ކޮވިޑް-19 ގެ ސަބަބުން މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މި ވައިރަސްދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. މި ވައިރަސް އަކީ ޕެންޑެމިކްއެއް ކަމަށް ނިންމާފައިވާއިރު، މި ވައިރަސް އިން މީހުން ސަލާމަތްކުރުމަށް، އަދި މި ވައިރަސްއަށް ފަރުވާ ދޭނެ ގޮތާއި ހުއްޓުވާނެ ގޮތް ސައިންސްވެރިން ދަނީ ހޯދަމުންނެވެ.
މިހާރު ލިބިފައިވާ މައުލޫމާތައް ބަލާއިރު، މި ވައިރަސްގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު ވަނީ 17،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 390،000 އަށް އަރާފައެވެ.
މި އަދަދުތައް ފެނުމުން ހާސްކަން އުފެދޭނެކަން ޔަގީނެވެ. އެހެންނަމަވެސް މި ދަނޑިވަޅުގައި އިރުޝާދުތަކާ އެއްގޮތަށް މަސައްކަތްކޮށް ސަލާމަތުން ތިބުމުގެ އިތުރުން، މި ވައިރަސް ހުއްޓުވުމުގެ ގޮތުން އަދި މި ވައިރަސްއަށް ފަރުވާދޭނެ ގޮތާމެދު ކުރަމުންދާ ދިރާސާތަކަށް ބަލާލުމަކީވެސް މުހިންމު ކަމެކެވެ.
ވައިރަސްއާ ދެކޮޅަށް ނަގާ ފިޔަވަޅުތައް މަސައްކަތް ކުރޭ
ހޮންގްކޮންގް އިން ވަނީ މި އައުޓްބްރޭކްގެ ސަބަބުން އެ ގައުމުގެ 43 ހޮސްޕިޓަލުގައި ކަންތައް ހިނގާފައިވާ ގޮތް ބަލާ ރިކޯޑުކޮށްފައެވެ. އަދި ދަ ޖަރނަލް އޮފް ހެލްތުކެއާ އެޕިޑެމިއޮލޮޖީ އޮފް އެމެރިކާ ގައި ޝާއިއުކޮށްފައެވެ.
ކޮރޯނާވައިރަސް ފެތުރުނު ފުރަތަމަ 6 ހަފްތާތެރޭގައި 413 ހެލްތު ކެއާ ވޯކަރުން ވަނީ ވައިރަސް ޖެހިފައިވާ 42 މީހުންނަށް ފަރުވާ ދީފައެވެ. އަދި މި ހެލްތު ކެއާ ވޯކަރުންގެ ތެރެއިން 11 މީހުންވަނީ އެއްވެސް ސަލާމަތީ ވަސީލަތަކާނުލާ ވައިރަސް ޖެހިފައިވާ މީހުންނަށް ހާމަވެފައެވެ.
އެހެންނަމަވެސް ވައިރަސް ހޮސްޕިޓަލް ތެރޭގައި ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެއްވެސް ހެލްތުކެއާ ވޯކަރަކަށް ވައިރަސް ޖެހިފައެއް ނުވެއެވެ.
މިފިޔަވަޅުތައް އެޅުމުން ހެލްތުކެއާ ވޯކަރުންނަށް ވައިރަސް ޖެހުމުން ސަލާމަތްވިއެވެ. މިފަދަ ފިޔަވަޅުތަކުގެ ތެރޭގައި ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށާއި، މާސްކް އަދި ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި ބޭނުން ކުރަން ޖެހޭ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުން ކުރުން ހިމެނއެވެ. އަދި މީގެ ނަތީޖާއަކަށްވީ ހޮސްޕިޓަލު ތެރޭގައި ވައިރަސް ނުފެތުރުމެވެ.
ދެވަނަ ފަހަރަށް ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަ
ކޮރޯނާވައިރަސް ޖެހުމުން ދެ ވަނަ ފަހަރަށް ވައިރަސް ނުޖެހި އެއިން ސަލާމަތް ވެދާނެކަމަށް ދިރާސާއަކުން ދައްކައެވެ.
SARS-CoV-2 އާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެއްގައި ދެ ރާމާމަކުނަށް ކޮރޯނާވައިރަސް ޖެއްސިއެވެ. ވައިރަސް ޖެއްސުމުގެ 28 ދުވަސްފަހުން ސައިންސްވެރިންވަނީ ދެ ރާމާމަކުނަށް ދެވަނަ ފަހަރަށް ވައިރަސް ޖައްސާފައެވެ.
މި ޓެސްޓްތަކުން ދައްކާގޮތުގައި ފުރަތަމަ ވައިރަސް ޖެހުމުން ދެވަނަ ފަރަހަށް ވައިރަސް ޖެހުމުން ސަލާމަތްވެދާނެއެވެ. އަދި ހޯދުންތަކުގައި ބުނެފައިވަނީ މީގެ ސަބަބުން ވައިރަސް އަށް ވެކްސިންއެއް ހެދުމަށް ފަސޭހަވެގެން ދާނެކަމަށެވެ.
ވެކްސިންއެއް ދަނީ ޓެސްޓުކުރެވެމުން
ކޮވިޑް-19 އަށް ވެކްސިންއެއް މިހާރުދަނީ ޓެސްޓް ކުރަމުންނެވެ. މި ވެކްސިން ޓްރައިލް ކުރިއަށް ގެންދަނީ އެމެރިކާގެ ސިއެޓަލްގެ ދިރާސާކުރާ އިންސްޓިޓިއުޓް އެއްގައެވެ.
ޓްރައިލްގައި ސިއްހަތު ރަނގަޅު 45 މީހަކަށް ވަނީ ވެކްސިން ދީފައެވެ. މި ވެކްސިން ހަދާފައިވަނީ SARS-CoV-2 ގެ ޖެނެޓިކް ކޯޑް ބޭނުންކޮށްގެންނެވެ.
އެހެންކަމުން ވެކްސިންގައި އަސްލު ވައިރަސް ހިމެނިފައި ނުވުމުން މި ވެކްސިން ޓެސްޓް ކުރުމުގެ ގޮތުން ދެވޭ އެއްވެސް މީހަކަށް ވެކްސިންގެ ފަރާތުން ކޮވިޑް-19 އެއް ނުޖެހޭނެއެވެ.
ސަރުކާރު އޮފިޝަލުން ބުނެފައިވާ ގޮތުގައި މި ވައިރަސް މާރކެޓަށް ނުކުތުމަށް އަދި 12-18 މަސް ނަގާނެ ކަމަށާއި، މި ޓްރައިލް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ މި ވެކްސިންގެ ސަބަބުން އެއްވެސް ގޯސް އަލާމާތެއް މީހުންގެ ގައިން ނުފެންނާނެ ކަމަށް ޔަގީން ކުރުމަށެވެ.
ކުރީގެ ތެރަޕީކުން ކޮވިޑް-19 އަށް ފަރުވާދެވިދާނެ
ކޮވިޑް-19 އަށް ފަރުވާ ދިނުމުގެ ގޮތުން ޑޮކްޓަރުންނަށް ބޭނުން ކުރެވިދާނެ ގޮތެއް ވާކަމަށްވެސް ވަނީ ބުނެފައެވެ. މިއަށް ކިޔަނީ ޕެސިވް އެންޓިބޮޑީ ތެރަޕީ އެވެ.
އަދި މިޔާއި ބެހޭގޮތުން ދަ ޖަރނަލް އޮފް ކްލިނިކަލް އިންވެސްޓިގޭޝަން ގައި ދިރާސާއެއްވެސް ވަނީ ޝާއިއުކޮށްފައެވެ.
މިއީ ވައިރަސް ޖެހިފައި އެ ބަލިން ފަސޭހަ ވެފައިވާ މީހެއްގެ ގައިން ލޭ ނެގުމަށްފަހު އޭގައިވާ ސިރަމް ނުވަތަ އިންފެކްޝަންއާއި ދެކޮޅަށް މަސައްކަތްކުރާ ބައި ނަގައިގެން ފަރުވާ ދިނުމަށް ބޭނުން ކުރާ ތެރަޕީއެކެވެ. އަދި މި ބައި ނެގުމަށްފަހު ވައިރަސް ޖެހިފައިވާ މީހާގެ ގަޔަށް އިންޖެކްޓް ކުރުމުން އެ ވައިރަސްއާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި، އިންފެކްޝަންތަކުން ދުރުކޮށް ވައިރަސްއަށް ހަމަލާ ދޭނެކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ.
މިކަމާ ގުޅޭގޮތުން ޖޯން ހޮޕްކިންސްގައި މަސައްކަތްކުރައްވާ ޕްރޮފެސަރެއް ކަމަށްވާ ޑރ. އާރޓުރޯ ބުނެފައިވަނީ މިއީ ވާނެ ކަމެއް ކަމަށާއި، މިކަން ކުރަން ބޭނުންވާނަމަ މީހުންގެ އެހީ އަދި ވަސީލަތްތައްވެސް ބޭނުންވާނެ ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު ވައިރަސް ޖެހިފައި އެ ބަލިން ސަލާމަތް ވެފައިވާ މީހުންގެ ތެރެއިން ލޭ ހަދިޔާ ކުރެވޭނެ މީހުންވެސް ބޭނުންވާނެ ކަމަށް ބުނެފައިވެއެވެ.
އިންސާނާގެ ދިފާއީ ނިޒާމުން ވައިރަސް ބަލިކުރެވޭނެ
ވެކްސިން ގެ އިތުރުން އެހެން ގޮތްތައް ހޯދަމުންދާއިރު، އާ ހޯދުންތަކުން ދައްކާ ގޮތުގައި އިންސާނުންގެ ދިފާއީ ނިޒާމަށް މި ވައިރަހާ ދެކޮޅަށް މަސައްކަތްކޮށް ކާމިޔާބުވެއެވެ. އެގޮތުން ނޭޗާ މެގަޒިން ގައި ޝާއިއު ކޮށްފައިވާ ހޯދުމެއްގައި ވަނީ ކޮވިޑް-19 ޖެހުމަށްފަހު ދުވަސްތަކެއްގެ ތެރޭގައި ރަނގަޅުވެފައިވާ މީހެއްގެ ވާހަކައެވެ.
މި މީހާއަކީ ޗައިނާގެ ވޫހާންގައި ވައިރަސް ޖެހިފައިވާ 47 އަހަރުގެ އަންހެނެކެވެ. ޓެސްޓްތައް ހެދުމުން މި އަންހެން މީހާގެ ލެއިން ވަނީ އިމިއުނޯގްލޮބިއުލިންސް ފެނިފައެވެ. މިއީ އެންމެ އާންމު އެންޓިބޮޑީއެވެ. އަދި އެ މީހާގެ ލެއިން ގިނަ އަދަދެއްގެ އިމިއުން ސެލްސްވެސް ވަނީ ފެނިފައެވެ. އެގޮތުން ސްޕެޝަލައިޒްޑް ހެލްޕާ ޓީ ސެލްސް، ކިލާ ޓީ ސެލްސް އަދި ބީ ސެލްސްވެސް ފެނިފައިވެއެވެ.
މިކަންކަމުގެ ސަބަބުން މީހުންނަށް މި ވައިރަސްއިން ސަލާމަތްވުމަށް އަދި މި ވައިރަސް ގެ ސަބަބުން މަރުވަމުންދާ މީހުންނަށް ވާގޮތް ދެނެގަތުމަށް ފަސޭހަވެއެވެ. އަދި މި ގޮތްތައް ބޭނުން ކޮށްގެން މި ވައިރަސްއިން ސަލާމަތް ވުމަށް މަސައްކަތް ކުރެވޭނެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)