވެސް ވައިރަސް ޖެހުމުން އަލާމާތްތައް ގޯސްވަނީ ގިނަ ފިރިހެނުންގެ ކަމަށް ވެދާނެ ކަމަށެވެ. ނުވަތަ ވައިރަސް ޖެހިފައިވާ މީހުންގެ ތެރޭގައި އަލާމާތްތައް ގޯސްވެފައިވާ މީހުންނަކީ ކުރިން ބައްޔެއް ޖެހިފައިވާ މީހުންނަށް ވެދާނެކަމަށް ބުނެފައިވެއެވެ.
އެގޮތުން ސްޕެއިންގެ ފިރިހެނުންނަށް ގިނައިން ޖެހިފައިވާ ބަލިތަކުގެ ތެރޭގައި ހިތުގެ ބަލި އަދި ލޭ މައްޗަށް ދިޔުން ހިމެނެއެވެ. އަދި ސްޕެއިން ލިބިފައިވާ މައުލޫމާތުތަކުގެ ތެރޭގައި އައިސީޔޫގައި ފަރުވާދެމުންދާ 58 އިންސައްތަ ކޭސްތަކަކީ ކުރިން މިފަދަ ބައްޔެއް ޖެހިފައިވާ މީހުންކަމަށް ވެއެވެ.
އެގޮތުން މި ވައިރަސް ޖެހޭ މީހުންގެ ތެރޭގައި ވައިރަސްގެ އަލާމާތްތައް ގޯސްވެފައިވަނީ ގިނަ ފިރިހެނުންގެ ކަމަށް ފެންނަމުން ދާއިރު މީގައި އެނގިފައިނުވާ ކަމަކީ މިހެން ކަންތައް ވަނީ ކީއްވެގެން ކަމެވެ. ޑޮކްޓަރުން ބުނެފައިވަނީ މިކަމަކީ ފިރިހެނުން އުފެދިފައިވާ ގޮތުގެ ސަބަބުން ވަމުން އަންނަ ކަމަކަށްވެސް ވެދާނެކަމަށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)