ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 ގެ ސަބަބުން އިޓަލީގައި މަރުވި މީހުންގެ އަދަދު ވަނީ 427 އަށް އަރާ، ޖުމްލަ އަދަދު 3،405 އަރާފައެވެ.
ޗައިނާ ވައްޓާލާ ކޮވިޑް-19 ގެ ސަބަބުން އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އިޓަލީ ވެއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވެއެވެ. ނަމަވެސް ބުރާސްފަތި ދުވަހު އިޓަލީގައި މީހުން މަރުވި އަދަދަކީ އޭގެ ކުރީ ދުވަހާއި އަޅާ ބަލާއިރު މަދު އަދަދެކެވެ.
އިޓަލީގައި ބުރާސްފަތި ދުވަހު އިތުރު 5،322 މީހުންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
އެގައުމުގައި ރިޕޯޓު ކުރެވުމުންދާ ކޭސްތައް އިތުރުވަމުން ދާތީ ޗައިނާއިން އަމަލު ކުރި ގޮތަށް، އިޓަލީގައި 60 މިލިއަން މީހުން ވަނީ ސިޓީތަކުގައި ކަރަންޓީންގެ ހާލަތުގައި ބެހެއްޓިފައެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 އާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން ސްކޫލްތައް ބަންދުކޮށް، މީހުން އެއްވުން މަނާކޮށް، ސިޓީތައް ލޮކްޑައުން ކުރުމުގެ އިތުރުން ދެގައުމު ގުޅޭ ބޯޑަރުތައް ބަންދުކުރުންވެސް މިފިޔަވަޅުތަކު ތެރޭގައި ހިމެނެއެވެ.
ކޮވިޑް-19 ޖެހިފައިވާ 245،000 މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓުކުރެވިފައިވާއިރު އޭގެ ތެރެއިން 88،000 މީހުން ވަނީ ބަލިން ސަލާމަތްވެފައެވެ. އަދި މިނުރައްކާތެރި ބަލީގެ ސަބަބުން 10،000 މީހުން ވަނީ މަރުވެސް ވެފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)