ޗައިނާއިން އުފެދުނު ކޮރޯނާވައިރަސް ހުސްވި ހަފްތާގައި މިވަނީ ރާއްޖެއިންވެސް ފެނިފައެވެ. ވައިރަސް ރާއްޖެއިން ފެނުނު ދުވަހުން ފެށިގެން މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ކޯވިޑް-19ގެ އިތުރުން މި ދުވަސްވަރަކީ އާންމުރޯގާތައްވެސް ހަލުވި ކަމާއެކު ފެތުރެމުންދާ ދުވަސްވަރެކެވެ. އެގޮތުން ފްލޫގެ އިތުރުން އަރިދަފުސް ރޯގާއާއި އަދި ބޭރަށް ހިންގުމުގެ ކޭސްތައްވެސް ގިނަ އަދަދަކަށް މިދުވަސްވަރުދަނީ ރިޕޯޓުކުރަމުންނެވެ.
ކޯވިޑް-19 އަކީ އެހެން ފްލޫއަދި ރޯގާތަކެކޭވެސް އެއްގޮތަށް ނޭވާލާ ނިޒާމަށްޖެހޭ ބައްޔެއްކަމުން މި ބަލީގެ އަލާމާތްތަކާއި އެހެނިހެން ރޯގާތަކުގެ އަލާމާތްތަކާއި މާބޮޑު ތަފާތެއް ނުހުރެއެވެ. އެހެންނަމަވެސް އާންމުރޯގާއެއް ޖެހިގެން ނުވާ ދެތިން ކަމެއް ކޯވިޑް-19ގައި ދިމަވެއެވެ.
ކޯވިޑް-19 އާއި އެހެނިހެން ރޯގާތަކާއި ހުރި ތަފާތަކީ ކޮބާ؟
ތިރީގައި މިވަނީ ކޯވިޑް-19 އާއި އާންމު ރޯގާ އަދި ފްލޫގައި ހުރި ތަފާތުތަކެވެ.
ކޯވިޑް-19 އާއި އެހެނިހެން އާންމު ރޯގާތަކާއި ތަފާތުތަކެއް ހުރުމާއެކު، ހަށިގަނޑުން ރޯގާގެ އަލާމާތެއް ފެނުނުނަމަވެސް ކޯވިޑް-19ގެ އަލާމާތެއް ނުފެންނަހާ ހިނދަކު ބިރާސްވުމުގެ ބޭނުމެއް ނެތެވެ.
އެހެންކަމުން އާންމު ރޯގާގެ އަލާމާތެއް ހަށިގަނޑުން ފެނިއްޖެނަމަ އަމަލުކުރާނޭ ގޮތްތަކުގެ އިރުޝާދުތައްވެސް ސިއްހީ މާހިރުން ވަނީ ދީފައެވެ.
މާލޭގައި ހުރި ފްލޫ ކްލިނިކްތަކަކީ ކޮބާ؟
ރާއްޖޭގައި އާންމުގޮތެއްގައި ފްލޫ ފެތުރޭނަމަ ފްލޫއަށް ހާއްސަކޮސް ކްލިނިކްތައް ޤާއިމްކުރުމަކީ ކުރިންވެސް ކުރަމުން އައި ކަމެކެވެ.
އެހެންނަމަވެސް މިހާރުގެ ހާލަތު ތަފާތުވުން އެކި ހާލަތްތަކަށް ރިއާޔަތްކޮށް ހެލްތުން ވަނީ މާލޭ ސިޓީގައި ތަފާތު ތިން ކްލިނިކެއް ޤާއިމްކޮށްފައެވެ.
1. ސިނަމާލެ ޓްރެވަލް ފްލޫ ކްލިނިކް (ކޮއިމަލާ ހިނގުމުގައި އޮންނަ ހުސްބިން ނުވަތަ ޕީޕީއެމްގެ ކުރީގެ ޖަގަހަ)
މި ކްލިނިކް ހާއްސަކޮށްފައިވަނީ ފާއިތުވި 14 ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންވެސް ހިސާބަކަށް ދަތުރުކޮށްފައިވާ މީހުންގެތެރެއިން ފްލޫ ކަހަލަ އަލާމާތެއް ހަށިގަނޑުން ފެންނަ މީހުންނަށެވެ.
ޓްރެވަލް ފްލޫ ކްލިނިކް އަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެކެވެ.
2. ސެނަހިޔާ ފްލޫ ކްލިނިކް (މޫން ލައިޓް ހިނގުމުގައި ހުންނަ ސެނަހިޔާ ހޮސްޕިޓަލްގެ އެތެރޭގައި)
ސެނަހިޔާ ފްލޫ ކްލިނިކަކީ ފާއިތުވި 14 ދުވަހުގެ ތެރޭގައި ދަތުރުފަތުރުކޮށްފައިނުވާ މީހުންގެ ތެރެއިން ފްލޫ ކަހަލަ އަލާމާތެއް ހަށިގަނޑުން ފެނިއްޖެނަމަ ދިއުމަށް ހާއްސަކޮށްފައިވާ ކްލިނިކްއެކެވެ.
މި ކްލިނިކް ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން ރޭގަނޑު 10:00 އާއި ހަމަޔަށެވެ.
3. އެކްސްޕަޓް ފްލޫ ކްލިނިކް (ހުޅުމާލޭ ޕްރީސްކޫލް، ޝްވެކް ސިނަމާ ކައިރި)
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ހާއްސަ މި ފްލޫ ކްލިނިކްއަށް ޒިޔާރަތްކުރާއިރު އެއްވެސް ކަހަލަ އައިޑީކާޑެއް ބޭނުންމެއް ނުވާނެއެވެ.
މި ކްލިނިކް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ.
4. އޭޑީކޭ އޮންލައިން ފްލޫ ކްލިނިކް
މި ފްލޫ ކްލިނިކްއިން ހުރިހާ ހިދުމަތެއްވެސް ފޯރުކޮށްދޭނީ ހިލޭއެވެ. އެގޮތުން އޭޑީކޭގެ ފޯން ނަމްބަރު 3313553 އިން ހެނދުނު 08:00 އިން ރޭގަނޑު 08:00 އާއި ހަމަޔަށް ބަލިމީހުންގެ އެޕޮއިންޓްމަންޓްތައް ނަގަމުން ގެންދާނެއެވެ.
އަދި ފޯނު މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމާއި ބޭސް ސިޓީ ދޫކުރުމުގެ ހިދުމަތްވެސް މި ކްލިނިކުން ފޯރުކޮށްދޭނެ އެވެ.
1676އަށް ގުޅަންވީ ކޮން ހާލަތްތަކެއްގައި؟
1676 ހޮޓްލައިން ނަމްބަރަކީ ފްލޫގެ މައުލޫމާތު އެންމެ ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށް މި ސަރުކާރުން ހުޅުވާލި އެއް ވަސީލަތެވެ. އެހެންނަމަވެސް ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތުން ބައެއް މީހުން މާބޮޑަށް ބިރާސްވެ މި ނަމްބަރަށް ގުޅާ ފަހަރުވެސް އާދެއެވެ.
މިއީ ރަނގަޅުކަމެކެވެ. ކަމެއް އޮޅުންނުފިލާނަމަ 1676އަށް ގުޅައިގެން މައުލޫމާތު އޮޅުންފިލުވުމަށް ސިއްހީ އިދާރާތަކުން ވެސް އިރުޝާދު ދެއެވެ.
އެގޮތުން 1676އަށް ގުޅަންވީ ހާލަތްތަކަކީ:
• ކޯވިޑް-19ގެ ކޭސްއެއް ރިޕޯޓުކުރަން ބޭނުންވެއްޖެ ހާލަތެއްގައި
ކޯވިޑް-19ގެ އަލާމާތްތައް އަމިއްލަ ނުވަތަ ގާތުގައި އު ޅޭ އެހެން މީހެއްގެ ހަށިގަނޑުން ފެންނަނަމަ މި ނަމްބަރަށް ގުޅާ ކޭސް ރިޕޯޓުކުރުމަށް ސިއްހީ އިދާރާތަކުން އިރުޝާދުދެއެވެ.
އެގޮތުން 1676އަށް ގުޅުމުގެ ކުރިން މި އަލާމާތްތައް ހަށިގަނޑުން ފެނޭތޯ ޔަގީންކުރުން މުހިންމެވެ.
ހުން އައުން
ކަރުގައި ރިއްސުން
ނޭވާލާން އުނދަގޫވުން
ކެއްސުން
ރޯގާޖެހިފައި ހުރުން
• ކޯވިޑް-19 އާއި ގުޅޭ މައުލޫމާތެއް ހޯދުމަށް
ކޯވިޑް-19 ފެތުރެމުންދާ މިވަގުތަކީ ނާޒުކު ދަނޑިވަޅެއްކަމުން ކޮންމެ މީހަކުވެސް މައުލޫމާތެއް އެހެން ބަޔަކާއި ހިއްސާކުރުމުގެ ކުރިން އެކަމުގެ ތެދުދޮގު އޮޅުންފިލުވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.
މިފަދަ މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމްތައްވެސް މިވަނީ ސަރުކާރުން ހަމަޖައްސާފައެވެ.
އަދި މީގެއިތުރުން ރާއްޖޭގެ މަޝްހޫރު ޑޮކްޓަރުން ޓްވިޓާ މެދުވެރިކޮށްވެސް މިފަދަ ސުވާލުތަކަށް ޖަވާބުދެއްވައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)