ކޮރޯނާވައިރަސް ހުއްޓުވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށްވުރެ ފަރުދީ ޒިންމާ މާ މުހިންމު: ދިރާސާ
ސަރުކާރުން ކޮރޯނާވައިރަސްއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަށްވުރެ ކޮންމެ މީހަކު ސަރުކާރުން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް މަސައްކަތް ކުރުން މާ މުހިންމު ކަމަށް ހޯދުންތަކުން ދައްކައިފިއެވެ. މިކަން ސާބިތުވެފައިވަނީ ދަ ލޭންސެޓް ނަމަކަށް ކިޔާ ޖާރނަލްއެއްގައި ޕަބްލިޝް ކޮށްފައިވާ ހޯދުންތަކުންނެވެ.
ޔުނައިޓަޑް ކިންގްޑަމްގައި ހުންނަ ޔުނިވާރސިޓީ އޮފް އޮކްސްފޯރޑް އެންޑް އިމްޕީރިއަލް ކޮލެޖް ލަންޑަން އަދި ޔުޓްރެކްޓް ޔުނިވާރސިޓީގެ އިތުރުން ނެޝަނަލް އިންސްޓިޓިއުޓް ފޯ ޕަބްލިކް ހެލްތު އަދި ނެދަލޭންޑްސްގެ އެންވައިރަމަންޓް ގެ ހޯދުންތެރިން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މި ދިރާސާގައި ބުނެފައިވަނީ މި ވައިރަސް އެއްކޮށް ހުއްޓާލުން ނުވަތަ ވައިރަސްގެ ސަބަބުން މީހުން މަރުވުން ހުއްޓުވުމަކީ ވާނެކަމެއް ނޫން ކަމަށެވެ. އަދި މުހިންމު ކަމަކީ މިހާރުވަމުންދާ ކަންކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރަން މަސައްކަތް ކުރުންކަމަށެވެ.
ވައިރަސްއާމެދު ދެކެމުން އަންނަ ގޮތް ވަގުތާއެކު ބަދަލު ވާނެ ކަމަށާއި، މި ކަމަށް އަޅަމުންދާ ފިޔަވަޅުތައްވެސް ވަގުތާއެކު ބަދަލުވަމުންދާނެ ކަމަށް މި ހޯދުންތަކުގައި ބުނެފައިވެއެވެ. އެގޮތުން މައުލޫމާތު އެއްކުރުމާއި، މިކަންކަން ރަނގަޅަށް ދެނެގަތުމަކީ ވައިރަސް ކޮންޓްރޯލް ކުރުމުގައި މުހިންމު ބައެއް އަދާކުރާނެ ކަމެއް ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކަންތައްތައް ވަމުންދާގޮތް ކިޔާ ދިނުމަކީ ވެސް ވަރަށް މުހިންމު ކަމެއްކަމަށް ބުނެފައިވެއެވެ.
މީހުންނާ ދުރުން އުޅުމަކީ މިހާރު ކުރެވޭނެ އެންމެ މުހިންމު ކަމަށްވާއިރު، ކޮންމެ މީހަކުވެސް އަދާ ކުރަންޖެހޭ ފަރުދީ ޒިންމާ އަދާ ކުރަންވާނެއެވެ. އެގޮތުން، ސެލްފް އައިސޮލޭޝަން ނުވަތަ އަމިއްލައަށް ކަރަންޓީންވެ، އެކަށީގެންވާ ސިއްހީ އެހީ ހޯދުމުގެ އިތުރުން މީހުން ގިނަވެ އެއްވާ ތަންތަނަށް ނުދިއުން ހިމެނެއެވެ.
ކޮރޯނާވައިރަސްގެ އަސަރު ބޮޑަށް ކުރަމުންދަނީ އުމުރުން ދުވަސްވެފައިވާ މީހުންނަށާއި، ދާއިމީ ބައްޔަކަށް ފަރުވާކުރަމުންދާ މީހުން ނުވަތަ، ސިއްހީ މައްސަލަތައް ހުންނަ މީހުންނަށްކަން ފާހަގަ ކުރެވެއެވެ.
ސަރުކާރުން މި ވައިރަސްއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައްވެސް ވަރަށް މުހިންމު ވާނެއެވެ. އެގޮތުން ފުޓްބޯޅަ އިވެންޓުތައް ފަދަ ބޮޑަތި އިވެންޓްތައް ކެންސަލްކޮށް، މަސައްކަތްކުރާ ތަންތަން އަދި ސްކޫލުތައް ބަންދުކޮށް، ރަނގަޅު ޑައިގްނޮސްޓިކް ފެސިލިޓީސްގެ އިތުރުން ހެލްޕްލައިން ފަދަ އެހީ ލިބޭނެގޮތްތައް މީހުންނަށް އަބަދުވެސް ފޯރުކޮށްދިނުން މުހިންމެވެ. އަދި އެކަށީގެންވާ ފަރުވާ ލިބުންވެސް ވަރަށް މުހިންމެވެ.
އެހެންނަމަވެސް މި ފިޔަވަޅުތައްވެސް މަސައްކަތް ކުރާނީ ކޮންމެ މީހަކުވެސް އަމިއްލައަށް ސަރުކާރުން އަދި އެހެންފަރާތްތަކުން ދެވިފައިވާ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުމުންކަމަށް މި ހޯދުންތަކުގައި ބުނެފައިވެއެވެ.
އަޅަމުންދާ ކޮންމެ ފިޔަވަޅެއްގެ ސަބަބުންވެސް އިގްތިސާދީގޮތުން ގެއްލުންވާނެއެވެ. އެގޮތުން ޗައިނާގެ ވޫހާން އެއްކޮށް ލޮކްޑައުން ކުރުންފަދަ ހަރުކަށި ފިޔަވަޅުތައް ބައެއް ގައުމުތަކުގައި މަސައްކަތް ނުކޮށްފާނެއެވެ. މިފަދަ ފިޔަވަޅުތަކަކީ ވައިރަސް ފެތުރެމުންދާ މިންވަރު ލަސްކުރުމަށް އަދި ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފިޔަވަޅުތަކެވެ.
މިފިޔަވަޅުތަކުގެ ސަބަބުން ސިއްހީ އެހީ ލިބުމުގައި ދަތިތައްކުރިމަތި ނުވެ، އިގްތިސާދަށް ލިބޭ ގެއްލުން ކޮންޓްރޯލް ކުރުމަށާއި، ވެކްސިން އަދި އެކަށީގެންވާ ފަރުވާ ހޯދުމަށް އިތުރު ވަގުތު ލިބެއެވެ. މި ހޯދުންތަކުގައި ދައްކާގޮތުގައި ހެލްތުކެއާ ވޯކަރުން އަދި އެމީހުންގެ ސާވިސްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
އެހެންނަމަވެސް ކޮވިޑް-19 ޖެހިފައިވާ މީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް ވައިރަސް ދަނީ ކިހާ ދުވަހަކުން ކަމެއް ނޭނގޭއިރު، މި ބަލި ނުރައްކާތެރިވާ މުއްދަތު، މީހުންމަރުވާނެ އަދަދު، އަދި އަލާމާތްތައް ފެނުމުގެ ކުރިން މި ވައިރަސް ނުރައްކާތެރި މިންވަރެއްވެސް ނޭނގެއެވެ. އަދި އަލާމާތްނުފެންނަ އެއްވެސް ކޭސްއެއް ވާކަމެއްވެސް ޔަގީނެއްނޫނެވެ.
މިހާރު ފެންނަ ފެނުމުގައި މި ޕެންޑެމިކް ދުނިޔެއަށް ފެތުރޭލެއް ސީސަނަލް ފްލޫއަށް ވުރެ ލަސް ވާނެއެވެ. އެހެންނަމަވެސް ދިގު މުއްދަތެއްގައި މި ވައިރަސް ހުރުމުގެ ފުރުސަތު ވާއިރު އިގްތިސާދީގޮތުން ގެއްލުންވުމުގެ ފުރުސަތު އިތުރުވާނެއެވެ.
އެގޮތުން މި ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އެންމެ މުހިންމު ކަމެއްދީފައިވަނީ ކޮންޓެކްޓް ޓްރޭސް ކުރުމަށެވެ. ޕޮސިޓިވްވެފައިވާ މީހާއާއި ދިމާވެފައިވާ ނުވަތަ ކޮންޓެކްޓްވެފައިވާ މީހުންގެ ތެރެއިން 70% މީހުން ހޯދުމަކީ މި ވައިރަސް ކޮންޓްރޯލް ކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ކަމެކެވެ.
އަދި މި ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަމުން އަންނަ އެހެން ކަންކަމުގެ ތެރޭގައި އަލާމާތްތައް ފެންނަ މީހުން އައިސޮލޭޓް ކުރުމާއި، ގޭގައި ފަރުވާހޯދުމާ، މަސައްކަތައް މީހުންނަށް ނުދެވުމުން އިގްތިސާދީ ގޮތުން ވެދާނެ ގެއްލުންތަކާމެދު ފިޔަވަޅު އަޅާނެ ގޮތްތައްވެސް ދަނީ ނިންމަމުންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)