ކޮވިޑް-19 ގެ އަލާމާތްތަކަށް އައިބިޔުޕްރޮފެން ބޭސް ބޭނުންނުކުރާން ޑަބްލިއުއެޗްއޯއިން އަންގައިފި
ފާތިމަތު އުލާ
ޝާއިޢު ކުރީ: 18/03/2020
WHO Coronavirus COVID-19 France Ibuprofen Anti-inflammatory drugsކޮވިޑް-19 ގެ އަލާމާތްތަކަށް އައިބިޔުޕްރޮފެން ބޭސް ބޭނުން ނުކުރާން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަންގާރަ ދުވަހު ގޮވާލައފިއެވެ. ޑަބްލިއުއެޗްއޯ އިން މިހެން ބުނެފައިވަނީ ފްރާންސްގެ އޮފިޝަލުން އެންޓި-އިންފްލެމޭޓަރީ ޑްރަގްސް (ދުޅަ ކެނޑުވުމަށް ބޭނުންކުރެވޭ ބޭސް) ބޭނުންކުރުމުން ކޮރޯނާވައިރަސް އިތުރަށް ގޯސްވެދާނެކަމަށް ބުނުމުންނެވެ.
ފްރާންސްގެ ހެލްތު މިނިސްޓަރ އަދި ނިއުރޮލޮޖިސްޓްއެއް ކަމަށްވާ އޮލިވިއޭ ވޭހާން ބުނެފައިވަނީ އައިބިޔުޕްރޮފެން ނުވަތަ ކޯޓިސޯންފަދަ އެންޓި-އިންފްލެމޭޓަރީ ބޭހުގެ ސަބަބުން ޖެހިފައިވާ އިންފެކްޝަން ގޯސްވެދާނެ ކަމަށެވެ. މިގޮތަށް އޭނާ ބުނެފައިވަނީ ދަ ލޭންސެޓް ގައި ޝާއިއުކޮށްފައިވާ ދިރާސާއަކާއި ހަވާލާދީއެވެ.
"ހުން އައިސްފިނަމަ ޕެރަސެޓަމޯލް ބޭނުން ކުރޭ" ވޭހާން ކުރި ޓްވީޓއެއްގައި ބުނެފައިވެއެވެ. އަދި މިވަގުތު އެންޓި-އިންފްލެމޭޓަރީ ބޭހެއް ބޭނުންކުރާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އޭނާ ގޮވާލިއެވެ.
⚠️ #COVIDー19 | La prise d'anti-inflammatoires (ibuprofène, cortisone, ...) pourrait être un facteur d'aggravation de l’infection. En cas de fièvre, prenez du paracétamol.
— Olivier Véran (@olivierveran) March 14, 2020
Si vous êtes déjà sous anti-inflammatoires ou en cas de doute, demandez conseil à votre médecin.
ދަ ލާންސެޓްގައި ޝާއިއުކޮށްފައިވާ ދިރާސާއާއި ބެހޭގޮތުން ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސްޕޯކްސްމަން ކްރިސްޓިއަން ލިންޑްމެޔަރ ވިދާޅުވެފައިވަނީ ޔޫއެން ގެ ސިއްހަތު އޭޖެންސީގެ ބޭފުޅުން މިވަގުތު މިކަމާއި ބެހޭގޮތުން އިތުރަށް ދިރާސާކުރައްވާ ކަމަށެވެ.
އަދި އެބޭފުޅުންގެ ބަހެއް އަންނަން ދެން އައިބިޔުޕްރޮފެން ބޭނުން ނުކުރުމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޑޮކްޓަރެއް މިބޭސް ބަލިމީހަކަށް ދިނުމަކީ އެޑޮކްޓަރެއްގެ އަތްމަތީ ވާކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެންޓި-އިންފްލެމޭޓަރީ ޑްރަގްސް އަކީ އޭގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތްކުރަމުންދާ މިންވަރު ދަށް ކޮށްލާ އެއްޗެއްކަމަށާއި، އަދި ނުރައްކާތެރި ބައްޔެއް ހުންނަ މީހަކު މި ފަދަ ބޭސް ކެއުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ފްރާންސްގެ ހެލްތު އޮފިޝަލުންވެސް ބުނެފައިވެއެވެ. އަދި އެއްވެސް އެންޓި-އިންފްލެމޭޓަރީއެއް ނަގަމުން ދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެކަމަށްވެސް ބުނެފައިވެއެވެ.
ފްރާންސްގެ ހެލްތު މިނިސްޓަރ އަދި ހެލްތު އޮފިޝަލުން ބުނެފައިވަނީ ހުން އައިސްފައިވާނަމަ ޕޭޝަންޓުންނަށް އިލްތިމާސް ކުރަނީ ޕެރެސެޓަމޮލް ކެއުމަށްކަމަށާއި، މި ބޭހުން އިތުރު އެއްވެސް ނުރައްކަލަކާނުލާ ހުން މަޑު ކޮށްދޭނެކަމަށެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ވައިރަސް ފެތުރެމުންދާއިރު، ފްރާންސްގެ ހެލްތު މިނިސްޓްރީއިން ބުނެފައިވަނީ 24 ގަޑިއިރު ތެރޭގައި 800 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށެވެ. އަދި މިހާރު ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 7،730 އަށް އަރާފައިވާއިރު 175 މީހުންވަނީ މި ވައިރަސްގެ ސަބަބުން މަރުވެފައެވެ. އަދި 699 މީހުންނަށްދަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.
އޮލިވިއޭ ވޭހާން ބުނެފައިވަނީ މި ވައިރަސް ފެތުރިފައިވާ ބާރުމިނުގައި ވައިރަސްއަށް ބަދަލުވެސް އައިސްފައިވާކަމަށެވެ. އެހެންނަމަވެސް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން 98% މީހުން މިހާރުވަނީ ރަނގަޅުވެފައިކަމަށް ވޭހާން ބުނެފައިވެއެވެ.
ފްރާންސްގައި ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އައިފިލް ޓަވާ ފަދަ ފަތުރުވެރިންދާ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ. އަދި 100 މީހުންނަށް ވުރެ ގިނަ މީހުން އެއްވާ އެއްވުންތައްވެސް ވަނީ މަނާކޮށްފައެވެ.
ހަމައެއާއެކު އެ ގައުމުގެ 12.4 މިލިއަން ކުދިން ކިޔަވަމުންދާ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް މި ބަންދުގެތެރޭގައި ކުދިން އިންޓަރނެޓްގެ ޒަރިއްޔާއިން ކިޔެވުން ކުރިއަށް ގެންދާނެކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރ ބުނެފައިވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)