ކޮވިޑް-19 ޖެހުމުގެ ފުރުސަތާއި މީހާގެ ލޭގެ ގްރޫޕާއި ގުޅުމެއް ވާކަމަށް ދިރާސާއަކުން ދައްކައިފި
ކޮވިޑް-19 ޖެހުމުގެ ފުރުސަތު މީހާގެ ލޭގެ ގްރޫޕްގެ ސަބަބުން އިތުރުވެދާނެކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ.
މި ނަތީޖާ ލިބިފައިވަނީ، ޗައިނާގެ ޝެންޒެން އަދި ވޫހާންގެ ތިން ހޮސްޕިޓަލެއްގައިވާ ކޮވިޑް-19 ޖެހިފައިވާ 2،173 ޕޭޝަންޓުންގެ ލޭގެ ސާމްޕަލް ޓެސްޓު ކުރުމަށްފަހެވެ. އަދި މި ސާމްޕަލްތަކުން ލިބިފައިވާ މައުލޫމާތު ވަނީ، ވޫހާންގެ ސިއްހަތު ރަނގަޅު 3،694 މީހުންނާއި ޝެންޒެންގެ 23،386 މީހުންގެ ލޭގެ ސާރވޭއާ އަޅާކިޔާފައެވެ.
ވޫހާންގެ ސިއްހަތު ރަނގަޅު 3،694 މީހުންގެ ތެރެއިން 32.16% މީހުންނަކީ "އޭ" ގްރޫޕްއެވެ. އަދި 24.90% މީހުން "ބީ" ގްރޫޕް، 9.10% މީހުން "އޭބީ" ގްރޫޕް، 33.84% "އޯ" ގްރޫޕްއެވެ.
ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން ވޫހާން ޖިންޔިންޓަން ހޮސްޕިޓަލްގައިވާ 1،775 ޕޭޝަންޓުންގެ ތެރެއިން 37.75% އަކީ "އޭ" ގްރޫޕްއަށް ނިސްބަތްވާ މީހުންނެވެ. އަދި 26.42% "ބީ" ގްރޫޕްއަށް ވާއިރު 10.03% "އޭބީ" އަދި 25.80% އަކީ "އޯ" ގްރޫޕް އަށް ނިސްބަތްވާ މީހުންނެވެ.
ޝެންޒެން ގައި ޓެސްޓް ކުރެވިފައިވާ ސިއްހަތު ރަނގަޅު މީހުންގެ ތެރެއިން 28.77% މީހުންނަކީ "އޭ" ގްރޫޕްއެވެ. އަދި 25.14% މީހުން "ބީ" ގްރޫޕް، 7.32% "އޭބީ" އަދި 38.77% މީހުން "އޯ" ގްރޫޕްއެވެ. އެގޮތުން ޝެންޒެންގެ ވައިރަސް ޖެހިފައިވާ ޕޭޝަންޓުންގެ ތެރެއިން 28.77% "އޭ" ގްރޫޕް، 29.12% "ބީ" ގްރޫޕް، 13.68% "އޭބީ" ގްރޫޕް އަދި 28.42% "އޯ" ގްރޫޕްއެވެ.
މީގެއިތުރުން، ކޮވިޑް-19 ޖެހިފައިވާ ވޫހާންގެ 113 ޕޭޝަންޓުން އަދި ޝެންޒެންގެ 285 ޕޭޝަންޓުން ވަނީ މޮނީޓަރ ކޮށްފައެވެ. މި ހޯދުންތަކުން ދައްކާފައިވަނީ "އޭ" ގްރޫޕް ލޭ ހުންނަ މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި "އޯ" ގްރޫޕް މީހުންނަށް މި ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަކަމަށް ބުނެފައިވައެވެ.
މި ތަފާތު އައިސްފައިވަނީ ލޭގައިވާ ތަފާތު އެންޓިބޮޑީސްގެ ސަބަބަންކަމަށް ބެލެވުނުނަމަވެސް މި ކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެކަމަށް ބުނެފައިވެއެވެ.
މި ހޯދުންތަކުގެ ސަބަބުން ހެލްތު ވޯކަރުންނަށް ޕޭޝަންޓުންނަށް ފަރުވާދިނުމުގައި ފަސޭހަވާނެ ކަމަށާއި، މި ކަމުން ދައްކައިދެނީ "އޭ" ގްރޫޕް ޕޭޝަންޓުންނަށް ވައިރަސްގެ އިންފެކްޝަން ގޯސްވިޔަ ނުދިނުމުގެ ގޮތުން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހިދާނެކަމެވެ.
ހަމައެއާއެކު މި ޕޭޝަންޓުން އިތުރަށް މޮނީޓަރ ކުރަން ޖެހިދާނެކަމަށާއި، ފަރުވާދިނުމުގައި އިތުރު މަސައްކަތް ކުރަން ޖެހިދާނެކަމަށް ވެސް ބުނެފައިވެއެވެ. މީގެއިތުރުން ކޮވިޑް-19 އަށް ފަރުވާދިނުމުގެ ބައެއްގެ ގޮތުގައި ހެލްތު ކެއާ ވޯކަރުންނަށް ޕޭޝަންޓުންގެ ލޭގެ ގްރޫޕް ހޯދިދާނެއެވެ. އަދި މި ހޯދުންތަކަކީ ކްލިނިކަލް ޕްރެކްޓިސް ތަކަށް މަގުދައްކައިދޭ އެއްޗެއްކަމަށް ހޯދުންތެރިން ބުނެފައިވެއެވެ.
އަދި މި ހޯދުންތަކަކީ ޕްރޮފެޝަނަލްސްއަށް އިތުރު ހޯދުންތައް ކުރިއަށް ގެންދިއުމަށް އެހީ ވެދޭނެ އެއްޗެއްކަމަށާއި، މި ހޯދުންތަކުގައިވާ ނަންބަރުތަކަށް އާންމުން ވިސްނުން މުހިންމު ނޫންކަމަށް ބުނެފައިވެއެވެ.
ހަމައެއާއެކު "އޭ" ގްރޫޕްގެ ލޭ ހުންނަ މީހެއްނަމަ ބިރު ނުގަތުމަށާއި، އޭގެ މާނައަކީ ވައިރަސް ޖެހޭނެކަމުގެ 100% ޔަގީންކަން އޮތް ވާހަކަ ނޫންކަމަށް ބުނެފައިވެއެވެ. އަދި "އޯ" ގްރޫޕްގެ ލޭ ހުންނަނަމަ ވައިރަސްއިން ސަލާމަތްވެފައިވާ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
މިފަދަ ހޯދުންތައް ކުރިއަށް ގެންދިޔަ ކަމުގައި ވިނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން ދީފައިވާ އިރުޝަދުތަކާ އެއްގޮތައް މަސައްކަތްކޮށް އަތް ދޮވުމަށާއި ސާފުތާހިރު ކަމަށް ސަމާލުކަންދޭން ވާނެކަމަށްވެސް ބުނެފައިވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)