އެމެރިކާގެ ރިސާޗަރުން އުފެއްދި ކޮރޯނާވައިރަސް ވެކްސިން ޓެސްޓުކުރުމަށްޓަކައި ފުރަތަމަ ފަހަރަށް އިންސާނެއްގެ ގަޔަށް މި ވެކްސިން ޖަހައިފިއެވެ.
އެމެރިކާގެ ކައިސަރ ޕާރމަނަންޓް ވޮޝިންޓަން ރިސާރޗް އިންސްޓިޓިއުޓްގެ ޓީމަކުން އަމިއްލައަށް ވޮލިންޓިއަރކޮށް ތައްޔާރުކުރި މި ވެކްސިނުގެ އަދި ފުރިހަމަވެފައިވަނީ އެންމެ ސްޓޭޖެކެވެ.
މި ވެކްސިން އެ ދިރާސާ ޓީމުން ތައްޔާރުކޮށްފައިވަނީ ޗައިނާގައި މި ވައިރަސް ފެތުރި މުޅި ދުނިޔެއަށް ވައިރަސް ފެތުރެމުން ދިޔަ ދަނޑިވަޅެއްގައެވެ.
"އަހަރެމެންނަކީ މިހާރު ޓީމް ކޮރޯނާވައިރަސް" ދިރާސާޓީމުން ތައްޔާރުކުރި ވެކްސިންގެ ކާމިޔާބީ އާއިމެދު އުފާފާޅުކުރަމުން ކެއިސަރ ޕާރމެނަންޓް ސްޓަޑީގެ ލީޑަރ ޑރ. ލިސާ ޖެކްސަން ބުނެފައިވަނީ މިފަދައިންނެވެ.
އަދި ކުއްލިހާލަތުގެ މި ދަނޑިވަޅުގައި އެންމެވެސް އެބަޔަކަށް ކުރުވެނުކަމެއް ކުރަންބޭނުންވާނޭ ކަމަށްވެސް ލިސާ ބުނެފައިވެއެވެ.
އިއްޔެ އެމެރިކާގެ ރިސާޗަރުން މި ވެކްސިން ޖަހާފައިވަނީ އެމެރިކާއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ޖެނިފަރ ހާލަރ ގެ ގަޔަށެވެ. ޖެނިފާރ އަކީ ދެކުދިންގެ މަންމައެކެވެ.
ޖެނިފާރ ބުނިގޮތުގައި ކޮރޯނާވައިރަސް ވެކްސިން ޖެހިވަގުތު އޭނާއަށް ކުރެވުނީ ވަރަށް އުފާވެރި އިހްސާސެކެވެ. އަދި މިއީ އުއްމީދުކެނޑިފައިވާ މިދަނޑިވަޅު ރަނގަޅުކަމެއްކޮށްދިނުމަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެއްކަމުގައި ޖެނިފާރ ވަނީ ބުނެފައެވެ.
އިއްޔެ ފުރިހަމަކުރި މި ކާމިޔާބީއަކީ އިންސާނުންނަށް ކޮރޮނޯވައިރަސް ވެކްސިންގެ ރައްކާތެރިކަން ޔަގީންކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ. އަދި މި ދިރާސާކުރިއަށް ދާވަރަކަށް ކުރިއަށްއޮތްތަނުގައި މި ވެކްސިނަކީ އިންސާނުނަށް ދިނުން ރަނގަޅު ވެކްސިނެއްކަން ޔަގީންކުރެވޭނެއެވެ.
މިވެކްސިންގެ މިހާތަނަށް ތައްޔާރުކުރީ ދެ ޑޯޒެވެ. އަދި މި ވެކްސިން ޖުމްލަ 45 ވޮލިންޓިއަރުންނަށް ޖެހުމަށް ދިރާސާޓީމުން ވަނީ ނިންމާފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ދޭތާ އެއްމަސްފަހުން ދެވަނަ ޑޯޒް ވޮލިންޓިއަރުންނަށް ދޭނެއެވެ.
މި ވެކްސިން ކާމިޔާބު ވިނަމަވެސް ގިނަބަޔަކަށް އެއްފަހަރާ ދެވޭވަރަށް ވެކްސިން ތައްޔާރުކުރުމަށް ގާތްގަނޑަކަށް 12 މަހާއި 18 މަހާއި ދެމެދުގެ މުއްދަތެއް ނަގާނެކަމަށް އެމެރިކާގެ ނެޝަނަލް ހެލްތް އިންސްޓިޓިއުޓްގެ ޑރ. އެންތަނީ ފައުޗީވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް ކޮރޯނާވައިރަސް ވެކްސިނެއް ތައްޔާރުކުރުމަކީ ސިއްހީގޮތުން މިހާރަށް އެންމެ މުހިންމު އެއްކަންތައް ކަމަށް އޭނާވަނީ ވިދާޅުވެފައެވެ. އަދި މި ގޯލް ކާމިޔާބުކުރުމަށްޓަކައި ރެކޯޑް ސްޕީޑެއްގައި މަސައްކަތްކުރަމުންދާކަމަށްވެސް ޑރ. ފައުޗީ ވިދާޅުވެފައި ވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)