ހައިޑްރޮކްސީކްލޮރޯކުއިން ނަމަކަށް ކިޔާ ބޭހެއް އިންޑިޔާއިން ބޭރުކުރުން މަނާކޮށްފި ކަމަށް އިންޑިޔާގެ ސަރުކާރުން ބުދަ ދުވަހު އިއުލާނުކޮށްފިއެވެ. މިބޭހަކީ ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ބޭނުންކުރެވޭނެ ބޭހެއްތޯ މިވަގުތު ސައިންސްވެރިންދަނީ ދިރާސާ ކުރަމުންނެވެ.
ކޮވިޑް-19 އަށް ފަރުވާ ދިނުމުގެ ގޮތުން އެއްވެސް ވެކްސިންއެއް ނުވަތަ ބޭހެއް ނުވާއިރު، މިވައިރަސް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. މިބައްޔަށް ދާއިމީ ފަރުވާއެއް ހޯދަން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ހައިޑްރޮކްސީކްލޮރޯކުއިން އަކީ މެލޭރިޔާއަށް ފަރުވާކުރުމުގެ ގޮތުން ބޭނުންކުރެވޭ ބޭހެކެވެ. އަދި ކޮވިޑް-19 އަށް ފަރުވާ ދެވޭތޯ ޓެސްޓު ކުރެވެމުން އަންނަ ބޭސްތަކުގެ ތެރެއިން ބޭހެކެވެ.
މިބޭސް ގިނަ ބަޔެއްގެ ސަމާލު ކަމަށް އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރެއްވި ޓްވީޓް އަކުންނެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ކޮވިޑް-19 އަށް ފަރުވާ ކުރުމަށް މިބޭސް ބޭނުންކުރެވޭނެ ކަމަށެވެ.
މިއަށްފަހު އެމެރިކަން ސޮސައިޓީ އޮފް ހެލްތު ސިސްޓަމް ފާމަސިސްޓްސް (އޭ.އެސް.އެޗް.ޕީ) އިން ވަނީ މިބޭސް އެމެރިކާގައި މަދުވަމުން އަންނަ ކަމަށް އިއުލާނުކޮށްފައެވެ.
ނަމަވެސް މިބޭހަކީ ބައެއް މީހުންނަށް ވިހަ ބޭހެއްކަމުން ޑޮކްޓަރެއްގެ މަޝްވަރާއަކާއި ނުލާ މިބޭސް ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކޮށްފައެވެ.
HYDROXYCHLOROQUINE & AZITHROMYCIN, taken together, have a real chance to be one of the biggest game changers in the history of medicine. The FDA has moved mountains - Thank You! Hopefully they will BOTH (H works better with A, International Journal of Antimicrobial Agents).....
— Donald J. Trump (@realDonaldTrump) March 21, 2020
އިންޑިޔާއިން ވަނީ އަންގާރަ ދުވަހު އެގައުމުގެ 1.3 ބިލިއިއަން ރައްޔިތުންނަށް 21 ދުވަހުގެ ލޮކްޑައުންއެއް އިއުލާނުކޮށްފައެވެ. މީގެ އިތުރުން އެގައުމުން މީގެ ކުރިން ވަނީ ވެންޓިލޭޓަރ، ސެނިޓައިޒަރ، މާސްކް އަދި އަމިއްލަ ރައްކާތެރިކަމަށް ބޭނުންކުރެވޭ ހެދުން ފަދަ ތަކެތިވެސް އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ.
ހަމައެއާއެކު މިމަހު ކުރީކޮޅު އިންޑިޔާއިން ވަނީ ގިނަ އަދަދެއްގެ ބޭސް އެގައުމުން އެކްސްޕޯޓު ކުރުން މަނާކޮށްފައެވެ. އޭގެ ތެރޭގައި ޕެރަސެޓަމޯލްވެސް ހިމެނެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)