ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ވެފައިވަނީ ގިނަބަޔަކަށް ބޮޑު ޗެލެންޖަކަށެވެ. ވައިރަހުން ރައްކާތެރިވުމަށް އޮތް އެންމެ މޮޅު އުކުޅަކީ ގިނަގިނައިން އަތްދޮވުން ކަމަށްވާއިރު ވައިރަހުގެ އަލާމާތްތައް ހަށިގަނޑުން ފެނިއްޖެނަމަ އަމަލުކުރެވޭނެ ގޮތްތަކެއްވެސް ސިއްހީ މާހިރުން ވަނީ ބުނެދީފައެވެ. އެއީ ކަރަންޓީނުކުރުމާއި އެކަހެރި ކުރުމެވެ.
ކަރަންޓީނުގައި ވެސް ދެވައްތަރެއްގެ ކަރަންޓީނެއް ވެއެވެ. އެއީ އަމިއްލައަށް ކަރަންޓީނުވުމާއި އަދި ތަނަކަށް ގެންގޮސް ވަކިން މީހަކު ކަރަންޓީނުކުރުމެވެ. ހަމައެހެންމެ އެކަހެރި ކުރުންވެސް ބެހެވިގެންވަނީ މިދެ ބަޔަށެވެ.
އެގޮތުން އަމިއްލަ ހަށިގަނޑުގައި (ހުން އައުން، ހިކި ކެއްސުން، ވަރުބަލިވުން) ފަދަ ކޯވިޑް-19ގެ އަލާމާތެއް ހުރި ޝައްކުކުރެވިއްޖެ ހާލަތެއްގައި ސިއްހީ އެހީތެރިންގެ ލަފާގެ މަތިން އަމިއްލައަށްވެސް އެކަހެރި ވެވިދާނެ ކަމަށް ކަމާބެހޭ މާހިރުން އިރުޝާދުދެއެވެ. މީގެއިތުރުން ކޮވިޑް-19 ޖެހިފައިވާ މީހަކާއި ބައްދަލުވެފައި ހުރި މީހަކުނަމަ ޓެސްޓް ކުރެވެންދެން އެކަހެރިވުމަށްވެސް އިރުޝާދު ދެއެވެ.
މިފަދައިން އެކަހެރިވުމަށް ކިޔަނީ އެހެންމީހުން ބަލިން ރައްކާތެރިކުރުމަށްޓަކައި އެމީހުންނާއި ދުރުގައި އުޅުމަށެވެ. އެއީ އެއް ގެއެއްގެ ތެރޭގައި އުޅުނު ނަމަވެސްއެވެ.
އާއްމުގޮތެއްގައި ކޯވިޑް-19ގެ އަލާމާތްތައް ފެނުމަމަށް 14 ދުވަހުގެ މުއްދަތެއް ނަގައެވެ. އެހެންކަމުން އަމިއްލަ ގޭގައި އެކަހެރިވި ނަމަވެސް މަދުވެގެން 14 ދުވަސްވަންދެން އެކަހެރިވުމަށްވެސް ސިއްހީ އެހީތެރިން ލަފާދެއެވެ.
އެގޮތުން ތިރީގައި މިވަނީ އަމިއްލައަށް ގޭގައި އެކަހެރިވާން މެދުވެރިވެއްޖެ ހާލަތެއްގައި އަމަލުކުރެވިދާނެ ބައެއް ގޮތްގޮތެވެ.
1. ގޭގައި މަޑުކުރުން
ގޭގައި މަޑުކުރާށޭ މިބުނަނީ ސަމާސާއަކަށް ނޫނެވެ. ކޯވިޑް-19ގެ މި ދުވަސްވަރު އަޑުއިވޭނެ އެއް ވާހަކައަކީވެސް މިއެވެ. އަދި އަމިއްލަ އަށް އެކަހެރިވުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީވެސް މިކަމަށެވެ. އެހެންކަމުން ބަލިވެ އުޅޭނަމަ އެއްގޮތަކަށްވެސް ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ ގިނަ ފަރާތްތަކުންވެސް ދަނީ އެދެމުންނެވެ.
އެގޮތުން ކޯވިޑް-19ގެ އަލާމާތެއް ފެނިފައި ހުރި މީހެއްނަމަ އެންމެ ރަނގަޅުގޮތަކީ ސިއްހީ އެހީތެރިކަން ބެނުންވެއްޖެ ހިނދެއްގައި ނޫނީ އާންމުންގެ ތެރެއަށް ނުނިކުތުމެވެ.
މީގެ މާނައަކީ ބަސްތަކާއި، ވަޒީފާގެ މާހައުލާއި، ސްކޫލް އަދި ޓެކްސީތަކުގެ އިތުރުން ފިހާރަފަދަ ތަންތަނަށް ނުދިއުމެވެ. އަދި ގެއަށް ބޭނުންވާ ސާމާނު އޯޑަރ ކޮށްގެން ގެއަށް ގެނައުން ނުވަތަ ދަންނަ މީހެއް މެދުވެރިކޮށް ގޭގެ ނުވަތަ އެކަހެރިކޮށްފައިވާ ކޮޓަރީގެ ދޮރާއި ހަމަޔަށް ގެނެސްދިނުމަށް އެދުމެވެ.
2. އެހެންމީހުންނާއި އަދި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާއި ދުރުވުން
އެކަހެރިވާންޖެހިއްޖެ މީހަކީ އާއިލާއަކާއި އެކީގައި ނުވަތަ އޮޅުކޮށްގެން ޕެޓްއެއް ގެންގުޅޭ މީހެއްނަމަ މިކަން ކުރުމަށް ދަތިވެސް ވެދާނެއެވެ. އެހެންނަމަވެސް މިހާލަތުގައި މިފަރާތްތަކައީ ވަގުތީގޮތުން ދުރުގައި ހުރުންނޫން އިތުރުގޮތެއްވެސް ނޯންނާނެއެވެ
އެގޮތުން ބަޔަކާއި އެކުގައި ދިރިއުޅޭ މީހެއްނަމަ އަމިއްލައަށް ކޮޓަރީގައި އެކަހެރިވެވިދާނެއެވެ. އަދި އެކޮޓަރިއަކީ ފާހަނާވެސް ޤާއިމްކުރެވިފައި ހުރި ކޮޓަރިއަކަށްވުން މުހިއްމެވެ. ސަބަބަކީ މިފަދަ ހާލަތެއްގައި އެއް ފާހަނާއެއް ބޭނުންކުރުމުން ވައިރަސް ފެތުރުމުގެ ފުރުސަތު އިތުރުވާތީ އެވެ.
އަދި ކެއުން ބުއިމަށްވެސް ކޮޓަރިން ބޭރަށް ނުކުންނަނަމަ އެހެންމީހުން ނޫޅޭ ވަގުތެއްގައި ނުކުތުން ބުއްދިވެރިއެވެ. އަދި ކޮޓަރިން ބޭރުން އެއްވެސް އެއްޗެއްގައި އަތްލައިފިނަމަ އެ އެއްޗެއް ޑިސްއިންފެކްޓްކުރުން މުހިންމެވެ.
އޭގެތެރޭގައި ފްރިޖްގެ އަތްގަނޑު ކަބަޑުތަކުގެ އަތްގަނޑުތައްވެސް ހިމެނެއެވެ. އަދި ކެއުމަށް ބޭނުންކުރާ ތަށި ސަމްސާފަދަ އެއްޗެހި އެހެންމީހުންނާއި ވަކިކޮށް ގެންގުޅޭށެވެ.
3. ވައިގެތެރެއަށާއި ތަންތަނަށްވާގޮތަށް ކެއްސާ ކިބިހިނޭޅުން
ކޯވިޑް-19ގައި އިއްވޭ އެންމެ އާއްމު އެއްވާހަކައަކީ ކެއްސާ ކިބިހި އަޅާނަމަ އަނގަމަތި ރަނގަޅަށް ނިވާކުރުމެވެ. އެހެންނަމަވެސް އަބަދު ފޭސްމާސްކް އަޅައިގެން އުޅުމަކީ ހަރަދުވެސް ބޮޑުކަމެކެވެ.
އެހެންކަމުން އަމިއްލަ ކޮޓަރިއަށް އެހެންމީހަކު ވަންނަ ވަގުތު ނޫން އެހެންވަގުތުތަކުގައި ފޭސް މާސްކް ނާޅަވެސް އުޅެވިދާނެއެވެ. އަދި އެ ވަގުތުތަކުގައި ކެއްސާނަމަ އުޅަނބޮށިން އަނގަމަތި ނިވާކުރާށެވެ.
އަދި ހާއްސަކޮށް މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ ދެމަފިރިން ނަމަވެސް ވަކިން ކޮޓަރީގައި އުޅުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.
4. އަތްދޮވުން
މިއީ ކޯވިޑް-19އިން ރައްކާތެރިވުމަށް އެޅޭނެ އެންމެ އެދެވިގެންވާ ފިޔަވަޅެވެ. ހާއްސަކޮށް އަމިއްލަ އަތުގައި ވައިރަސް ހުރެ އެއަތުން މޫނާއި ނޭފަތް ލޯ އަދި އަނގައިގަ އަތްލައިފިނަމަ ވައިރަސް އެރުމުގެ ފުރުސަތު ބޮޑުވެއެވެ.
އެހެންކަމުން ގޭތެރޭގައިވެސް ބަލިމީހަކު އުޅޭނަމަ ގިނަގިނައިން އަތްދޮވުމަށް ސަމާލުވާންވާނެއެވެ. އެގޮތުން މަދުވެގެން 20 ސިކުންތުވަންދެން ސައިބޯނިލައިގެން އަތްދޮވުމަށް ސިއްހީ މާހިރުންވެސް އިރުޝާދުދެއެވެ.
ފެނާއި ސައިބޯނި ނެތް ހާލަތްތަކުގައި އެންމެ ރަނގަޅުގޮތަކީ ހޭންޑް ސެނިޓައިޒާއިން ރަނގަޅަށް އަތް ސާފުކުރުމެވެ. ހޭންޑް ސެނެޓައިޒާރގެ ތެރެއިންވެސް 60 އިންސައްތަ އަލްކަހޯލް ބޭސްޑް ސެނިޓައިޒާރގެ ބޭނުންކުރުމަށް ޑޮކްޓަރުން ބާރުއަޅައެވެ.
5. ގޭތެރޭގައި ހުންނަ "އަބަދު އަތްލެވޭ" ތަކެތި ރަނގަޅަށް ސާފުކުރުން
ގޭތެރޭގައިވެސް އެންމެ އާއްމުކޮށް އަތްލެވޭނެ އެކައްޗަކަށްވާނީ ދޮރުގެ ތަޅެވެ. މިތަންތަނަކީ އަބަދުވެސް ޑިސްއިންފެކްޓަންޓް އެއް ބޭނުންކޮށްގެން ސާފުކުރަންޖެހޭނެ ތަންތަނެވެ ދޮރު ތަޅުގެ އިތުރުން މޭޒުތަކާއި، ފާހަނާ ޝަވަރު ގޮބުތަކާއި ފާހަނާތަށި އަދި ފޯނު، ޓެބްލެޓްސް ފަދަ އެއްޗެއްސަކީ ކޮންމެ ދުވަހަކު ޤަވާއިދުން ސާފުކުރަން ޖެހޭނެ އެއްޗެއްސެވެ.
އަދި މިފަދަ އެއްޗެހި ސާފުކުރާއިރު އަތަށް ރަބަރު އަންގިއެއް ލައްވައިގެން ސާފުކުރުމަށް ސިއްހީ މާހިރުންވެސް އިރުޝާދުދެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)