ކޮރޯނާވައިރަސް އެކި ގައުމުތަކަށް ފެތުރެމުންދާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ޔޫއެސް ސެންޓާރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ ހުންއައުން، ކެއްސުން އަދި ނޭވާލާން އުނދަގޫވުންފަދަ އަލާމާތްތަކަށް ސަމާލުވާން އެދިފައެވެ.
ސަބަބަކީ މި އަލާމާތްތަކަކީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ SARS-CoV2 ގެ އަލާމާތްތައް ކަމަށްވުމުންނެވެ. އެހެންނަމަވެސް މި އަލާމާތްތައް ހަށިގަނޑުން ފެނުމަށް 2-14 ދުވަސް ނަގައެވެ.
ކޮރޯނާވައިރަސް ޖެހެނީ ކިހިނެއް؟
ސީޑީސީއިން ބުނެފައިވަނީ މި ވައިރަސްއަކީ އެކަކު އަނެކަކުގަޔަށް ކެއްސާ ކިނބިހި އެޅުމުގެ ސަބަބުން ތިކިތަކެއްގެ ޒަރިއްޔާއިން ފެތުރޭ ވައިރަސްއެއްކަމަށެވެ. އަދި މި ވައިރަސްއަކީ ތަންތަނުގައިވެސް ދިރިހުންނަ ވައިރަސްއަކަށް ވުމުން އެތަނެއްގައި އަތްލުމަށްފަހު އަނގަ، ނޭފަތް ނުވަތަ ލޮލުގައި އަތް ލެވިއްޖެނަމަ މި ވައިރަސް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ.
ސީނިއާ ފިސިޝަންއެއް ކަމަށްވާ ޑރ. މާރޓިން ބުނެފައިވަނީ މިކަމުގެ މާހިރުން ދެކޭގޮތުގައި މި ވައިރަސް މަސައްކަތްކުރަމުންދަނީ މީގެ 13 އަހަރު ކުރިން ފެނިފައިވާ SARS-CoV ހެން ކަމަށެވެ. މި ވައިރަސްއަކީ ނޭވާލާ ނިޒާމުގެ ވައިރަސްއަކަށްވުމުން މި ވައިރަސް މީހާގެ ގަޔަށް ވަންނަނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ.
އެހެންނަމަވެސް އެހެން ނޭވާލާ ނިޒާމުގެ ބަލިތަކެކޭ އެއްފަދައިން މި ވައިރަސް އަނގައާއި ލޮލުގެ ޒަރިއަޔާއިން ހަށިގަނޑަށް ވަނުމުގެ ފުރުސަތުވެއެވެ. އަދި މި ވައިރަސްއަށް ހަށިގަނޑަށް ވަދެވުމުން ހަމަލާދޭން ފަށައެވެ.
ވައިރަސްގެ އަލާމާތްތައް
މި ވައިރަސް ޖެހުމުގެ ފަހުން ވައިރަސްގެ އަލާމާތްތައް ފެނުމަށް 14-2 ދުވަސް ނަގައެވެ. އެވަރޭޖްކޮށް ފަސް ދުވަހެވެ.
އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ވައިރަސް ވަނުމަށްފަހު ފުއްޕާމޭގައި ހުންނަ އެޕިތެލިއަލް ސެލްތައް އިންފެކްޓްވާން ފަށައެވެ. އަދި މި ސެލްތަކަށް ވައިރަސްއަށް ވަދެވުމަށްފަހު މި ސެލް މަރުވަންދެން ވައިރަސް އިތުރުވެއެވެ. އަދި މިހެން ކަންތައްވާން ފެށުމުން އަލާމާތްތައް ފެންނަންފަށައެވެ.
އެގޮތުން، ކެއްސާ، ނޭވާލާން އުނދަގުވެ، ހުންއައިސް ބޮލުގައާއި މުޅިގައިގަ ރިއްސާ އަދި ވަރުބަލިވާން ފަށައެވެ. މި އަލާމާތްތަކަކީ ހުންއައިސްގެން ފެންނަ އަލާމާތްތައްފަދަ އަލާމާތްތަކެވެ.
މީގެއިތުރުން ހޮޑުލެވި ފާހަނައަށް ދެވުން ފަދަ އަލާމާތްތައްވެސް ހުރެއެވެ. އަދި ނޭވާލާނިޒާމަށް މި ވައިރަސް ފެތުރެންފެށުމުން އަލާމާތްތައް އިތުރަށް ގޯސްވާނެއެވެ.
މި ވައިރަސް ޖެހުމުގެ ސަބަބުން "މައިލްޑް" (ނުރައްކާ ކުޑަ) ކޮވިޑް-19 ކޭސްއެއްގައި ކެއްސުން އަދި ހުން ހުންނާނެއެވެ. އަދި މި އަލާމާތްތައް ފްލޫއަށްވުރެ ގޯސްވިނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓް ކުރާކަށް ނުޖެހޭނެއެވެ.
މިފަދަ ކޭސްތަކުގައި އިތުރަށް ގޯސްނުވަނީ ދިފާއީ ނިޒާމުން މި ވައިރަސް ނޭވާލާ ނިޒާމުގެ މަތީބައިގައި ހިފަހައްޓާތީއެވެ. އަދި ޅަ މީހުންގެ ދިފާއީ ނިޒާމު އުމުރުން ދުވަސްވީ މީހުންގެ ދިފާއީ ނިޒާމަށްވުރެ ވަރުގަދަވާނެއެވެ.
ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 13.8 އިންސައްތަ ހާލުދެރަ ކޭސްތައް އަދި 6.1 އިންސައްތަ ހަށިގަނޑަށް ނުރައްކާވާ ކޭސްތަކުގައި ވައިރަސް އިތުރަށް ގޯސްވަނީ ފުއްޕާމެއާ ހަމައަށް ވައިރަސް ދިއުމުންނެވެ. މިއީ ވައިރަސް އިތުރަށް ބޮޑުވާތަނެވެ. އަދި މި ވައިރަސް ނޭވާލާނިޒާމަށް ފެތުރުމުން ނިއުމޯނިއާ އަދި ބްރޮންކައިޓިސް ފަދަ ނޭވާލާނިޒާމުގެ އިތުރުބަލިތައް ޖެހެއެވެ.
ވައިރަސްގެ ސަބަބުން ނިއުމޯނިއާ އަދި ބްރޮންކައިޓިސް ބަލި ޖެހުމުން ފުއްޕާމޭ ހަލާކުކޮށްލައެވެ. އަދި ފުއްޕާމޭ އިތުރަށް ހަލާކުވުމުގެ ސަބަބުން ހަށިގަނޑުގެ އެހެން ބައިތަކަށް އޮކްސީޖަން ފޯރުކޮށްދިނުމަށް ދަތިވެއެވެ. އެގޮތުން އޯގަން ފެއިލް ވެ އިންސާނާ މަރުވެއެވެ.
ނަމަވެސް މި އަލާމާތްތައް އިތުރަށް ގޯސްވުމުގެ ފުރުސަތު އިތުރުވަނީ އުމުރުން ދުވަސްވީ މީހުން އަދި ދިފާއީ ނިޒާމު ބަލިކަށިމީހުންނެވެ. މި މީހުންގެ އިތުރުން ޕަލްމޮނަރީ އެބްނޯމެލިޓީސް، ކްރޮނިކް ޑިޒީޒް، އަދި ކެންސާ ޕޭޝަންޓުންފަދަ ކީމޯތެރަޕީ ހަދާފައިވާ މީހުންނަށްވެސް މި ވައިރަސްގެ ނުރައްކާ ބޮޑުވުމުގެ ފުރުސަތުވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)