ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވުމަކީ ބަލި މުޅިން ކޮންޓްރޯލްވުމެއް ނޫންކަމަށް ޑރ. މުރާދު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދުވަނީ ރާއްޖެއިން 3 ވަނަ މީހަކު ކޯވިޑް-19އިން ރަނގަޅުވިކަން އިއުލާންކުރައްވާފަ އެވެ.
އެހެންނަމަވެސް މިފަދަ ނަތީޖާތަކުގެ ފައިދާ ފެންނަމުންދާނީ ފަރުދީ ޒިންމާ އަދާކުރާ މިންވަރަކުން ކަމަށެވެ.
ޑރ. މުރާދު އިތުރަށް ވިދާޅުވީ އެބޭފުޅުން ކުރާ އިލްތިމާސްތަކަށް ރައްޔިތުން ބޯލަނބާ މިންވަރަކުން ނޫނީ މިފަދަ ނަތީޖާތަކުގެ ފައިދާއެއް ނުކުރާނެކަމަށެވެ. އަދި ކޯވިޑް-19ގެ ނުރައްކާ އަދިވެސް ވަރަށްބޮޑަށް އޮތްކަމަށް ޑރ. މުރާދުވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން އަދިވެސް ވަރަށްބޮޑު ރިސްކެއްގަ މިތިބެނީ" ޑރ. މުރާދު ވިދާޅުވިއެވެ.
ޑރ. މުރާދު ވިދާޅުވީ މިބަލި ފެތުރުން ކޮންޓްރޯލްކުރެވޭނީ އެބޭފުޅުން އާންމު ރައްޔިތުންނަށް ދޭ އިރުޝާދުތަކާއި ލަފާތައް އާންމު ރައްޔިތުން ޤަބޫލުކޮށް އަމަލުކުރި މިންވަރަކުން ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރުން ރާއްޖެއަންނަ ފަރާތްތަކަށްވެސް އަމަލުކުރަން އަންގާފައިވާގޮތަށް އަމަލުތައް ބެހެއްޓުމަށް ޑރ. މުރާދުވަނީ އެދިލައްވާފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)