އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 20/03/2020

ޗައިނާ ބޭރުން ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރުނު އިޓަލީ، އީރާން އަދި ސްޕެއިންގައި ވައިރަސް ފެތުރުނީ ކީއްވެގެން؟

މި ގައުމުތަކުގައި ވައިރަސް ކޮންޓްރޯލް ކުރުމަށް ދަތިވެފައިވަނީ ކޮން ސަބަބުތަކަކާ ހުރެ ހެއްޔެވެ؟
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 20/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާންގެ މާރުކޭޓަކުންނެވެ. މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ މި ވައިރަސްއިން ސަލާމަތްވުމަށް ހުރިހާ ގައުމަކުންވެސް ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. 

މި ފިޔަވަޅުތަކުގެ ސަބަބުން ބައެއް ގައުމުތަކުގައި ވައިރަސް ފެތުރެމުންދާ މިންވަރު ކުޑަވިނަމަވެސް ބައެއް ގައުމުތަކުގައި ފެންނަމުންދަނީ ވައިރަސް ޖެހެމުންދާ މީހުންގެ އަދަދު އަދި މި ވައިރަސްގެ ސަބަބުން މަރުވަމުންދާ މީހުންގެ އަދަދު އިތުރުވާތަނެވެ. މީހުންނަށް ވައިރަސް ޖެހެމުންދާ މިންވަރު އަދި މި ވައިރަސްގެ ސަބަބުން މީހުން މަރުވަމުންދާ އަދަދު ދުވަހަކަށް ވުރެ ދުވަހަކު އިތުރުވަމުންދާ ގައުމުތަކުގެ ތެރޭގައި އިޓަލީ، އީރާން އަދި ސްޕެއިން ހިމެނެއެވެ. 

މި ގައުމުތަކުގައި ވައިރަސް ކޮންޓްރޯލް ކުރުމަށް ދަތިވެފައިވަނީ ކޮން ސަބަބުތަކަކާ ހުރެ ހެއްޔެވެ؟

އިޓަލީ

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އެންމެ ގިނައީ އިޓަލީގައެވެ. ކީއްވެގެން ހެއްޔެވެ؟ 

މި ގައުމުގައި ވައިރަސް ފެތުރެމުންދަނީ ކީއްވެގެން ކަމާއި، ކޮންޓްރޯލް ކުރުމަށް އުނދަގޫވެފައިވާ ސަބަބުތައް އެނގުމަކީ އެހެން ގައުމުތަކަށް ފައިދާ ވާނެ ކަމެކެވެ.

އިޓަލީގައި މި ވައިރަސް ޖެހިފައިވަނީ 41،035 މީހުންނަށް ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފައިވެއެވެ. ޗައިނާގެ ބޭރުން މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އެންމެ ގިނައީ އިޓަލީގައެވެ. އަދި އިޓަލީގައި މި ވައިރަސްގެ ސަބަބުން މަރުވެފައިވަނީ 3،405 މީހުންނެވެ. 

މި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން މަރުވަމުންދާ މީހުންގެ އަދަދު އިތުރުވުމަށް ސަބަބުތަކެއް ވާނެއެވެ. އެހެންނަމަވެސް އިޓަލީގެ އާބާދީގެ ތެރެއިން ބޮޑުބަޔަކީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ދާއިމީ ބައްޔަކަށް ފަރުވާކުރަމުން އަންނަ މީހުންނެވެ. އެހެންކަމުން މި އުމުރުގެ މީހުންނަށް މި ވައިރަސް ޖެހި އަލާމާތްތައް އިތުރުވުމުގެ ފުރުސަތުވެއެވެ.

ހަމައެއާއެކު އިޓަލީގައި ވައިރަސް ފެތުރެން ފެށުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވަނީ ވަރަށް ބާރުމިނެއްގައެވެ. ޖާރމަނީ އަދި ފްރާންސް ގައި ވައިރަސް ފެތުރުނު ވަރަށްވުރެ އަވަހަށެވެ. 

އިޓަލީގެ އާބާދީގެ ތެރެއިން ބޮޑުބަޔަކީ އުމުރުން ދުވަސްވީ މީހުން

ގިނަ މީހުންތަކެއް އެއްފަހަރާ ބަލިވުމަކީ، ބޭނުންކުރަމުން އަންނަ ވަސީލަތްތައް މަދުވެ ވައިރަސް ޖެހިގެން ހާލަތު ގޯސްވެފައިވާ މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް އުނދަގޫވާނެ ކަމެކެވެ. މިކަމުގެ ސަބަބުން ޖާރމަނީގައި އެންމެ މުހިންމު ކަމެއް ދީފައިވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށެވެ.

އިޓަލީގައި ވައިރަސް ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ވެފައިނުވާއިރު، 24 ގަޑިއިރު ތެރޭގައި 5،000 މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. މި އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކަށް ވެފައިވަނީ މީހުންނަށް ނޭނގި މި ވައިރަސް ފެތުރެމުން ގޮސްފައިވުމުންނެވެ. 

ހަމައެއާއެކި މި ވައިރަސް ފެތުރެންފަށާފައިވަނިކޮށް، އިޓަލީގައި މި ވައިރަސްއާމެދު ޔަގީން ނުވާފަދަ ވާހަކަތަކެއް ދެކެވިފައިވުމުގެ ސަބަބުން ވައިރަސް ފެތުރުމަށް އިތުރު ވަގުތު ލިބުނެވެ. އަދި އެ ގައުމުގައިވާ މީހުންގެ ތެރެއިން ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުންގެ ޓެސްޓުތައް ހަދާނެ ވަގުތަކާ ގުޅިގެން ސަރުކާރާއި ހޮސްޕިޓަލްތަކުން ދެބަސްވެފައި ވުމުންވެސް މި ވައިރަސް ފެތުރުމަށް އިތުރު ވަގުތު ލިބުނެވެ.

އީރާން

83 މިލިއަން މީހުން ދިރިއުޅެމުންދާ އީރާންއަކީ މިހާރު ކޮރޯނާވައިރަސްގެ ސަބަބުން މަރުވަމުންދާ މީހުންގެ އަދަދު އެންމެ މަތި އެއް ގައުމެވެ. ލިބިފައިވާ މައުލޫމާތުތަކުގައި ވަނީ އީރާންގައި މީހުން މަރުވަމުންދާ އަދަދު ކޮންމެ ދުވަހަކު 8% އިން 18% އަށް ބަދަލުވަމުންދާ ކަމެވެ. 

އީރާންއިން ފުރަތަމަ މަރު އިއުލާންކުރިތާ 8 ދުވަސް ތެރޭގައި، ކޮވިޑް-19 މި ގައުމުގެ 31 ހިސާބަކަށް ފެތުރުނެވެ. އަދި މި ވައިރަސް ޖެހެމުންދާ މީހުންގެ އަދަދު ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. 

ވައިރަސް ފެތުރެންފެށުމުން، އާންމުން އެއްވަމުންދާ ތަންތަން ބަންދު ކުރުމުގެ ބަދަލުގައި އީރާންގެ ޣުމްގައި ހުންނަ މީހުން އަޅުކަން ކުރުމަށް ދާތަނަށް މީހުން އައުން ނުހުއްޓުމަށް އެދުނެވެ. އަދި އެތަނަކީ މީހުންނަށް ޖެހިފައިވާ ބަލިތަކުން ރަނގަޅުވުމަށް ދާތަނެއް ކަމުގައި ބުނެފައިވެއެވެ. 

އަޅުކަން ކުރުމަށް ދާތަނަށް މީހުން އައުން ނުހުއްޓުމަށް އެދުނު

ޣުމްގައި ހުންނަ އީރާންގެ ސުޕްރީމް ލީޑަރ ގެ ރެޕްރެސެންޓެޓިވްއެއް ކަމަށްވާ މުހަންމަދު ސައީދީ ބުނެފައިވަނީ އީރާންއަށް ޓްރޭސްކުރެވިފައިވާ ކޭސްތަކެއް އަޒަރްބައިޖާން، އަފްގާނިސްތާން، ބަހްރައިން، ކެނެޑާ، ޖޯރޖިއާ، އިރާގް، ކުވައިތު، ލެބަނޮން، އޯމަން، ޕާކިސްތާން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް ގައި ވާކަމަށެވެ. އަދި މީގެން ގިނަ ކޭސްތަކަކީ ޣުމް އާއި ގުޅިފައިވާ ކޭސްތަކެވެ.

މީގެއިތުރުން މި ގައުމުގެ ސިޔާސީ ކަންކަމުގެ ސަބަބުންވެސް މި ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުވިއެވެ. މި ގައުމުގައި ވައިރަސް ފެތުރެން ފެށިދުވަސްވަރު ދިމާވީ ގައުމު ފާހަގަކުރާ ދެ ކަމަކާއެވެ. އެގޮތުން ފެބްރުއަރީ 11 ގައި އީރާންގެ ރިވޮލިއުޝަންގެ އެނިވާރސަރީ އަދި ފެބްރުއަރީ 21 ގައި އީރާންގެ ޕާލިމެންޓަރީ އިލެކްޝަންއެވެ. 

މީގެ ސަބަބުން މި ދެ އިވެންޓުގައި މީހުން ބައިވެރި ނުވެދާނެކަމުގެ ބިރު އޮތުމުން، ވައިރަސް ފެތުރެމުންދާކަން ސަރުކާރުން އަންގަން ބޭނުމެއް ނުވިއެވެ. އެހެންކަމުން މިކަމާ ގުޅިގެން މީހުންނަށް މައުލޫމާތު ނުދެވި ހަފްތާތަކެއް ދިޔައެވެ. 

އެހެންނަމަވެސް އިލެކްޝަންގައި ބައިވެރިވެފައިވަނީ މީގެން 43% އަށްވުރެ މަދު މީހުންނެވެ. އަދި ބައިވެރިވި މީހުންވެސް ބައިވެރިވެފައިވަނީ މާސްކް އަޅައިގެންނެވެ. މި ގައުމުގައި މި ވައިރަސް ފެތުރިފައިވަނީ މި ސިޔާސީ ކަންކަމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް އިރާނަގައި މި އައުޓްބްރޭކައަށް ފަހު ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުންދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ސްޕެއިން

އިޓަލީގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާއެކު އަވަށްޓެރި ސްޕެއިންގައި އެގައުމުގެ ފުރަތަމަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ 24 ފެބްރުއަރީ ވަނަ ދުވަހުއެވެ. މިވައިރަސް އެތެރެވެފައިވަނީ އިޓަލީއިން ދަތުރުކުރި ޑޮކްޓަރެއްގެ ފަރާތުން ކަމަށް ސްޕެއިންގެ އޮފިޝަލުންވަނީ ބުނެފައެވެ. މިއަދާ ހަމައަށް އެގައުމުގައި 18،077 މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 831 މީހުން ވަނީ މަރުވެފައެވެ.

ސްޕެއިން އިން ވައިރަސް ފެނުމާއެކުވެސް އެގައުމުގެ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅިތަނެއް ނުފެނުނެވެ. އަދި އޭގެ ސަބަބުން ގިނަ ބަޔެއްގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. 

24 ފެބްރުއަރީ ވަނަ ދުވަހު ކޮވިޑް-19 އެގައުމުން ފެނުމުންވެސް އެއާ ވިދިގެން އައި ހަފްތާގައި ސްޕެއިންގައި ފެނިގެން ދިޔައީ 120،000 މީހުން އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަގުމައްޗަށް އެއްވި ތަނާއި، 60،000 މީހުން ފުޓްބޯޅަ މެޗެއް ބަލަން ސްޓޭޑިއަމްއެއް ފުރާލި ތަނުގެ އިތުރުން ސިޔާސީ އެއްވުމަކަށް 9،000 މީހުން ދިޔަ ތަނެވެ.

މީހުން އެއްވުން އަވަހަށް މަނާ ނުކުރުމަކީ ސަރުކާރުން އެޅި ގޯސް ފިޔަވަޅެއްގެ ގޮތުގައި ގަބޫލު ނުކުރައްވާކަމަށް ސްޕެއިންގެ ޕްރައިމް މިނިސްޓަރ ޕެޑްރޯ ސަންޗެޒް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކުރިއަށް އޮތް ހަފްތާތަކަކީ އުނދަގޫ ހަފްތާތަކަކަށް ވާނެކަން އޭނާ ގަބޫލުކުރައްވައެވެ.

 

މިހާރު ސްޕެއިންއަކީ ޔޫރަޕްގައި އިޓަލީ ފަހަތުން ކޮވިޑް-19 އެންމެ ގިނަ އަދަދަކަށް ފެތުރިފައިވާ ގައުމު

ސްޕެއިންގެ އެންމެ ބޮޑަށް އަސަރުކޮށްފައިވާ މެޑްރިޑް އަދި ކެޓަލޯނިއާގެ ލީޑަރުންވަނީ ސަރުކާރުގެ ލަސް ފިޔަވަޅުތަކަށް ފާޑު ކިޔާފައެވެ. މިވައިރަސް މިހާބޮޑަށް ފެތުރިފައިވަނީ ދަތުރުފަތުރު ނުހުއްޓުވުމާއި މީހުން އެތެރެވެ ބޭރުވުން ނުހުއްޓުވުމުގެ އިތުރުން މުޅި ގައުމު "ޝަޓް ޑައުން" ނުކުރުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. 

ދާދި ފަހުން މެޑްރިޑްގެ ޕްރެސިޑެންޓް ވިދާޅުވެފައިވަނީ މިރޭޓުން ކޮންމެ 10 މީހެއްގެ ތެރެއިން 8 މީހުންނަށް މެޑްރިޑްގައި ކޮރޯނާވައިރަސް ޖެހޭނެ ކަމަށެވެ.

ފާއިތުވި ހޮނިހިރު ދުވަހު ސްޕެއިންގެ ޕްރްއިމް މިނިސްޓަރ ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމަށް އިއުލާނުކޮށްފައެވެ. އެގޮތުން ގައުމުގެ ހުރިހާ ރެސްޓޯރަންޓަކާއި، ހޮޓެލް، ސްކޫލް، ޔުނިވަރސިޓީ އަދި ބައެއް ފިހާރަތައް ބަންދުކުރުމުގެ އިތުރުން މީހުންނަށް ގެއިން ބޭރަށް ނުކުމެވޭނީ ހަމައެކަނި ކާއެއްޗެހި އަދި ބޭސް ގަންނަން ކަމަށް މިއިއުލާނުގައި އޭނާ ވިދާޅުވިއެވެ.

 

ބައެއްގައުމުތަކުގައި ވައިރަސް ކޮންޓްރޯލް ވުމެއް ނެތިފެތުރެމުން ދަނީ، އެ ކަމަކަށް އަޅަންޖެހޭ ފިޔަވަޅު އެކަށީގެންވާގޮތުގައި ނޭޅި، މި ވައިރަސްއާމެދު ގައުމުތަކުން ސީރިއަސް ނުވެވުމުގެ ސަބަބުންނެވެ. 

އެހެންކަމުން މި ވައިރަސްއާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ވައިރަސް ޖެހިފައިވާ މީހުންނަށް ލިބެންޖެހޭ ފަރުވާ ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެއާއެކު، ކޮންމެ މީހެއްވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށް އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ