ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިތުރު ދެމީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ ކޯވިޑް-19އިން އަލަށް ރަނގަޅުވި ދެމީހުން މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. މި ދެމީހުން ރަނގަޅުވުމާއެކު ކޮރޯނާއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ.
ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ މިބަލިން ބަޔަކު ރަނގަޅުވުމަކީ މިބަލި ޖެހުމަށް އޮތް ރިސްކް ކުޑަވުމެއް ނޫންކަމަށެވެ. އަދި ގޭގައި އެކަހެރިވެތިބުމުން ހުއްޓާނުލުމަށްވެސް ޑޮކްޓަރވަނީ ނަސޭހަތްތެރިވެލައްވާފަ އެވެ.
ގޭގައި އެކަހެރިވެތިބުމަށް އެދިލެއްވި ސަބަބަކީ އަދިވެސް ރާއްޖެއިން ބޭރުން މީހުން ރާއްޖެއައުން ކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓި ޓްރޭސިންވި މީހުން އަދިވެސް އައިސޮލޭޝަންގައި ތިބިކަމަށް ޑރ. މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
މިދުވަސްވަރު ގޭގައި އެކަހެރިވުމުގެ މައިގަނޑު ބޭނުމަކީ އެކެއްގެ ފަރާތުން ދެތިން މީހުންނަށް ބަލިޖެހި ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ ގޭގައި އެކަހެރިވުންކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން މިހާތަނަށްވަނީ ޖުމްލަ 13 މީހަކަށް ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިޖެހުނު އެންމެންނަކީ ބިދޭސީންނަށްވާއިރު އޭގެތެރެއިން 5 މީހަކުވަނީ ބަލިން ރަނގަޅުވެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)